100 އަންހެނުން ފުނަދޫން މާލެ އަށް ފަތަނީ

އެސްޓީއޯ އިން މާލެ ކައިރި، ތެޔޮ ރައްކާކުރާ ރަށް ފުނަދޫން 100 އަންހެނުން، މާލެ އަށް ފެތުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.


ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ލައިފް ގާޑް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިމަހު 30 ވަނަ ދުވަހުގެ ހަވީރު ބާއްވަން ނިންމާފައިވާ ފެތުމުގެ ހަރަކާތުގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި އަންހެނުންގެ އިތުރުން އެކި ދާއިރާތަކުން ޖުމުލަ 100 އަންހެނުން ބައިވެރިވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

އެ އިވެންޓް ބާއްވަން ނިންމާފައިވަނީ ހުރަސްތައް ނައްތާލުމުގެ މޮޓޯއާ އެކު "ބްރޭކް ދަ ބެރިއާ"ގެ ނަމުގަ އެވެ.

"އަންހެނުން ދުވަސް ފާހަގަކުރުމަށް މަލެއް ދީގެން ނިންމާލެވޭކަށް ނެތް. އެއަށް ވުރެ މާބާރުގަދަ ކަންކަން ކުރެވޭ ބައެއް އަންހެނުންނަކީ،" ލައިފް ގާޑް އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ އިވެންޓް ބާއްވާތީ އެ ދުވަހު މެންދުރު ފަހުން ފެށިގެން މާލެ އާއި ފުނަދުއާ ދޭތެރޭ ދަތުރުފަތުރު ނުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގައި އިއްޔެ އާއްމު އިއުލާނެއް ވެސް ކޮށްފަ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހަކީ މި މަހުގެ އަށް ވަނަ ދުވަހެވެ. އެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ވެސް ތަފާތު ހަރަކާތްތައް ހިންގި އެވެ.