އެއްވެސް ދާއިރާއެއްގެ އިންތިޚާބު ބާތިލްކުރާނެ ހުއްޖަތެއް ނުދެއްކޭނެ: ޝަރީފް

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެއްވެސް ދާއިރާއެއްގެ ވޯޓު ބާތިލްކުރަން ގާނޫނީ ހުއްޖަތެއް ނުދެއްކޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.


އޭނާ މިގޮތަށް ވިދާޅުވީ، ތުޅާދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަމަށް ލިއެފައިވާ ޚަބަރަކަށް ޖަވާބު ދެއްވަމުންނެވެ. މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ތުޅާދޫގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރެއްވި، ގާނޫނީ ވަކީލް ހިސާން ހުސެއިން އެވެ.

އެ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަން ތައްޔާރުވީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ ދާއިރާގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގާނޫނާ ޚިލާފަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތާ އެކުގަ އެވެ. އެއީ، އިދިކޮޅު ޕީޕީއެމުން އެ ދާއިރާ އަށް ޓިކެޓް ދިން މުހައްމަދު އަތީފްގެ ތާއީދު ފަހު ވަގުތު، ޕީޕީއެމުން އަނބުރާ ގެންދިއުމާ އެކު އޭނާގެ ހައްގުތަކެއް އިލެކްޝަންސް ކޮމިޝަނުން ގެއްލުވާލި ކަމުގެ ޝަކުވާތަކަކާ އެކުގަ އެވެ.

ޝަރީފް ޓުވީޓް.

ތުޅާދޫ ދާއިރާގެ ޕީޕީއެމްގެ ކެންޑިޑޭޓްގެ ގޮތުގައި އަތީފަށް ކުރި ތާއީދު އަނބުރާ އެ ޕާޓީން ގެންދިޔައީ ބައެއް ދާއިރާތަކަށް ވާދަ ނުކުރަން ނިންމައި ޖުމްހޫރީ ޕާޓީ އާއި އަމިއްލަ ގޮތުން ވާދަކުރި ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށެވެ.

ތުޅާދޫ ދާއިރާގެ އިންތިޚާބު ސުޕްރީމް ބާތިލްކުރަން ނިންމާފައިވާ ކަމުގެ އޯޑިއޯއެއް ވެސް ވަނީ ލީކުވެފަ އެވެ. އެ އޯޑިއޯގައި ވާހަކަ ދައްކާ އެކަކު، މައްސަލައާ ގުޅޭ ގޮތުން ހުރި ލިޔެކިޔުންތަކާ ގުޅޭ ގޮތުން ސުވާލު ކުރެ އެވެ. އެއީ، ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި، ވަކީލް އަހްމަދު ޒަނީނެވެ. އޭނާ އަށް "މިހާރު" އިން ގުޅުމުން ވިދާޅުވީ އޭނާ ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކުވެފައި އޮތް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވޭތޯ އެހުމުން އެކަން ދޮގު ނުކުރައްވައި ވިދާޅުވީ ފަހުން ޖަވާބު ދެއްވާނެ ކަަމަށެވެ. ލީކުވި އޯޑިއޯގައި، މައްސަލަ ކޯޓަށް ހުށަހަޅަން ހުރި ލިޔެކިޔުންތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން، އަނެއްކޮޅުން ވާހަކަ ދެއްކި މީހާ ބުނަނީ ޕީޕީއެމުގެ ސިޓީއަކާއި އިލެކްޝަންސް ކޮމިޝަނުގެ ސިޓީއެއް އެބައޮތް ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދަން ނިންމީ، ކާމިޔާބުވާނެ ކަމުގެ ޔަގީންކަމާ އެކުގައި ކަމަށް ވެސް އޭނާ ބުނެ އެވެ.

"އަހަރެމެން ބޭކާރު ކަމެއް ނުކުރާނެ ދޯ. ހަމައެކަނި، ވަކީލް މާބޮޑު އަޑުއެހުންތަކަކަށް ދާކަށް ނުޖެހޭނެ. އެންމެ އެއްޗަކުން މީތި، ކޯޓު އަމުރެއް ދޯ ނެރޭނީ. އަނެއްހެން މީގައި މާބޮޑު ވަކާލާތު ކުރުމެއް ނޯންނާނެ،" އޭނާ ބުންޏެވެ.