ޓްރީ ޓޮޕް ހޮސްޕިޓަލުން 100 ވަނަ ކުއްޖާ ވިއްސައިފި

މިދިޔަ އަހަރު ހިދުމަތް ދޭން ފެށި، ޓްރީ ޓޮޕް ހޮސްޕިޓަލުން 100 ވަނަ ކުއްޖާ ވިއްސައިފި އެވެ.


އަލަށް އުފަންވި ކުއްޖާގެ އާއިލާ އަށް މަރުހަބާ ކިޔައި، އެ ހޮސްޕިޓަލުން ވަނީ ހަދިޔާ ދީފަ އެވެ.

ސަތޭކަ ވަނަ ކުއްޖާ ވިއްސުމުގެ މުނާސަބަތުގައި ޓްރީ ޓޮޕުން ނެރުނު ނޫސް ބަޔާނެއްގައި، ކުއްޖާގެ މަންމައާ ހަވާލާދީ ބުނީ ވިހެއުމަށް އޭނާ އެ ހޮސްޕިޓަލް ހިޔާރުކުރީ ތަކުލީފުތަކެއް ހުރުމުން ކަމަށާއި ކުރިން ޓްރީ ޓޮޕުން ހިދުމަތް ހޯދާފައި ނުވާތީ ޖެހިލުންވި ކަމަށެވެ. އެކަމަކު ހޮސްޕިޓަލުގެ ހިދުމަތްތަކާ މެދު ހިތްހަމަޖެހިފައިވާ ކަމަށް، މަންމައާ ހަވާލާދީ ޓްރީޓޮޕުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި 100 ވަނަ ކުއްޖާ ވިއްސީ އެތަނާ ވަރަށް ފަހުން ގުޅުނު އަންހެނުންގެ ޑޮކްޓަރު ވަރްޝާ ރަންގަރާޖެވެ. އަދި ފޫޅުމަޔާއި ހޭނައްތާ ޑޮކްޓަރާއި ނަރުހުންގެ ޓީމަކުން ވެސް އެކަމުގައި ބައިވެރިވި ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ މެޓާނިޓީ ޔުނިޓުގައި ވިއްސާ ހަތަރު ކޮޓަރި އާއި އެންސޫޓް ފާހާނާއާ އެކު ވިހެއުމުގެ ކަންކަން ކައިރިން ބެލުމަށް ހާއްސަ އޮބްޒަވޭޝަން ކޮޓަރިއެއް ހުރެ އެވެ. އަދި އެ ހިދުމަތް އިތުރަށް ފުޅާކުރުމަށް، ސުޕަސްޕެޝަލިޓީ އެންއައިސީޔޫއާ އެކު ދެ ނިއޯނޭޓޮލޮޖިސްޓުން ހަރަކާތްތެރިވެ އެވެ.

ތަދު އިހުސާސް ނުވާ ގޮތަށް އެ ހޮސްޕިޓަލުގައި ވިހެއުމުގެ ހިދުމަތް ދެ އެވެ. އަދި މެޓާނިޓީ ވޯޑް ފަރުމާކޮށްފައި ހުންނަނީ މައިމީހާ އާއި ދަރިފުޅަށް ހާއްސަ ފަރުވާތަކަކާއި އެންމެ ޒަމާނީ ފެންވަރަށެވެ. އޭގެ އިތުރުން، މާބަނޑު ދުވަސްވަރާއި ވިހެއުމާ އަދި ވިހެއުމަށް ފަހު ލިބެން ޖެހޭ މައުލޫމާތު ދިނުމަށް "ބާތު ޕްރެޕަރޭޝަން" ޕްރޮގްރާމެއް ވެސް އެ ހޮސްޕިޓަލުގައި ކުރިއަށް ގެންދެ އެވެ.