ސިޓީ ކައުންސިލްތައް އެކުލަވައިލާ ގޮތަށް ބަދަލު ގެންނަން ބިލްގައި ހިމަނައިފި

ސިޓީ ކައުންސިލްތައް އެކުލަވައިލާ ގޮތަށް ބޮޑު ބަދަލެއް ގެނެސް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ ބިލްގައި އެ ބައިތައް ހިމަނައިފި އެވެ.


ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލިހަށް ފޮނުވި ބިލްގައިވާ ގޮތުން ނަމަ، ސިޓީ ކައުންސިލް އެކުލެވިގެން ވާނީ އެ ސިޓީއަކުން އިންތިޚާބު ކުރެވޭ މެމްބަރުންގެ މައްޗަށެވެ.

ލާމަރުކަޒީ ގާނޫނުގައި މިހާރު އޮންނަ ގޮތުން ނަމަ، ސިޓީ ކައުންސިލް އެކުލެވިގެން ވަނީ އެ ސިޓީ ކައުންސިލެއްގެ އިންތިޚާބީ ދާއިރާތަކުގެ ތެރެއިން ކޮންމެ އިންތިޚާބީ ދާއިރާ އަކުން އިންތިޚާބުކުރާ މެމްބަރެއް ހިމަނައިގެން އެކުލަވައިލެވޭ މެމްބަރުންގެ މައްޗަށެވެ.

ނަމަވެސް، ގާނޫނަށް އަލަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ސިޓީ ކައުންސިލް އެކުލަވައިލާނީ އެ ސިޓީއެއްގައި ރަޖިސްޓަރީ ވެފައިވާ އާބާދީގެ އަދަދަށް ބަލައިގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "މިހާރު" އާ މިއަދު ވާހަކަފުޅު ދައްކަވަނީ: ކައުންސިލްތަކަށް އަލުން ބާރުތައް ދިނުމުން ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވި.---ފޮޓޯ: ރައީސް އޮފީސް

އެގޮތުން، އެ ސިޓީއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ އަދަދަކީ 10،000-20،000 މީހުންނާ ދެމެދު އަދަދެއް ނަމަ ސިޓީ ކައުންސިލްގައި ތިބޭނީ ފަސް މެމްބަރުންނެވެ. ސިޓީއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ އަދަދަކީ 20،000-30،000 އާ ދެމެދުގެ އަދަދެއް ނަމަ މެމްބަރުންގެ އަދަދަކީ ބިލްގައިވާ ގޮތުން ހަތެކެވެ. އަދި އާބާދީ 30،000 އަށް ވުރެ މަތީގައި އުޅޭ ނަމަ ފުރަތަމަ 30،000 މީހުންނަށް ޖެހެނީ ހަތް މެމްބަރުންނެވެ. އެ ސިޓީ އަކަށް އިތުރުވާ ކޮންމެ 10،000 މީހަކަށް ތިބޭނީ ދެ މެމްބަރުންނެވެ.

ސިޓީގެ ދަރަޖަ ދިނުމާ ގުޅޭ އުސޫލު ވެސް އާ އިސްލާހުގައި ތަފުސީލުކޮށް ބަޔާންކޮށްފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޓީ ކައުންސިލްތަކުގެ ބާރު ހަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް ލާމަރުކަޒީ ގާނޫނަށް 2015 ވަނަ އަހަރު ގެނައި އިސްލާހު ބާތިލް ކުރުމަށް ވެސް ބިލްގައި ވަނީ ހުށަހަޅައިފަ އެވެ.

ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އެއް އިސްލާހެއްގައިވާ ގޮތުން ސިޓީ ކައުންސިލަށް ލިބޭ ބާރުތަކާއި ފޯރުކޮށްދޭ ޚިދުމަތްތައް ކަނޑައަޅަން ޖެހެނީ ވަޒީރުންގެ މަޖިލިހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި، އެ ސިޓީ ކައުންސިލަކުން ދިނުމަށް ރައީސް ކަނޑައަޅުއްވާ ޚިދުމަތްތައް ފިޔަވައި އެ ސިޓީއެއްގެ ސަރަހައްދުގައި ޚިދުމަތްތައް ދޭން ޖެހެނީ ސަރުކާރުގެ ކަމާ ގުޅޭ މިނިސްޓްރީތަކުން ކަނޑައަޅާ ގޮތަކަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމާއި މިދިޔަ ފަސް އަހަރު ހިފަހައްޓާފައިވާ ބާރުތައް އަނބުރާ ކައުންސިލްތަކަށް ދޫކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަންޖެހޭ ކަމެވެ.

ޔާމީންގެ ސަރުކާރުން ހަނިކޮށްފައިވާ ބާރުތައް ކައުންސިލްތަކަށް ދިނުމަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެކުލަވައިލި ބިލްގައި ވަނީ އެ ކައުންސިލްތަކަށް މާލީ ބޮޑެތި ބާރުތަކެއް ދިނުމަށް ވެސް ހިމަނައިފަ އެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އެކުލެވޭ ގޮތަށް ބަދަލު ގެންނަން ވެސް ބިލްގައި ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް އެލްޖީއޭގެ ހިންގާ ބޯޑުގައި މިހާރާ ތަފާތުކޮށް އާ ދާއިރާތަކުން މެމްބަރުން ހިމަނާނެ އެވެ.

އޭގެ ތެރޭގައި ޖެންޑާ އިކުއަލިޓީގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ އަންހެން ބޭފުޅަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ ބޭފުޅަކާއި ވިޔަފާރި އާއި އިގުތިސޯދީ ދާއިރާ އާއި ގާނޫނީ ދާއިރާގެ ބޭފުޅަކު އެ ބޯޑުގައި ހިމަނަން ހުށަހަޅާފައި ވެ އެވެ. އަދި ކައުންސިލަރުންގެ ތެރެއިން އެ މީހުން އައްޔަން ކުރާ ދެ މެމްބަރަކު ވެސް އެލްޖީއޭގެ ބޯޑުގައި ތިބޭނެ ކަމަށް ބިލްގައި ކަނޑައަޅާފައިވެ އެވެ. އެ ދާއިރާތަކުން ބޯޑަށް ބޭފުޅުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެންނެވެ.

މިހާރެކޭ ވެސް އެއްގޮތަށް ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވާން ބޯޑުގައި ވަޒީރަކު ހުންނާނެ އެވެ. އަދި ޗީފް އެގްޒެކެޓިވް އޮފިސަރަކީ ވެސް އެލްޖީއޭގެ ބޯޑު މެމްބަރެއް ކަމަށް އާ އިސްލާހުގައި ވެ އެވެ.