އެއާޕޯޓާއި ސިޓީ ހޮޓަލާ އެކު ހޯރަފުށީ ދާއިރާ މުއްސަނދިކުރަން ރައީސްގެ ވައުދުތަކެއް

ހއ. ހޯރަފުށީގައި އެއާޕޯޓު އަޅައި ތުރާކުނުގެ ބިން ހިއްކައި އުލިގަމުގެ ސިޓީ ހޮޓާ ތަރައްގީކޮށް، އެ ދާއިރާ އަށް ޓޫރިޒަމް ފުޅާކޮށް ރައްޔިތުންނަށް މުއްސަނދިކަން ހޯދައިދޭން ސަރުކާރުން ގެންގުޅޭ ތަސައްވަރު އެ ދާއިރާގެ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުށަހަޅުއްވައިފި އެވެ.


ހޯރަފުށީ ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ސަލީމަށް ތާއީދު ހޯދަން ހޯރަފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވަނީ ރިޔާސީ އިންތިޚާބުގައި އެ ދާއިރާ އަށް އެމަނިކުފާނު ވެވަޑައިގަތް ވައުދުތައް ތަކުރާރު ކުރައްވައިފަ އެވެ. އެއާއެކު، އޭގެ ތެރެއިން ބައެއް ކަންކަން މިހާރު ފަށާފައިވާ ކަން ފާހަގަކުރައްވައި ކުރިއަށް ހުރި މަޝްރޫއުތައް ވެސް އިއުލާންކޮށްދެއްވި އެވެ.

"ރިޔާސީ އިންތިޚާބުގައި މި ދާއިރާގެ ރައްޔިތުން އެދިވަޑައިގަތް އެދުންތަކެއް ހުރި. އެންމެ ބޮޑު ކަމަކީ އެއާޕޯޓުގެ މަޝްރޫއު ހޯރަފުއްޓަށް ބަދަލުކުރުން. އިރާދަކުރެއްވިއްޔާ މިއަދު މިވަނީ އެކަން ބަދަލުކުރެވި އަމަލީ މަސައްކަތް ފެށިފައި،" ރައީސް ވިދާޅުވި އެވެ.

ހޯރަފުށީ ދާއިރާ އަށް ރައީސްގެ ބައެއް ވައުދުތައް

- ހޯރަފުށީގައި އެއާޕޯޓު ތަރައްގީކޮށް، މަގުތަކުގައި ތާރު އަޅައި ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުން.

- ތުރާކުނުގައި ބިން ހިއްކުން.

- އުލިގަމުގައި ފެނާއި ނަރުދަމާ ގާއިމްކޮށް، ގިރާ ސަރަހައްދު ހިމާޔަތް ކުރުން.

- ސިޓީ ހޮޓަލުގެ މަޝްރޫއު އަލުން ފަށައި ބަނދަރުކުރާ ޔޮޓުތަކުގެ ފީ ކުޑަކުރުން.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހޯރަފުށީގެ މަގުތަކުގައި ތާރު އަޅައި ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ތަރައްގީކޮށް މިހާރަށް ވުރެން ޚިދުމަތް ފުޅާކުރާނެ އެވެ. އެ ރަށުގައި ފުޓްބޯޅަ ދަނޑެއް އަޅައި، ބޯހިޔާވަހިކަމުގެ ދަތިކަމަށް ވެސް ހައްލު ގެންނަވާނެ ކަމުގެ ވައުދު ރައީސް ތަކުރާރު ކުރެއްވި އެވެ.

ސައްލެގެ ކެމްޕޭންގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

އެ ދާއިރާގައި ހިމެނޭ ތުރާކުނާއި އުލިގަމުގެ މަޝްރޫއުތައް އެޖެންޑާގައި ހުރި ކަން ފާހަގަކުރައްވައި ވިދާޅުވީ ތުރާކުނުގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ. އެކަމުގެ ސާވޭކޮށް، ޑިޒައިން ވެސް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.

އުލިގަމުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފަށައި އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަކީ ވެސް މި އަހަރު ކުރިއަށްދާނެ މަޝްރޫއުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އުލިގަމުގައި ކުރިން އަޅަން ފަށައި މަސައްކަތް ހުއްޓި ވީރާނާވެފައި ހުރި ސިޓީ ހޮޓާ މަޝްރޫއު ވެސް އަލުން ފަށާނެ ކަމަށެވެ.

"ހޯރަފުށީގައި އެއާޕޯޓް އެޅިގެންދާ އިރު މި ސަރަހައްދަށް ލޯކަލް ޓޫރިޒަމާއި ޓޫރިޒަމް ފުޅާވެދާ އިރު އުލިގަމަކީ މިކަމަށް އެންމެ އެކަށީގެންވާ ރަށް ކަމަށް ވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އުލިގަމަށް ބަނދަރުކުރާ ޔޮޓްތަކުން ނަގާ ފީ ބޮޑުވުމަކީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. އެކަމަށް ހައްލު ހޯދައިދިނުމަށް، ޔޮޓްތަކުން ނަގާ ފީ ވަރަށް އަވަހަށް ކުޑަކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ދެންނެވީ މި ދާއިރާ އަށް ކުރަން ހުރި ބައެއް ކަންކަމުގެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން މި ސަރުކާރަށް ވޯޓު ދިނީ ގައުމުގެ ހާލަތު ބަދަލުކުރަން ބޭނުންވާތީ ކަމަށެވެ. ކޮރަޕްޝަނާއި ވައްކަން ހުއްޓުވައި އަނިޔާވެރިކަމަކީ ދިވެހިންނަށް ގަބޫލު ކުރެވޭނެ ކަމަކަށް ނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އަނިޔާ ހުއްޓުވައި ހެޔޮވެރިކަމަކަށް މި ސަރުކާރުން ވައުދު ވީ ފުއްދޭނެ ކަމުގެ ޔަގީންކަމާ އެކުގަ އެވެ. އެއީ، ޚިޔާލީ ފޮލާއެއްގެ ގޮތުގައި ލިއެފައި ދޫކޮށްލަން ވެވަޑައިގަތް ވައުދުތަކެއް ނޫން ކަން މި ސަރުކާރުގެ 100 ދުވަސް ގުނަމުން އަންނަ އިރު ރައްޔިތުންނަށް މާ ބޮޑަށް ސާފުވާނެ ކަމަށް ވިދާޅުވި އެވެ.

އަމާޒަކާ އެކު 100 ދުވަހަށް ވައުދުތަކެއް ވެ، ސަރުކާރުގެ 90 ދުވަސް ގުނަން ފެށީ އެ ވައުދުތަކުގެ 83 ޕަސެންޓް ހާސިލް ކުރުމަށް ފަހު ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެތެރޭގައި ހިމެނޭ 28 މަޝްރޫއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދާ ކަން ފާހަގަކުރެއްވި އެވެ.

"ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމަށް ސީދާ ބަދަލުތަކެއް ގެނެވޭނެ ގިނަ ކަންތައްތަކެއް މިހިރީ ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ތައުލީމީ ދާއިރާގެ އިތުރުން ހިފެހެއްޓިފައިވާ ހައްގުތަކަށް ބެލި ނަމަވެސް ތަފާތު ރައްޔިތުންނަށް އިހްސާސް ކުރެވޭނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ބޭނުން ވަނީ ރައްޔިތުންނަށް ވެވަޑއިގަތް ވައުދުތައް ފުއްދުމަށެވެ. އެ މަސައްކަތުގައި ސަލީމްގެ ފުރިހަމަ އެއްބާރުލުން ލިބިވަޑއިގަންނަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވެ އޭނާ އަށް ވޯޓު ދޭން އެ ދާއިރާގެ ރައްޔިތުންގެ އަރިހުން ރައީސް އެދިވަޑައިގަތެވެ.