މެޖޯރިޓީ ނުލިބިއްޖެ ނަމަ ދާނީ ބަޣާވާތަކާ ދިމާލަށް: ރައީސް

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުން އެމްޑީޕީ އަށް އަޣުލަބިއްުޔަތު ނުލިބިއްޖެ ނަމަ މިސްރާބު ޖަހާނީ ބަޣާވާތަކާ ދިމާލަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


ނ. ވެލިދޫގައި އެމްޑީޕީން ބޭއްވި، މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ގިނަ ވައުދުތަކާ އެކު ކަމަށެވެ. އެގޮތުން، އެ ވައުދުތައް ފުއްދުމަށްޓަކައި ގާނޫނީ ބާރު ލިބޭނެ ގޮތް ހަދައިދޭން ޖެހޭ ކަމަށާއި އެމްޑީޕީގެ 'އެޖެންޑާ 19' ގައި އެކަމުގެ ތަފްސީލުތައް ބަޔާންކޮށްފައިވާ ކަމަށް އެމަނިިކުފާނު ވިދާޅުވި އެވެ.

'އެޖެންޑާ 19' އަކީ އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ އާންމު އިންތިޚާބަށް، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ތައްޔާރުކުރި ސިޔާސަތެކެވެ. އޭގައި އެ ޕާޓީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާނެ ކަންތައްތައް ބަޔާންކޮށްފައި ވެ އެވެ.

ވެލިދޫގައި އެމްޑީޕީން މިރޭ ބޭއްވި މަޖިލިސް ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލިހުގައި އެކަމަށް ތާއިދުކުރާ މެމްބަރުންތަކެއް ތިބެން ޖެހެ އެވެ. އަދި މަޖިލިހުގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީ އަށް އޮންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނޫނީ ފެނިގެންދާނީ ވައުދުތައް ނުފުދިގެންދާ މަންޒަރުކަން އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރު ފެބްރުއަރީ 7، 2012 ގައި ވެއްޓުނީ އިދިކޮޅުން ކުރި މުޒާހަރާތަކާއި ފުލުހުންނާއި ސިފައިން ވެސް އެ ސަރުކާރާ ދެކޮޅަށް ތެދުވެ، ހިންގި ކަންތައްތަކަށް ފަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ. ސަރުކާރާ ދެކޮޅު ހަރަކާތްތައް އޭރު ފެށުނީ ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމާއި އަދި ސިޔާސީ ބައެއް އިސްވެރިން ހައްޔަރުކުރުމާ ގުޅިގެންނެވެ. ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް، އެ މައްސަލަ ބަލަން އެކުލަވައިލި ނެޝަނަލް އިންކުއަރީ ކޮމިޝަނުން ނިންމާފައި ވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ.

"...ދެވަނަ ފަހަރަށް އެ ކަހަލަ ކަމެއް، ރައްޔިތުން އިންތިޚާބު ކޮށްފައި ހުރި ވެރިކަމަކަށް ކުރިމަތިލާން ޖެހުމަކީ މި ގައުމު އަނެއްކާ ވެސް އެތައް އަހަަރެއް ފަހަތަށް ދާނެ އަހަރުތަކަށް ވާނެ،" ނ. އަތޮޅުގެ ދާއިރާތަކަށް އެމްޑީޕީން ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

"އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މި ކަންތައްތަކަށް ވިސްނާވަޑައިގެން ރައްޔިތުންގެ މަޖިލިހަށް، އަޅުގަނޑުމެން ވި ވައުދުތައް ފުއްދުމަށްޓަކައި އެ އަށް ތާއީދުކޮށް އެ ކަން ގަބޫލުކުރާ މެމްބަރުން ހޮވުމަކީ ވަރަށް ވަރަށް މުހިއްމު، ބޭނުންތެރި ކަމެއް."

ވެލިދޫގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ވައުދުތައް ފުއްދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ކަންތައްތައް ހާސިލް ވެސް ވެފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ވައުދާ އެއްގޮތަށް ސްކޫލް ކުދިންނަށް ނާސްތާ އާއި ހިލޭ ޑިގްރީ އަށް ކިޔެވޭނެ ފުރުސަތުތައް ވަނީ ފަހިކޮށްދީފަ އެވެ. އެކަމަކު، އެ ކަންތައް ކުރަނީ އިތުރަށް ބޮޑު ޓެކްސް އެއް ނަގައިގެން ނޫން ކަމަށާއި އެއީ ކުންފުނިތަކާއި ސަރުކާރުގެ ހިންގުމަށް ނެރެވުނު ބަދަލުތަކެއްގެ ސަބަބުން ކުރަމުން އަންނަ ކަންތައްތައް ކަމަށް ވިދާޅުވި އެވެ.

އާސަންދައިގެ ދަށުން ފޯރުކޮށްދޭ އެހީ އަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހަމައެކަނި ކުރަން ބޭނުންވާ ކަމަކީ އެ ފައިސާ އަށް ހިޔާނާތްތެރި ނުވާނެ މީހުން އެ ތަންތަނުގައި ތިބުން. ވައްކަން ނުކުރުން. ދައުލަތަށް ގަންނަ މުދަލުން އެ ރަނގަޅަށް ބެލެހެއްޓިއްޖެ ކަމަށް ވަންޏާ ދައުލަތުން ހޭދަކުރާ ފައިސާ 20-30 ޕަސެންޓަށް ފައިދާގެ ގޮތުގައި ރައްކާތެރިކުރެވޭ،" ރައީސް ވިދާޅުވި އެވެ.

މި ފަހަރުގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީ އަށް އަޣުލަބިއްޔަތު ލިބެންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީން ބުނަމުން ދިޔަ ނަމަވެސް އެ ޕާޓީއާ އެކު، މި ސަރުކާރު ހިންގާ ކޯލިޝަންގެ އެހެން ބައިވެރިން އެކަމާ ދެކޮޅެވެ. ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރާ މީހުން ބުނަމުން އަންނަނީ މަޖިލިހަށް ވަކި ޕާޓީއެއްގެ އަޣުލަބިއްޔަތު މުހިންމު ނޫން ކަމަށާއި މުހިންމީ ކޯލިޝަންގެ ޕާޓީތަކުގެ އަޣުލަބިއްޔަތު ކަމަށެވެ. އެމްޑީޕީ އަށް މަޖިލިހުގެ އަޣުލަބިއްޔަތު ދިނުމާ އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅު ހައްދަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމެވެ.

އެމަނިކުފާނު ވިދާޅުވަނީ ވަކި ޕާޓީ އަކަށް މަޖިލިހުގެ އަޣުލަބިއްޔަތު ދީފި ނަމަ، ގައުމުގެ ކަންކަން ބޭނުން ގޮތަކަށް ގެންގޮސް ބޮއްސުންލާނެ ކަމަށެވެ. އަދި ގާސިމް ވަނީ ސަރުކާރު ހިންގާ އިއްތިހާދަށް މަޖިލިހުގެ އަޣުލަބިއްޔަތު ލިބުމުގެ އިތުރުން ސަރުކާރު ޒިންމާދާރު ކުރެވޭ ވަރަށް އިދިކޮޅު މެމްބަރުން އިންތިޚާބުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.