މަހިބަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އަލީ އާޒިމަށް ތާއީދުކޮށްދެއްވުމަށް އެ ދާއިރާގެ ރައްޔިތުންގެ ކިބައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު އެގޮތަށް އެދިވަޑައިގަތީ އާޒިމްގެ ކެމްޕެއިނަށް މަހިބަދޫއަށް ވަަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އާޒިމަށް ތާއިދުކޮށްދޭން އެދިވަޑައިގެން ރައީސް ވާހަކަފުޅު ދައްކަވަމުން އިސްލާހީ ހަރަކާތުގައި އަދާލަތު ޕާޓީގެ ދައުރު ފާހަގަކުރެއްވި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީން ވެސް އެ ދާއިރާ އަށް ވާދަކުރަން ނިންމައި ކެންޑިޑޭޓަކު ނެރުނެވެ. އެކަމަކު، އެ ޕާޓީގެ ކެންޑިޑޭޓުގެ ނަން ނަގައި، ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި އާޒިމަށް ތާއީދުކުރަން ނިންމީ އެވެ.
އިނގިރޭސިވިލާތުގެ ކިންގްސްޓަން ޔުނިވާސިޓީން ބިސްނަސް ލޯ އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ އާޒިމް ވަނީ ސަރުކާރުގެ ގިނަ ވަޒީފާތަކެއް އަދާކުރައްވައިފަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އެޓާނީ ޖެނެރަލް އޮފީހުގައި ވެސް އުޅުއްވި އެވެ.