އަދާލަތާއި އެމްޑީޕީ އެއްބައިވީމާ ބައްޔެއް ނުކުރެވޭނެ: ނަޝީދު

އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން މަސައްކަތް ކުރާ ނަމަ އެ ދެ ޕާޓީ ސިޔާސީ ގޮތުން ބަލި ނުކުރެވޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދާލަތު ޕާޓީ އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފަރެސް މާތޮޑާ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ އަހްމަދަށް ކެމްޕޭން ކުރުމަށް ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލްގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަަވަމުން ނަޝީދު ވިދާޅުވީ އަދާލަތާއި އެމްޑީޕީ އެކުގައި ތިއްބާ ވެރިކަން ގުޑުވާލެވޭ ވަރުގެ ސިޔާސީ ބައެއް ރާއްޖެއަކު ނެތް ކަމަށެވެ.

"އަދާލަތު ޕާޓީ އާއި އެމްޑީޕީ އެކުގައި ތިއްބާ، ދެނެއް ނެތް، ދެނެއް ނެތް މި ދިވެހިރާއްޖޭގައި އިރާދަކުރެއްވިއްޔާ އެހެން ސިޔާސީ ބައެއް، އަޅުގަނޑުމެންގެ ސަފުތައް ފޫއަޅުވައިލެވޭނެ އަދި މި ދިވެހިރާއްޖޭގެ ވެރިކަން ގުޑުވައިލެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އަދާލަތަށް ތާއީދު ކުރައްވާ ވާހަކަ ދެއްކެވީ ހޯރަފުށި ދާއިރާ އާއި އަލިފުށި އަދި ދާއިރާ ފަރެސްމާތޮޑާ ދާއިރާ އަށް އެމްޑީޕީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމިކަން އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއުލާނު ކުރެއްވި ފަހުންނެވެ. އިމްރާން އެކަން އިއުލާނު ކުރެއްވީ ހަމަ ޖަލްސާގައި ނަޝީދަށް ވުރެ ކުރިން ވާހަކަ ދައްކަވަމުންނެވެ.

ދެ ޕާޓީގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އަދާލަތު ޕާޓީއަކީ ދިވެހިން ބޭނުންވާ ކިތަންމެ ކަމަކަށް އަދާލަތުން އަޑު އުފުލާ ކަމަށާއި އެމްޑީޕީގެ ހުރިހާ ސިޔާސަތުތަކަކީ ވެސް އެ ޕާޓީން ތާއީދު ކުރާ ކަންތައްތަކެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ކުޅަދާނަ ކަންތައްތަކެއް ހުންނަ ކަމަށާއި އެހެން ނަމަވެސް އަދާލަތުން ފިލާވަޅު ނަގަން ޖެހޭ ކަންތައްތަކެއް ވެސް އެބަހުރި ކަމަށެވެ.

"ހާއްސަ ގޮތެއްގައި އަދާލަތު ޕާޓީގައި މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތައް ބަޔާންކޮށްދިނުމުގެ ވަރަށް ފުރިހަމަ ގާބިލުކަމެއް އެކުލެވިގެންވޭ. އެއީ އެމްޑީޕީ ސަގާފީ ގޮތުން މި ޕާޓީ ދައްކާ އަދި އަޅުގަނޑުމެންނަށް ހާމަ ކުރެވޭ ގާބިލުކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ދެ ޕާޓީގައިވާ އެ ތަފާތު އެއްކޮށްލުމުން ދިވެހިންނަށް ލިބޭނީ ވަރަށް ފުރިހަމަ ދިވެހިރާއްޖެއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ، ދެ ޕާޓީ އެކުވީމާ ދިވެހިން ބޭނުންވާ ފުރިހަމަ ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ ދިވެހިންނަށް ލިބޭނެ،" ނަޝީދު ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އެމްޑީޕީއާ އާދަލާތު ޕާޓީގެ ގުޅުން އަދިވެސް އިތުރަށް ބަދަހިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް ދުވަސްތަކުގައި ގުޅިގެން މަސައްކަތް ކުރެވޭނެ. އަދިވެސް އިތުރަށް އަޅުގަނޑުމެންނަށް ގުޅުން ބަދަހިކޮށް ހަރުދަނާ ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެން ކުރާ މަސައްކަތުން މަޖިލިސް އިންތިހާބުގައި ސަރުކާރަށް ފުރިހަމަ ތާއީދު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީ އާއި އެމްޑީޕީ އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.