ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑަށް ދެވޭ ގޮތް ހަދައިފި

ޓޫރިސްޓުންގެ ގޮތުގައި ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑަށް ދެވޭ ގޮތް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިދީފި އެވެ.


ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ އަންނަ މަހުގެ 14 އިން ފެށިގެން ވިސާއާ ނުލައި ތައިލެންޑަށް ދެވޭނީ ޓޫރިޒަމްގެ ބޭނުމަށް އެ ގައުމަށް ދާ ދިވެހިންނަށް ކަމަށެވެ. އެގޮތުން ތައިިލެންޑަށް ގޮސް އެ ގައުމުގައި ތިބެވޭނީ މަހެއް ވަންދެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދޭން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކުން ވެސް ވިސާގެ ލުޔެއް ލިބޭތޯ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިހާރު ތައިލެންޑަށް ދާ ދިވެހިންނަށް ވިސާގެ ގޮތުގައި ހާހެއްހާ ރުފިޔާ ދައްކަން ޖެހެ އެވެ. އަދި ޕާސްޕޯޓްގައި ވިސާ ވެސް ޖަހަން ޖެހެ އެވެ.

ޗުއްޓީ ހޭދަކުރަން ތައިލެންޑަށް ދާ މީހުންގެ އަދަދު މިހާރު ގިނަ އެވެ. އަދި މެޑިކަލް ކަންކަމުގައި ވެސް ތައިލެންޑަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރެ އެވެ. ތައިލެންޑަކީ ރާއްޖޭގެ ވިޔަފާރީގެ ވެސް މައިގަނޑު މާރުކޭޓެކެވެ. އެގޮތުން ވަރަށް ގިނަ ވިޔަފާރިވެރިން އާންމުކޮށް އެ ގައުމަށް ދެ އެވެ.

އާޖެންޓީނާގައި ކުރިއަށް ދާ އދ. ގެ ކޮންފަރެންސެއްގެ ހަވާސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ތައިލެންޑްގެ ވަފްދަކާ އެކު ވިސާއާ މެދު މަޝްވަރާ ކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އިންޑިއާ އިން ވެސް ވަނީ ވިސާގެ ލުއިތަކެއް ރާއްޖެ އަށް ދީފަ އެވެ.

ރާއްޖެ-އިންޑިއާ އިން ގާއިމު ކުރި އެއްބަސްވުމުގެ ސަބަބުން ޓޫރިޒަމާއި ބޭސްފަރުވާއަށާއި ތައުލީމް ހާސިލްކުރުމަށާއި ވިޔަފާރި އާއި ވަޒީފާގެ ބޭނުމުގައި، އިންޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާގައި މިހާރު ކުރިމަތިވާ ދަތިތައް ނެތި ފަސޭހަކަމާ އެކު އިންޑިއާ އަށް ދަތުރުކުރުމަށް މަގުފަހި ވާނެ އެވެ.