އާލިފަކީ މިހާރު އެންޓި ބުލީން އެމްބެސަޑަރެއް ނޫން: އެޑިއުކޭޝަން

ބުލީކުރުމާ ދެކޮޅަށް މަސައްކަތް ކުރަން ހަމަޖެއްސި އާލިފް ނަސީރަކީ މިހާރު އެމްބެސެޑަރެއް ނޫންކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެ މިނިސްޓްރީގެ އޮފިޝަލަކު ވަނީ އާލިފް، 21، އަކީ މިހާރު އެންޓި ބުލީން އެމްބެސެޑަރު ނޫންކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް އޭނާ އެ މަގާމުން ވަކިވީ ކަމެއް ނުވަތަ ވަކިކުރީކަމެއް ސާފެއް ނުވި އެވެ.

ސްކޫލު މާހައުލުގައި ބުލީކުރުމާ ދެކޮޅަށް އަމަލުކުރާނެ އުސޫލެއް ހަދައި އެކަންތަކާ ދެކޮޅަށް މަަސައްކަތްކުރާނެ އެމްބެސަޑަރަކަށް އާލިފް ހަމަޖައްސައި އެކަމުގެ ލިޔުން ހަވާލުކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އެއާ އެކު އޭނާއާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދައްކައި ތުހުމަތުތަކެއް ކުރި އެވެ. އޭގެ ތެރޭގައި އަންހެން ކުދިން ބްލެކްމެއިލްކުރުމާއި ފުރައްސާރަކުރުން ފަދަ ތުހުމަތުތައް ކޮށްފައިވެ އެވެ.

އެ މައްސަލަ ފެންމަތިވުމާއެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އާލިފްގެ ނަން ހަމަޖެއްސީ މިނިސްޓްރީގެ އިތުބާރުކުރެވޭ މުވައްޒަަފުން ނަން ހުށަހެޅުމުންނެވެ. އަދި އާލިފާ ގުޅޭ މައުލޫމާތު ސާފުކުރިއިރު ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ފާހަގަ ނުވި ކަމަށް ވިދާޅުވި އެވެ.

ޖިންސީ ފުރައްސާރަކުރުމާ ދެކޮޅަށް އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް ގެންގުޅޭނީ ޒީރޯ ޓޮލެރެންސް ކަމަށާއި އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް މިނިސްޓަރު ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ތުހުމަތުތަކާ ގުޅިގެން އާލިފް މިިދިޔަ މަހު ކުރި ޓްވީޓުގައި ވަނީ އޭނާއާ ގުޅޭ ގޮތުން ކުރި ތުހުމަތުތަކަށް އެއްބަސްވެފައި އެވެ. އޭނާ ބުނީ އެހެން މީހުންނަށް ކުށްކުރެވޭ ފަދައިން އޭނާއަށް ވެސް ގޯސްކޮށް ކަންތައް ކުރެވިފައިވާ ކަމަށެވެ. އެހެންވެ އެކަމަށް ވަނީ މައާފަށް އެދިފަ އެވެ.

އާލިފަކީ އެކި ކަންކަމާ ގުޅޭ ތަފާތު ވީޑިއޯތައް ހަދާ ވްލޮގަރެކެވެ. މީގެ ކުރިން ލެކިއުޓާއި ލޮޓަސް ފިހާރަ އާއި ބައިސްކޯފު ފަދަ ތަންތަނާ ގުޅިގެން އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް ތުހުމަތުތަކާ ގުޅިގެން އެތަންތަނުން ވަނީ އާލިފާ ގުޅިގެން މަސައްކަތްކުރުން ހުއްޓާލައިފަ އެވެ.