ފައިސާ ބެއްސެވި ކަމަށް ވިދާޅުވި މައްސަލައިގައި މެމްބަރު މުހައްމަދު އިސްމާއިލްއާ އޭސީސީން ސުވާލުކޮށްފި

ފައިސާ ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އަރިހަށް ވަޑައިގެންނެވި ކަމަށް ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލް މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވުމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އޭނާއާ މިއަދު ސުވާލުކޮށްފި އެވެ.


އެމްއެމްޕީއާރުސީން ރަށްްތައް ދޫކޮށްގެން ލިބުނު ފައިސާ ވަގަށް ނެގި މައްސަލައިގައި މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައަކަށް ބަހުސް ކުރައްވަމުން އެއް މެމްބަރަކު އަނެއް މެމްބަރަކާ ދިމާލަށް ރިޝްވަތުގެ ތުހުމަތުތައް ވަނީ ކުރައްވައިފަ އެވެ. އަދި ބައެއް މެމްބަރުން ރިޝްވަތު ފައިސާގައި ހިއްޕެވި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެ ވާހަކަތަކާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ "އެ ފައިސާ ގޯނި ހިފައިގެން" މެމްބަރުން ކައިރި އަށް ދިޔަ ކަމަށެވެ.

ނަމަވެސް މުހައްމަދު އިސްމާއީލްގެ ވާހަކަތައް އެ ދުވަހު އަމާޒުކުރެއްވީ ކޮން ފައިސާއަކަށް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ވެސް އެ ފައިސާގައި ހިއްޕެވި ކަމަށެވެ.

އޭސީސީން ބަލަމުން އަންނަ މައްސަލައާ ގުޅޭ ގޮތުން މުހައްމަދު އިސްމާއީލް މިރޭ ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އޮތް ގުޅުމާއި އަދީބާ ގުޅިގެން އެއްވެސް ފައިސާގެ މުއާމަލާތެއް ކުރެއްވިތޯ އޭސީސީން ސުވާލުކޮށް އޮޅުންފިލުވާފައިވާ ކަމަށެވެ.

ނަމަވެސް އޭސީސީ އަށް ދެއްވި ޖަވާބުތަކާ ގުޅޭ މާ ބޮޑު ތަފްސީލެއް މުހައްމަދު އިސްމާއީލް ނުދެއްވަ އެވެ. އޭނާ ވިދާޅުވީ އޭސީސީން ކުރި ސުވާލުތަކަށް ފުރިހަމަ އަށް ޖަވާބު ދެއްވި ކަމަށާއި ކޮރަޕްޝަންގެ އެއްވެސް ފައިސާއެއް ބަހާފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މަޖިލިސް ތެރޭގައި ދައްކާ ވާހަކައަކުން އަޅުގަނޑާ ދޭތެރޭގައި ޝަރީއަތެއް ހިންގޭނެ ކަމަކަށް،" މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.

"އެކަމަކު އޭސީސީން ކުރާ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން އަޅުގަނޑު ޖަވާބު ދިނިން."

އޭނާ ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ވިޔަފާރި ކުރުމަށް ކުރަން ޖެހުނު ހުރިހާ ކަމެއް ކޮށްފައިވާނެ ކަމަށެވެ. އެކަމަކު، އެއީ ކޮރަޕްޝަންގެ ފައިސާ ބެހުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސާ ބެއްސެވި ކަމަށް އަމިއްލަ އަށް ވިދާޅުވި މަޖިލީހުގެ މެމްބަރާ އޭސީސީ އިން ސުވާލު ކުރަން ނިންމުމުން ޕީޕީއެމްގެ ބައެއް މެމްބަރުން ނުރުހުން ފާޅުކުރައްވައި އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު މީގެ ކުރިން ވަނީ ދީފަ އެވެ.

އޭސީސީން ދަނީ ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަދީބު ހިންގެވި ކަމަށް ބުނާ ކޮރަޕްޝަނާއި އެކަމާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ބަލަމުންނެވެ. އެ ތަހުގީގުތަކަށް ގުޅުން ހުރި އެކި ފަރާތްތަކާ އޭސީސީން ދަނީ ސުވާލު ކުރަމުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނިޑައިގަންނަވަ އެވެ.