މިދިޔަ ހަތަރު މަސް ތެރޭ އަލިފާނުގެ 86 ހާދިސާއެއް ހިނގި ކަމަށް ފަޔާ އެންޑް ރެސްކިއު ސާވިސަސް (އެފްއާރްއެސް) އިން މިއަދު ބުނެފި އެވެ.
އެފްއާރްއެސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ ކޮމާންޑަރު އަބްދުﷲ އިބްރާހިމް ވިދާޅުވީ މިިދިޔަ ހަތަރު މަހު 18 ހާދިސާއެއް ދިމާވެފައި ވަނީ ކަރަންޓުގެ މައްސަލަތަކާ ހެދި ކަމަށެވެ.
ކަރަންޓު ބޭނުންކުރެވޭ ގޮތުގެ ސަބަބުން ދިމާވާ އަލިފާނުގެ ހާދިސާތައް މަދުކުރަން ރައްކާތެރިކަމާ އެކު ކަރަންޓު ބޭނުންކުރަން އިސްކަންދޭން ޖެހޭ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް އިލްތިމާސްކުރަން ކަރަންޓު ބޭނުންކުރާއިރު ސޮކެޓު އޯވަލޯޑު ނުވާގޮތަށް ކަރަންޓު ބޭނުންކުރެއްވުމަށް،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ތްރީ ޕިން ބޭނުންކުރަން ވެސް އޭނާ އިލްތިމާސްކުރެއްވި އެވެ. އަދި އިމާރާތްތަކުގެ ކަރަންޓު ވަޔަރުކޮށްފައިވާ ގޮތް އަހަރަކު އެއްފަހަރު އިންސްޕެކްޓު ކުރުމާއި އިމާރާތްތަކުގެ ވަޔަރިން އަށް އަމިއްލައަށް ބަދަލު ނުގެންނަން ވެސް އޭނާ އިލްތިމާސްކުރެއްވި އެވެ.
ކައްކަން އުދުމަށް ފަހު އެޔަށް ސަމާލުކަން ނުދީ އެ ބަހައްޓާފައި ދިއުމުން ދިމާވާ އަލިފާނުގެ ހާދިސާތައް ވެސް ގިނަ އެވެ. މިފަދަ 16 ހާދިސާއެއް ދިމާވެފައިވާ އިރު 10 ވެހިކަލެއްގައި އަލިފާން ރޯވެފައިވާ ކަމަށާއި ކަނޑުމަތީ ތިން އުޅަނދެއްގައި އަލިފާން ރޯވި ކަމަށް ވެސް އެފްއާރްއެސް އިން ބުންޏެވެ.
މި ދުވަސްވަރު އަލިފާނުގެ ހާދިސަތައް ގިނަ ކަމަށާއި އިއްޔެ އެކަނި ވެސް އަލިފާނުގެ ފަސް ހާދިސާއެއް މާލެ ސަރަހައްދުގައި ހިނގި ކަމަށް އެފްއާރްއެސް އިން ބުންޏެވެ.