ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި ކުޑަކުއްޖަކު ޒަހަމްކޮށްލައިފި

ފުވައްމުލަކުގައި މިއަދު ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ 17 އަހަރުގެ ފިރިހެން ކުއްޖަކު ޒަހަމްކޮށްލައިފި އެވެ.


އެ ކުއްޖާގެ އަތަށާއި ބޮލަށް ލިބުނު ޒަހަމްތަކަށް ފުވައްމުލަކު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ ތަނުގެ މީޑިއާ އޮފިޝަލް ހަސަން އަބްދުﷲ ވިދާޅުވީ ކުއްޖާ މިވަގުތު އޮތީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށާއި ނަމަވެސް ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

މާރާމާރީ ހިންގީ ފަތިހު 5:50 ގައި، ފުވައްމުލަކު މަދާދު ގެސްޓްހައުސް ކުރިމަތިންނެވެ. މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. އެކަމަކު މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ކުށް ކުރުން ވަނީ އިތުރުވެފަ އެވެ. އެގޮތުން، ބިރު ދައްކައިގެން ފޭރުމާއި ވައްކަންކުރުން ވަނީ އާންމުވެފަ އެވެ.