ޖޭޕީގެ ސިޔާސަތުތަކާ ދެކޮޅު މީހުންނަށް ގާސިމްގެ ބަހުގެ ހަމަލާއެއް!

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސިޔާސަތުތަކާ ދެކޮޅު މީހުންނަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.


އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރެއްވުމަށް ގާސިމް ނިންމެވުމުން ޖޭޕީގެ ލީޑަޝިޕްގައި ތިއްބެވި ބައެއް ބޭފުޅުންގެ ނުރުހުން ވަނީ ގާސިމަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

އޭގެ ތެރޭގައި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ޖޭޕީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި އެންވަޔަރްމަންޓް މިނިސްޓަރު ހުސައިން ރަޝީދު ހިމެނިވަޑައިގަންނަވަ އެވެ. އެ ބޭފުޅުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޖޭޕީ ކައުންސިލްގެ ވަޓްސްއެޕް ގްރޫޕްގައި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުންނަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އެބޭފުޅުންނަށް މަގާމު ލިބިވަޑައިގަތީ ޖޭޕީގެ "ބުރަކަށި މަތިން"ނާއި ޕާޓީ އަށް "ސަވާރުވެގެން" ހުންނެވީމަ ކަމަށެވެ. ޖޭޕީ ނިކަމެތި ކަމުގައިވިޔަސް، އެ ލިބުނު މަގާމެއް ވެސް ލިބިވަޑައިގެންފައި ވަނީ ޖޭޕީއާ ހުރެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަރުދާހެއް ދައްކަވަނީ. އެމަނިކުފާނު ބަހުގެ ހަމަލަތައް އަމާޒު ކުރެއްވީ ސަރުކާރު ސްލޮޓްތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުންނަށް.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ވީ އިރު، އިހްލާސްތެރިވުމަކީ ތެދުވެރިވުމަކީ، އަމާނާތްތެރިވުމަކީ އިންސާނިއްޔަ ވަންތަކަމަކީ މި ނިކަމެތި ޖޭޕީ އަށް ހިދުމަތްކޮށް ދިނުން. ޖޭޕީ ނިކަމެތި ވާނެ ކަމެއް ނުކުރެއްވުން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ސަރުކާރުގައި ތިއްބެވި ބޭފުޅުން ވެސް ކުރައްވަން ޖެހޭ ކަމަކީ ހުތުރު ބަހެއް ވެސް ޖޭޕީއާ މެދު ވިދާޅު ނުވެ، ޕާޓީ ވަރުގަދަ ކުރަން މަސައްކަތް ކުރެއްވުމެވެ. މަގާމެއްގައި ހުންނެވި ބޭފުޅަކަސް، އެ މަގާމު ލިބިވަޑައިގެންފައިވަނީ އެ ނިކަމެތި ޖޭޕީގެ ސަބަބުން ކަމަށް ގާސިމް ތަކުރާރު ކުރެއްވި އެވެ.

"ޖޭޕީގެ ފަރާތުން މަގާމެއްގައި ހުންނެވި ކޮންމެ ބޭފުޅަކުވިޔަސް، އެ މަގާމެއްގައި ހުންނެވުމުގެ ބޭނުމުގައި ޖޭޕީން ވަކިވެވަޑައިގަންނަވާ ނަމަ، ފުރަތަމަ ކުރައްވަންވީ ކަމަކީ އިސްތިއުފާ ދެއްވުން ނޫންތޯ؟ އެއީ ނޫންތޯ ފިރިހެން ކަމަކީ ނުވަތަ އަންހެން ކަމަކީ ނުވަތަ އިންސާނިއްޔަތު ކަމަކީ،" ގާސިމް ސުވާލު ކުރެއްވި އެވެ.

ގާސިމް ވިދާޅުވީ އެ ބޭފުޅުންނަށް މަގާމު ލިބިވަޑައިގަތީ ޖޭޕީގެ "ބުރަކަށި މަތިން"ނާއި ޕާޓީ އަށް "ސަވާރުވެގެން" ހުންނެވީމަ ކަމަށް. ޖޭޕީ ނިކަމެތި ކަމުގައިވިޔަސް، އެ ލިބުނު މަގާމެއް ވެސް ލިބިވަޑައިގެންފައި ވަނީ ޖޭޕީއާ ހުރެ ކަމަށް ވިދާޅުވި.

ގާސިމްގެ މެސެޖްގައި ވަނީ އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި މަޖިލިހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް އިންތިހާބު ކާމިޔާބުކޮށް ދެއްވުމަށް ގަދަ އަޅައި މަސައްކަތްކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑު މިކަމާ މެދު މިހެން މި ދެންނެވީ ޖޭޕީ އަށް މިގޮތަށް މަޖިލިހުގެ ގޮނޑިތަކަށް ނުކުންނަން މަޖުބޫރުވީ އެމްޑީޕީން މިކަމާ މެދު ވީ ވަހުދާއި އަހުދު އުވާލައި ހިޔާނާތްތެރި މަކަރުވެރިވެ، އަނިޔާވެރިވީމާ. އެހެން ނޫނީ ޖޭޕީން ކުރިމަތިލީހީ މުޅިއަކު 22 ގޮނޑިއަށް،" ގާސިމް ވިދާޅުވި އެވެ.

ކޯލިޝަން ތެރޭގައި ދެބަސްވުން އުފެދުނު ބޮޑު ސަބަބަކީ މަޖިލިސް އިންތިހާބުގައި 86 ދާއިރާއަކަށް ވާދަކުރަން އެމްޑީޕީން ނިންމުމެވެ. އެއީ ކޯލިޝަންގެ އެހެން ޕާޓީތަކަށް "ތަހަންމަލު" ކުރެވުނު ކަމެއް ނޫނެވެ. ސަރުކާރުގައި ޕާޓީތައް ހިއްސާވާ ނިސްބަތަށް މަޖިލީހުގެ ގޮނޑިތައް ބަހާލަން ޖޭޕީން ބޭނުންވި އިރު، އެމްޑީޕީން ތިބީކީ ދޫދޭ ގޮތަކަށް ނޫނެވެ. ދާއިރާތައް ޕާޓީތަކަށް ބަހާލުމުގެ ބަދަލުގައި އެމްޑީޕީން ނުކުމެ، މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދުމަކީ އެ ޕާޓީން މިހާރު ވެސް ދެކޭ ހުވަފެނެވެ.

ޕާޓީތައް ހިއްސާވާ ނިސްބަތަށް މަޖިލީހުގެ ގޮނޑިތައް ބަހާލުމުން އެމްޑީޕީ އަށް ލިބެނީ 35 ދާއިރާ އެވެ. ޖޭޕީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް 17 ދާއިރާ އެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު އާއި ގާސިމް ސަމާސަ ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޖޭޕީގެ މައި ޖަގަހަ، އަދި އެ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ދާދި ފަހުން ގާސިމް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެކުގައި ކާމިޔާބު ކުރުމަށް އެއްބަސްވުމެއް ހަދައިގެން އައުމުން، އެއްބަސްވުމާ ހިލާފުވީ ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ކަމަށެވެ. އެހެންވެ، ޖޭޕީން "ނާށިގަނޑު" ހިފައިގެން ނުކުމެ، އެކިއެކި ޕާޓީތަކާ ވާހަކަ ދައްކަން ޖެހުނީ ކަމަށް ވިދާޅުވި އެވެ. ޕީޕީއެމް/ކޮންގްރެސް ޕާޓީއާ އެކު އެއްބަސްވުމަކަށް އާދެވުނީ އެ މަޝްވަރާތަކުން ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް އެމަނިކުފާނުގެ އަނބިކަނބަލުން އައިޝާ ވިދާޅުވީ ޔާމީނަށް މާފައެއް ނުކުރައްވާނެ ކަމަށާއި އެމަނިކުފާނުގެ ތާއީދާ އެކު ނުކުންނަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ވެސް ނުކުރައްވާނެ ކަމަށެވެ.

"އަބްދުﷲ ޔާމީންގެ ފަރާތުން ނުކުމެ ހުރި އެއްވެސް ކެންޑިޑޭޓަކަށް ހަމަ ގައިމު ވެސް އަޅުގަނޑުގެ ތާއީދެއް ނޯންނާނެ ވާހަކަ [މިދެންނެވީ]. އަޅުގަނޑު ހުންނާނީ ސަރުކާރާ އެކުގައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ މި ކޯލިޝަން، ޖޭޕީ ވެސް އޮންނާނީ ހަމަ ސަރުކާރާ އެކީ،" އައިޝާ ވިދާޅުވި އެވެ.