ކޮންގްރެސް ޕާޓީ އުފެއްދުމަށް މިދިޔަ މަހު ބޭއްވި ބައްދަލުވުމަށް ފަހު ޔާމީން ދަރުބާރުގެ އިން ނުކުމެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
28 މާޗް 2019 - 15:19
މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލަ ބެލުމަށް އެކުލަވައިލި ބެންޗު ބަދަލުކުރުމަށް ފަހު، އެމަނިކުފާނު ދޫކޮށްލުމަށް ހައި ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.
ހައި ކޯޓުން މިގޮތަށް އަމުރުކުރީ، ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި، ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 18 ގައި ކުރި އަމުރު އިސްތިއުނާފު ކުރުމުންނެވެ. އެ އަމުރު ނެރުނީ ޔާމީން ހެއްކަށް ނުފޫޒު ފޯރުވާކަން ކަމަށް ބުނެ ފުލުހުން ހުށަހެޅި ހެއްކާއި އިންޓެލިޖެންސް ރިޕޯޓަށް ބިނާކޮށެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރާ އެކު ޔާމީން ޖަލަށް ގެންދިޔަ ނަމަވެސް ސިއްހީ ސަބަބުތަކަކާ ގުޅިގެން މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެމަނިކުފާނު ހުންނެވީ ގޭގަ އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރު ބާތިލްކުރުމާ އެކު ޔާމީން މިނިވަން ވާނެ އެވެ.
ބަންދު އަމުރުގެ މައްސަލަ ހައިކޯޓުގައި ކުރިން ބެއްލެވީ ފަނޑިޔާރު ހުސެން ޝަހީދު އާއި އަބްދުއްރައޫފު އިބްރާހިމް އަދި ފަނޑިޔާރު ހަސަން އަލީ އެވެ. ނަމަވެސް މިއަދު ވަނީ ރައޫފްގެ ބަދަލުގައި އިސް ފަނޑިޔާރު ޝުޖާއު އުސްމާން ބެންޗަށް ހަމަޖައްސައިފަ އެވެ. ރިޔާސަތު ބެލެހެއްޓެވީ ހަސަން އަލީ އެވެ.
ބަންދުގެ ޝަރީއަތްތަކަށް އާންމުކޮށް ނޫސްވެރިން ނުވައްދާ ގޮތަށް ހަމަޖައްސާފައި އޮންނަ ނަމަވެސް ޔާމީންގެ ބަންދާ މެދު ގޮތެއް ނިންމަން ހައި ކޯޓުގައި މިއަދު އޮތް ޝަރީއަތަށް ނޫސްވެރިން ވައްދަން ފަހު ވަގުތު ކުއްލި ގޮތަށް ނިންމި އެވެ. އެކަމަކު، އެ ފުރުސަތު ލިބުނީ ޗެނަލް 13 އަށް އެކަންޏެވެ. ބަންދުގެ ޝަރީއަތްތަކަށް ނޫސްވެރިން ނުވައްދާ އުސޫލެއް ގެންގުޅޭތީ މިއަދުގެ ޝަރީއަތަކަށް ވެސް ނޫސްވެރިންނެއް ނުދެ އެވެ.
ފަނޑިޔާރުން ވަނީ، ޔާމީންގެ މައްޗަށް ފުލުހުން ފަސް ކުށަކަށް ތުހުމަތުކުރާއިރު އޭގެ ތެރޭގައި މަނީ ލޯންޑަރިންގެ ކުށް ހިމެނުނު ކަމުގައި ވިޔަސް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ކުށްތަކުގެ ހެއްކަށް ޔާމީން ނުފޫޒު ފޯރުވާފައިވާ ކަމުގެ ކުށް ހިމަނާފައި ނުވާކަން ފާހަގަކުރައްވައިފަ އެވެ. ޔާމީން ހައްޔަރުކުރި އިރު ފުުލުހުން ދީފައިވާ ގާނޫނީ އިންޒާރުގައި ހިމެނޭ، އެމްއެމްޕީއާރްސީގެ ފައިސާ އަށް ހިޔާނާތްތެރިވި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވުގެ ހެކި ހުރި ނަމަ އެކަމާ ގުޅިގެން ހައްޔަރުކުރާތާ 24 ގަޑިއިރު ތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ޖެހޭނެ ކަމަށާއި އެ އިޖުއާރަތު ފުލުހުން ފުރިހަމަކޮށްފައި ނުވާކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައި ވަނީ، ބަންދު އަމުރު ނެރުނީ މަނީ ލޯންޑަރިން މައްސަލާގައި ކަަމަށާއި އެކަމަކު އަމުރު ނެރުނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވާފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އަމުރު ނެރެވޭނީ އެ ހިނގާ ޝަރީއަތަކާ ގުޅޭ ގޮތުންކަން ބުނެފައިވެ އެވެ.
އެކަމަކު ބަންދުގައި ބަހައްޓާފައި ވަނީ "މަނީ ލޯންޑަރިން މައްސަލައިގެ އިތުރުން އެމްއެމްޕީއާރްސީން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުންދާ" މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތަށްކަން އެނގޭ ކަމަށް ހައި ކޯޓުގެ ހުކުމުގައި އޮވެ އެވެ.
ހެކިންނަށް ނުފޫޒު ފޯރުވި ކަމަށް ފުލުހުން ބުނާ މައްސަލައާ ގުޅޭ ގޮތުން ވެސް ހުކުމުގައި ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން، މަނީ ލޯންޑަރިން އާއި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހެއްކަން ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމުގެ ހެކި އެބަހުރިތޯ ޝަރީއަތުން ސުވާލުކުރުމުން، މަނީ ލޯންޑަރިން މައްސަލައިގެ ޝަފަހީ ހެއްކަކަށް ނޫފުޒު ފޯރުވި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ހުކުމުގައިވެ އެވެ. އެކަމަކު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހެއްކަށް ނުފޫޒު ފޯރުވާ ކަމުގެ ހެކި އެބަހުރި ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު ހައި ކޯޓުގައި ޔާމީން އެކަމަށް އިންކާރު ކުރައްވާފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އެހެންވެ މަނީ ލޯންޑަރިންގެ މައްސަލާގައި ހެކިންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ މައްސަލާގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ ދަށުން ބަންދުކުރުމަށް އަމުރު ނެެރެވޭނެ ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށް ފަނޑިޔާރުން ވަނީ ނިންމަފައިވަ އެވެ. އަދި މީހަކު ބަންދުގައި ބަހައްޓަން އަމުރުކުރާއިރު އެ ކުށާ ގުޅޭ އެކަށީގެންވާ ހެކި ހުންނަން ޖެހޭނެ ކަމަށާއި ޔާމީނަށް ތުހުމަތުކުރާ މައްސަލާގައި "އެއްވެސް ހެއްކެއް މިއަދާ ހަމަޔަށް ވެސް ލިބިފައި ނެތް" ކަމަށް ދައުލަތުންނާއި ފުލުހުން ވެސް ހައި ކޯޓުގައި ބުނެފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ޝަރީއަތުގެ މަރުހަލާ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ކަމަށާއި އެއީ މުއްދަތު އިތުރު ކުރުމަށް އެދިފައި ނެތް ހާލަތެއްގައި، ހައްޔަރުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރެވޭތާ 30 ދުވަސް ކަމަށް ވާއިރު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ނިމޭނެ ދުވަހެއް ނޭނގޭ ކަމަށް ޝަރީއަތުގައި ވަނީ ބުނެފަ އެވެ.
ބަންދުގެ އަމުރު ބާތިލްކޮށް ކުރި ހުކުމުގައި ވަނީ، ޔާމީން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ 13 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ރިއާޔަތްކޮށްފައި ކަމަށެވެ. އެ މާއްދާތަކުގެ ދަށުން މީހަކު ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 30 ދުވަސް ކަމަށާއި މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 3:54 އަށް އެ މުއްދަތު ހަމަވެފައިވާ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ. އަދި ހެއްކެއް ނޫފުޒު ފޯރުވިކަން، ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކުން ވެސް ނޭނގޭތީ އާއި ޔާމީން އެފަދަ ކަމެއް ކުރައްވާނެ ކަމުގެ އިހްތިމާލު ނެތް ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.
އެހެންވެ، ބަންދުގެ މުއްދަތު މިހާރު ހަމަވެފައި ވާތީ ޔާމީން އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ބަންދުން ދޫކޮށްލަން ވަނީ އަމުރުކޮށްފަ އެވެ.
ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް، ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
މި މައްސަލާގައި، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރަށް ވެސް، ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދީ މަނީ ލޯންޑެރިން ހިންގަން އެހީވުމުގެ ދައުވާ ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަންހަ
01 April 2019
ރައީސް ޔާމީން ދޫކޮށޮލީމަ ހާދަ އަސަރެއް ކޮށްފިޔޭދޯ ޔާމީނަކީ ގަދަ ލީޑަރެއް. މޭވާ އަޅާ ގަސް ގަހަށް ކަޅި އަޅާނެ
ާޒަމްޒަމް
29 March 2019
ބެންޗް ކޯއްޗަކަށް ތިބަދަލުކުރީ؟ އިމާރާތް ބަދަލުނުކުރޭތަ؟
ސްނިޔަންކާ
29 March 2019
ގަވައިދާ ޚިލާފަށް ކޮއްފަ ހުރިނަމަ ޖެހޭނީ ދޫކުރަންތާ ޔާމީނު ބަންދުކުރީ ވެސް މަނީ ލޯންޑްރިންގެ މައްސަލަ ބަލާ ނިމެންދެން ކަމަ ބުނެފަވާއިރު ބަންދުކުރިތާ މަހަކަށްވުރެ ގިނަދުވަސް ވީއިރު ޝަރީއަތް ކުރާނީ ކޮންދުވަހަކުން ކަމެއް ކުރާނެ ކަމެއް ވެސް ހޭވެސް އަހާލީކީ ނޫން ދެންހަމަ ޅިޔަނު ހަމީދަށް އަންގައިގން ޖެއްސި ސްޓަންޓެއް ބޭނުމަކީ އިންތިޚާބަށް ބުފޫޒު ފޯރުވުން ދެން އެހެން ކޮން ކަމެއް އަޅެފަހެ
ނަޑެއްލާ
29 March 2019
ފަނޑިޔާރަކަސް މިފަހަރު ތިއޮތީ އަތައް ގޮވާފަ. ސަބަބަކީ ތިކަމުގެ ސަބަބުން ހުރިހާ ރައްޔިތުން ވޯޓުދޭނީ އެޖެންޑާ 19 އަށް ކަމަށްވާތީ.
ޢީސަގެއާދަނު
29 March 2019
މަނިކުފާނަކީ ހަމަ ޖޭމްްސް ބޮންޑު ހާދަހާވޭ މޮޅީ މިހާރު މިހުރި ބޭފުޅާއަކަށް ހިއެއެއްނުވެ މަނިކުފާނު ކައިރީގައި ފަތިގަނޑުވެސް ފިރުކާލެވޭހެން އެކަމަކު މަނިކުފާނަށް ސަލާމަތް އޮތީ ރާއްޖެ ދޫކޮއްދިއުމުން ނޫނީ އުކާނޭ ތީރުތައް
ދެކޭމީހާކިޔާމީހާ
29 March 2019
އިލެކްޝަނާއިދިމާކޮށް މިކޮށްލީވެސް ކަމެއް. ހަމައެއާއިއެކު ޤާސިމަށް ގަނޑުކޮށް ޑޮލަރުފުންޏެއްދޭންވެސް އެންގިއްޖެ. ދެންފެންނާނެކަމުގައިބެލެވެނީ، ހިފަހައްޓާފައިހުރި ޔާމީންގެ އެކައުންޓުތައް އޮޕަރޭޓުކުރެވޭނެގޮތް ހެދުންކަމުގައި ބެލެވޭ!
ޕޮކަންޑިމެން
29 March 2019
ބެންޗް ބަދަލުކުރީ ރައޫފް ދިގު ޗުއްޓީއެއް ނެގުމުން އިންސާފު އަވަސްކުރުމަށް، “އިންސާފު ލިބުން ލަސްވުމަކީ އިންސާފު ނުލިބުން” ކަމަށް އޮންނަނީ. މައްސަލަ ނިންމި ގޮތުގެ އަސާސްތައް އެނގެން ބޭނުންނަމަ ހައިކޯޓްގެ ވެބްސައިޓަށް ވަދެ ރިޕޯޓް ކިޔާލާ، މިހާރުނޫހުގެ ހެޑްލައިން ކިޔާލީމަ ވާނީ ދެބަންދިހާރު.
falcon_autho
29 March 2019
ރައޫފަށް ޗުއްޓީ ނަގަން އެންގީމާ އޭނާއަށް ޖެހޭނީ ޗުއްޓީނަގަން. ތިބާވަތުގެ ގޭމަކީ އަހަރެމެންކަމެއް. މީގެ 15 ވަރަކަށް އަހަރުގެ ކުރީގައި މުވައްޒަފަކަށް ޕްރޮމޯޝަން ލިބެނީ އެމީހާ ވަޒީފާ އަދާކުރާ މުއައްސަސާގެ އިސްވެރިޔާ ރުހޭބަޔަކަށް. ނުރުހޭމީހާ ކިތަންމެ ރަނގަޅަސް ނުލިބޭ ޕްރޮމޯޝަނެއް. ބުނަނނީ ލިއުނީމޭ ވަލިއްޔުލްއަމުރުގެ އޮފީހުން ނުދެއްވިއްޔޭ. ޚަބަރު ބަލާއިރު ތެދެއް ލިއުނު ، އެކަމަކު ފޯނު ކޮށްފައި ވެރިމީހާ މިވިދާޅުވާނީ މިވެނިމީހާއަށް ޕްރޮމޯޝަން ނުދެއްޗޭ.
އެތެރޭ ހަބަރު
29 March 2019
ކަލޯ ރައޫފު ޗުއްޓީ ނުނެގިޔަސް ނެގިޔަސް އަހަރު ދެ އަހަރު ތިން އަހަރު ވެފައިވާ މައްސަލަތައް އޮންނާނެ ހައިކޯޓުގައި ބޯކޮށް. 2015، 2016، 2017، 2018ގެ 500 އަށްވުރެ ގިނަ މައްސަލަ ނުނިމި ހުއްޓާ ބެންޗު ބަދަލުކޮށްލައިގެން ނިންމަން އެނގުނީ ހަމައެކަނި ޔާމީން މައްސަލަތަ؟
ބޭބެ
29 March 2019
ބެންޗް ބަދަލެއް ނުކުރޭ ބެންޗްގައި ތިބި 3 ފަނޑިޔާރުންގެ ތެރެއިން އެކަކު ޗުއްޓީއަށް ދިއުމުން އެތަނުގާ އިތުރުމޭހަކު އިނުމަކީ ބެންޗް ބަދަލުކުރުމެއްނޫން
ކުމާރު
29 March 2019
ޕާސްޕޯޓް ހިފަހައްޓާ.
ޕަޓޭލް
29 March 2019
ނަޝީދެއް ނޫނެއްނު ފިލާ ދާ ވާކަށް.
ވަހީދު
29 March 2019
ހިފަހައްޓަން ބޭނުން ވިޔަސް ނުހިފެހެއްޓޭނެ.
hawwa
29 March 2019
ނުޙައްޤުން ޙައްޔަރު ކޮށްގެން އެހާ ގިނަ ދުވަހު ނުތިބެވޭނެ. ސަރުކާރު އުފެދިފައި އޮތީ ޤާސިމުގެ ވެސް ތާއީދާއި އެކު. އަދާލަތު މައުމޫން މެންގެ މީހުން ވޯޓު ލައިގެން އެމްޑީޕީއަށް ވެރިކަން ލިބުނީ.