ފިނޭންސް މިނިސްޓަރު އަމީރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ
31 މާޗް 2019 - 14:32
ކައުންސިލްތަކަށް މިދިޔަ އަހަރު ފާސްކުރި ބަޖެޓުން ހަރަދު ނުވެ ބާކީ ހުރި 31.3 މިލިޔަން ރުފިޔާ އެ އިދާރާތަކަށް ޖަމާކޮށްދީފި އެވެ.
ލާމަރުކަޒީ ގާނޫނުގައި ބުނާގޮތުން ކައުންސިލްތަކަށް ހަރަދުކުރަން ކަނޑައަޅާފައިވާ ފައިސާ، އަހަރު ނިމޭއިރު ބާކީ ހުރި ނަމަ އެ ފައިސާ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ޖަމާކޮށްދޭން ޖެހޭނެ އެވެ. އެކަމަކު މިއީ ކައުންސިލްތަކަށް އެގޮތަށް ފައިސާ ދިން ފުރަތަމަ ފަހަރެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ކައުންސިލްތަކަށް މިދިޔަ އަހަރު ކަނޑައެޅި ބަޖެޓުން، އަހަރު ނިމުނު އިރު ބާކީވި ފައިސާ އެތަންތަނުގެ "ހަރަދު އެކައުންޓަށް" ޖަމާކޮށްދީފައިވާއިރު އެ ފައިސާއިން މިދިޔަ އަހަރުގެ ބިލްތައް ދެއްކުމަށް އަންގާފައިވާނެ ކަމަށެވެ. އަދި މުދަލާއި ހިދުމަތްތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ފަހު، ބާކީވާ އަދަދު އެ ކައުންސިލެއްގެ އާމްދަނީގެ ގޮތުގައި ހިސާބު ކުރުމަށް ވެސް އަންގާފައިވާނެ ކަމަށް ފިނޭންސުން ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ އަހަރުގެ ހަރަދުތަކަށް ފައިސާ ދައްކައި ނިންމުމަށް މި އަހަރަށް ކަނޑައަޅާފައިވާ ތާރީހު މިހާރު ވަނީ ހަމަވެފަ އެވެ. އެކަމަކު އަލަށް ޖަމާކުރި މި ފައިސާއިން، މިދިޔަ އަހަރުގެ ހަރަދުތަކަށްވާ ފައިސާ އަންނަ މަހުގެ ކުރިން ދެއްކުމަށް މުހުލަތެއް ވަނީ ދީފަ އެވެ.
ކައުންސިލުތަކަށް ހަމަޖައްސާފައިވާ ބަޖެޓް ބޭނުން ކުރަން މީގެ ކުރިން ކޮންމެ ފަހަރަކު މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހުނު ނަމަވެސް، އެ ހުއްދަ ހޯދަން ނުޖެހޭ ގޮތް ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚަރަދު
01 April 2019
ކެމްޕެއިންގަ ބަހާލާނެ ފައިސާކޮޅެއް ޖަމާކޮއްލީތާ؟ ނަޒާހަތްތެރި ސަރުކާރު.