އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްގެ މަގާމުން ސައީދު ވަކިކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމުން މުހައްމަދު ސައީދު މިއަދު ވަކިކޮށްފި އެވެ.


ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޒުހުރީ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި މައްސަލަ ބެލުމަށް ފަހު، ސައީދު ވަކިކުރަން ކޮމިޝަންގެ މެމްބަރުން ނިންމާފައިވާ ކަމަށެވެ. އެކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި ސައީދަށް ވެސް އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ޕީއެސްގެ މަގާމުން ސައީދު ވަކިކުރި ނަމަވެސް، މިދިޔަ ޖެނުއަރީ މަހުގެ މެދުތެރެއިން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޝަންގަ އެވެ. އެއީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ސިވިލް ސާވިސް މުވައްޒަފުންނާ ދޭތެރޭ، ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރި ކަމަށް ބުނެ މިނިސްޓްރީން ހުށަހެޅި ހަތަރު މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލަތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބާ ދިމާކޮށް ސިވިލް ސާވެންޓުން އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި ކެމްޕެއިން މަސައްކަތަށް ރަސްމީ ގަޑީގައި ސިވިލް ސާވެންޓުން ދޫކުރުމުގެ އިތުރުން އިންތިޚާބާ ދިމާކޮށް، މިނިސްޓްރީގެ ބައެއް މުވައްޒަފުން، އެ މުވައްޒަފުން ނިސްބަތްވާ ރަށްރަށަށް ދުރާާލައި ފޮނުވާފައިވާކަމުގެ ތުހުމަތާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ދެ މުވައްޒަފަކު ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ވަޒީފާއިން ވަކިކުރުމުގައި އަމަލުކޮށްފައިވާކަމުގެ ތުހުމަތު ހިމެނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެންމެ ދުވަސްވީ މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސައީދު ސަސްޕެންޑުކުރުމުން ވަގުތީ ޕީއެސް އަކަށް ހަމަޖައްސާފައިވަނީ އެތަނުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ވަހީދު އަލީ އެވެ.

ޒުހުރީ ވިދާޅުވި ގޮތުގައި ސައީދު ވަކިކުރުމުން، އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއެއް ހޯދަން ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.

މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނަކީ ކޮންމެ ތަނެއްގައި ވެސް ސިވިލް ސާވިސްގެ ފަރާތުން ހުންނަ އެންމެ އިސް މުވައްޒަފެވެ. ސަރުކާރުގެ ވައުދުގެ ތެރޭގައި ހިމެނޭ ދަރިވަރުންގެ ނާސްތާގެ ކަންތައްތައް ހަމަޖެއްސުމުގައި އެންމެ އިސްކޮށް އުޅުއްވި ސައީދު އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނޮވެމްބަރު 9، 2017 ގަ އެވެ. އޭނާ އޭގެ ކުރިން ހުންނެވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގަ އެވެ.