ޕީޕީއެމް ފެއިލްވީ ކޮށްދޭނެ ކަންތައްތަކެއް ނުދެއްކުމުން: ނިހާން

އެންމެ ފަހުން ބޭއްވި ތިން އިންތިޚާބުގައި ވެސް ޕީޕީއެމަށް ނާކާމިޔާބުވީ ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކެއް ރަނގަޅަށް ކިޔައި ނުދެވުމުން ކަަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.


ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ، ޕީޕީއެމަށް ނާކާމިޔާބުވީ ވަކި ބޭފުޅަކު ހުންނަވައިގެން ނުވަތަ ނޫޅުއްވުމުން ނޫން ކަމަށާއި ޕާޓީ ކޮނޑު އަޅައިގެން ނުކުންނާނެ ބަޔަކު އުފެއްދިފައި ނެތުމުން ކަމަށެވެ. އަދިވެސް އާ ބަޔަކު ނުކުމެ މަސަައްކަތްކޮށްފި ނަމަ އެ ޕާޓީ އަށް ކާމިޔާބު ލިބޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފިކުރަކާ އެކުގައި ރައްޔިތުންނަށް ވިއްކައިދޭން މަސައްކަތް ކުރަން ވާނެ. ފަހުގެ ތާރީޚެއް ގައި ޕީޕީއެމްއަށް ލިބުނު ގެއްލުންތަކަކީ މި އެޖެންޑާ ރައްޔިތުންނާ ހަމައަށް ގެންގޮސްދޭނެ، ޕީޕީއެމުން ކޮށްދޭނެ ރަނގަޅު ކަންތައްތައް ދައްކައި ދިނުމުން ދުރުހެލި ވަނީ، އަޅުގަނޑުމެންނަށް އެ މަސަައްކަތް ނުކުރެވުނީ،" މިދިޔަ ފަސް އަހަރު ސަރުކާރު ހިންގި އެކަމަކު މިހާރު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމްގެ ބަލިފައިތަކާ ގުޅޭ ގޮތުން ނިހާން ވިދާޅުވި އެވެ.

"އެންމެ ކުޑަމިނުން ޚުދު އަޅުގަނޑު އެ ސަރަހައްދަކަށް ނިސްބަތްވާ ތިނަދޫގައި، އެމްޑީޕީން ބިމެއް، އެ މީހުންގެ އަމިއްލަ ބޭނުމަށް ނަގައިގެން ޕާޓީން ބޭނުންތައް ކުރާތާ މިހާރު މީ ފަސް ހަ އަހަރުވީ. އަޅުގަނޑުމެންނަށް ބިމަށް އެޕްލައި ވެސް ނުކުރެވުނު. މީ ކާކުގެ މައްސަލައެއްތޯ،" ނިހާން

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމް ކުރިއެރުވުމުގައި އާއްމު މެމްބަރުންގެ ބައިވެރިވުން ރަނގަޅަށް ލިބޭނެ އިންތިޒާމެއް ހަމަނުޖެއްސި އިދާރީ ގޮތުން ވެސް އެ ޕާޓީ އަށް ވަނީ ބޮޑެތި ގޯސްތައް ހެދިފަ އެވެ. ޕީޕީއެމްގެ ހަރު މުދަލެއް ރާއްޖޭގެ އެއްވެސް ތަނެއްގައި ނެތީ ހިންގުންތެރިކަމާއި ވިސްނުންތެރިކަން ޕާޓީގެ އެއްވެސް ހިސާބެއްގައި ނެތުމުން ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ ކުޑަމިނުން ޚުދު އަޅުގަނޑު އެ ސަރަހައްދަކަށް ނިސްބަތްވާ ތިނަދޫގައި، އެމްޑީޕީން ބިމެއް، އެ މީހުންގެ އަމިއްލަ ބޭނުމަށް ނަގައިގެން ޕާޓީން ބޭނުންތައް ކުރާތާ މިހާރު މީ ފަސް ހަ އަހަރުވީ. އަޅުގަނޑުމެންނަށް ބިމަށް އެޕްލައި ވެސް ނުކުރެވުނު. މީ ކާކުގެ މައްސަލައެއްތޯ،" މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ތިނަދޫ ދެކުނު ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބުވި ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމާ ގުޅުން ހުރި ވިޔަފާރިތަކަށް ވެސް ކުރިއެރުންތައް ދީފައި ނުވާ ކަމަށާއި ޕާޓީގެ މެމްބަރުންގެ ގޮތުގައި "އަތް ދިއްކޮށްލާނެ" ފަދަ ރަނގަޅު ބަޔަކާ ގުޅުން ވެސް ބަދަހިވެފައި ނެތް ކަމަށެވެ.

ނިހާން ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އިންތިޒާމް ރަނގަޅު ނުވީ، ޕާޓީގެ ލީޑަޝިޕްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުވަތަ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނެތުމުންނެއް ނޫނެވެ.

ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ތިނަދު އަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ މީހުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ހަފުލާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމްގެ އިންތިޒާމުތައް އޮތް ގޮތަށް ފާޑުވިދާޅުވެ ނިހާން ވާހަކަ ދެއްކެވި އިރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ހިންގުންތެރިކަމަށް އޭނާ ތައުރީފު ކުރެއްވި އެވެ.

"އެމްޑީޕީގެ އޭގެ ޒާތުގައި، އެ ފިކުރަށް ތަބާވާ ބައެއްގެ މެދުގައި ރައީސް ނަޝީދު ހުއްޓަސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުއްޓަސް އަދި އެހެން މީހަކު ހުއްޓަސް އެ އޮންނަ އެކުވެރިކަމާއި ބަދަހިކަން ބާއްވާނެ ގޮތްތަކެއް ތަރުތީބު ކުރެވިފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

މި ފަހަރުގެ އާންމު އިންތިޚާބުގައި ޕީޕީއެމަށް ކާމިޔާބު ކުރެވުނީ އެންމެ ފަސް ގޮނޑި އެވެ. އެ ޕާޓީއާ އެކު ކޯލިޝަން ހެދި ކޮންގްރެސް ޕާޓީ އަށް ނެގުނީ އެންމެ ތިން ގޮނޑި އެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި އޭގެ ކުރިން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެސް އެ ޕާޓީ ވަނީ ބޮޑު ބައްޔަކުން ބަލިވެފަ އެވެ.