ޕީޕީއެމް ދަރަނިވެރިވެ ފޯނު ބިލްތައް ވެސް ނުދެއްކުނު!

ދެ ވަނަ ދައުރަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޮވަން ޕީޕީއެމުން ކުރި ކެމްޕޭނާ ހެދި އެ ޕާޓީ ދަރަނިވެރިވެ، ފޯނު ބިލްތައް ވެސް ނުދެއްކުމުން ޚިދުމަތް މެދުކަނޑާލައިފި އެވެ.


އިދިކޮޅު ސިޔާސީ ޕާޓީގެ ގޮތުގައި މިހާރު އޮތް ޕީޕީއެމަށް ގުޅޭނެ ރަސްމީ ނަމްބަރެއް މިހާރަކު ނެތެވެ. ދިރާގުގެ 110 އަށް ގުޅުމުން ބުނީ ޕީޕީއެމްގެ ނަމުގައި އެއްވެސް ނަމްބަރެއް މިހާރު ލިސްޓުކޮށްފައި ނެތް ކަމަށެވެ. ފޯނު ލައިންތައް ކަނޑާލުމުގެ އިތުރުން ޕީޕީއެމްގެ ރަސްމީ ވެބްސައިޓަށް ވެސް ނުވަދެވެ އެވެ.

މިއީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ޕީޕީއެމްގެ މިހާރުގެ ހާލަތެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރެއްވި އެ ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވީ ފޯނު ބިލްތައް ނުދެއްކި ވަނީ ރިޔާސީ އިންތިޚާބަށް ކުރި ކެމްޕޭނާ އެކު ޕާޓީ ދަރަނިވެރިވެފައި އޮތުމުން ކަމަށެވެ. މިއީ ޖުލައި 31، 2018 ގެ ނިޔަލަށް 48،000 އަށް ވުރެ ގިނަ މެމްބަރުން ތިބި ޕާޓީގެ ހިންގުން ދޯދިޔާވުމުގެ ނަތީޖާ ކަމަށް ވެސް އޭނާ ގަބޫލު ކުރައްވަ އެވެ.

"މިއީ، ކޮންމެވެސް ބަޔަކު ޒިންމާ ނަގަން ޖެހޭ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމުން ބުނެފައިވާ ގޮތުގައި، ދަތުރުތަކުގެ ފައިސާ ވެސް ނުދެއްކި ޕާޓީ ދަރަނިވެރިވީ، ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ކަނޑައެޅި ފައިސާ ދޫނުކޮށް ހިފެހެއްޓުމުންނެވެ. މެމްބަރުން ތިބި އަދަދަށް ބަލައި، ޕީޕީއެމަށް ދައުލަތުގެ ބަޖެޓުން 18 މިލިއަން ރުފިޔާ ކަނޑައެޅި އެވެ.

ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކުރި ކެމްޕޭން ދަތުރުތަކަށް އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ވެސް އަދި ނުދައްކަ އެވެ. އެ ދަތުރުތަކަށް ޖުމްލަ 4.8 މިލިއަން ރުފިޔާ ހޭދަވި އެވެ. އެއްބަސްވުމާ އެއްގޮތަށް ޕީޕީއެމުން ފައިސާ ނުދެއްކި ކަމުގެ ޝަކުވާ އައިލެންޑް އޭވިއޭޝަނުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން މިލިއަނެއްހާ ރުފިޔާ ދެއްކި އެވެ.

ޕީޕީއެމުން ބުނެފައިވާ ގޮތުގައި، ދަތުރުތަކުގެ ފައިސާ ވެސް ނުދެއްކި ޕާޓީ ދަރަނިވެރިވީ، ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ކަނޑައެޅި ފައިސާ ދޫނުކޮށް ހިފެހެއްޓުމުންނެވެ. މެމްބަރުން ތިބި އަދަދަށް ބަލައި، ޕީޕީއެމަށް ދައުލަތުގެ ބަޖެޓުން 18 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. އެކަމަކު އެ ފައިސާ ދޫނުކޮށް ހިފެހެއްޓީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ޕީޕީއެމުން ކުރިން ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ދަރަންޏަކީ އަށް މިލިއަނެވެ. ދައުލަތުގެ ބަޖެޓުން އެ ޕާޓީ އަށް ކަނޑައެޅި ފައިސާ ދޫކުރުމާ އެކު ޕާޓީ އަރަނިވާނެ ކަމަށް ވެސް ޕީޕީއެމުން ވަނީ ބުނެފަ އެވެ.