ހަމީދު އައްޔަންކުރުމަކީ މުއައްސަސާ ހަރުދަނާކުރަން އެޅުނު މުހިއްމު ފިޔަވަޅެއް: އިމްރާން

ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމަށް މުހައްމަދު ހަމީދު އައްޔަންކުރެއްވުމަކީ، ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކުރަން އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު، ހަމީދު ހަ އަހަރަށް ފަހު ފުލުހުންގެ އިދާރާއާ އަލުން ގުޅިވަޑައިގަތުމާއެކު އޭނާ ވަނީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނާގެ މަގާމަށް ޕްރޮމޯޓުކޮށްފަ އެވެ. އެއަށްފަހު ފުލުހުންގެ އެންމެ އިސް މަގާމަށް މިއަދު ހަމަޖެއްސުމާ ހަމައަށް، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އޭނާ ހުންނެވީ އެކްޓިން ޕޮލިސް ކޮމިޝަނަރަކަށެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕޮލިސް ކޮމިޝަނަރަކަށް ހަމީދު އައްޔަންކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޭނާއަކީ ސީޕީގެ މަގާމަށް ވަރަށް ގާބިލް ބޭފުޅެއް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"މިއީ ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް،" އިމްރާންގެ ޓްވީޓުގައިވެ އެވެ.

އިމްރާންގެ ޓްވީޓް

ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައި ހުއްޓައި އޮގަސްޓް، 2012 ގައި ހަމީދު އިންޓެލިޖެންސްގެ އިސް ވެރިޔާގެ މަގާމުން ވަކިކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރިކަމުގެ ތުހުމަތުކޮށެވެ. އެ ތުހުމަތުގައި ހަމީދު 2012 ގައި ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އޭނާގެ މައްޗަށް އެ މައްސަލާގައި ދައުވާއެއް ނުކުރެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފުލުހުންގެ މުއައްސަސާ ބޭނުންކުރީ ސިޔާސީ މަގުސަދު ހާސިލްކުރުމަށް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އޭރު އެ އިދާރާއަށް އަމާޒުވި އެވެ.

ސަރުކާރުން ވަނީ ފުލުހުންގެ އިދާރާ އިސްލާހުކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. އެގޮތުން އަންނަ ހުކުރު ދުވަހު ފާހަގަކުރާ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި އާ ސްޓްރެޓެޖިކް ޕްލޭން ލޯންޗުކުރަން ވަނީ ހަމަޖައްސައިފަ އެވެ.