ހަތަރު ދާއިރާއެއްގައި އަދާލަތުގެ ތާއީދު އެމްޑީޕީއަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހޯރަފުށި ދާއިރާ އާއި އަލިފުށި، ކެނދިކުޅުދޫ އަދި ދާއިރާ ފަރެސްމާތޮޑާ ދާއިރާ އަށް އެމްޑީޕީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމައިފި އެވެ.


މަޖިލީހުގެ އިންތިހާބުގައި މަހިބަދޫ ދާއިރާ އާއި ނިލަންދޫ ދާއިރާ އަށް އަދާލަތު ޕާޓީން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައި އެ ދެ ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލީ ކެންޑިޑޭޓުން މިއަދު ވަނީ ނަން އަނބުރާ ނަގައިފަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމިކަން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއުލާނު ކުރެއްވީ ފަރެސް މާތޮޑާ ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ފަތުހުﷲ އަހުމަދަށް ކެމްޕޭން ކުރަން ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލްގައި މިހާރު ކުރިއަށްދާ ޖަލްސާ ގަ އެވެ. އެ ދާއިރާތަކުގެ މެމްބަރުންނަށް ފުރިހަމައަށް ތާއީދު ކުރަން އޭނާ އަދާލަތު ޕާޓީގެ މެމްބަރުންނަށް ގޮވައިލެއްވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އެމްޑީޕީއާ އާދަލާތު ޕާޓީގެ ގުޅުން އަދިވެސް އިތުރަށް ބަދަހިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް ދުވަސްތަކުގައި ގުޅިގެން މަސައްކަތް ކުރެވޭނެ. އަދިވެސް އިތުރަށް އަޅުގަނޑުމެންނަށް ގުޅުން ބަދަހިކޮށް ހަރުދަނާ ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެން ކުރާ މަސައްކަތުން މަޖިލިސް އިންތިހާބުގައި ސަރުކާރަށް ފުރިހަމަ ތާއީދު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީއާއި އެމްޑީޕީ އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމަ އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީއާ އަދާލާތު ޕާޓީ ގުޅިގެން ދިގު މުއްދަތަކަށް މަސައްކަތް ކުރެވޭ ގޮތް ވުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ. އަދާލަތު ޕާޓީއަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެ ޕާޓީއަކީ ގާބިލު ބޭފުޅުން ތިއްބެވި ޕާޓީއެއް ކަމަށެވެ.

މަހިބަދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓުގެ ނަން ނެގިއިރު، އެއީ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ މަޝްވަރާގެ ދަށުން އެމްޑީޕީން ވާދަނުކުރަން ކުރިން ވާހަކަ ދެއްކި ހަ ދާއިރާގެ ތެރޭގައި ހިމެނޭ ދާއިރާ އެކެވެ. މަހިބަދޫ ދާއިރާގެ އިތުރުން ދެން އަދާލަތަށް ދޫކޮށްލަން އެމްޑީޕީން ވިސްނީ ވައިކަރަދޫ ދާއިރާ، މަކުނުދޫ ދާއިރާ، ކާށިދޫ ދާއިރާ އަދި މިލަންދޫ ދާއިރާގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާ އެވެ. އެކަމަކު މަހިބަދޫ ދާއިރާ ފިޔަވައި އެހެން ދާއިރާ އަކުން އެއްބަސްވި ގޮތަށް ނަން އަނބުރާ ނުނަގަ އެވެ.

އިންތިޚާބުގައި 85 ދާއިރާއަކަށް އެމްޑީޕީން ވާދަކުރާއިރު، ނިލަންދޫ ދާއިރާއަކީ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިލިބިވަޑައިގަތް ދާއިރާއެކެވެ.