މަސައްކަތްތެރިންގެ އަޑު އަހައި، އެކަށީގެންވާ އުޖޫރައެއް ދޭން ޖެހޭ: ނައިބު ރައީސް

މަސައްކަތްތެރިންގެ އަޑު އަހައި، ވަޒީފާގެ ކުރިއެރުން ދިނުމުގައި އޮންނަ ތަފާތު ކުރުން ނައްތާލައި، ހަމަހަމަކަމާއެކު ކުރިއެރުން ދޭން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.


މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުން ފާހަގަ ކުރުމަށް އިސްލާމިކް ޔުނިވަސިޓީގައި ބޭއްވި ރަސްމިއްޔާތު ނައިބު ރައީސް ވިދާޅުވީ މަސައްކަތްތެރިންނަށް އެކަށީގެންވާ އުޖޫރައަކާއި އިނާޔަތްތަކެއް ދޭން ޖެހޭ ކަމަށެވެ. އަދި ގައުމުގެ ތަރައްގީއަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ރައްޔިތުންނާ ނުލައި އަޅުގަނޑުމެންނަށް ހޯދޭނެ އެއްވެސް ކާމިޔާބެއް ނޯންނާނެ،" ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ގައުމެއް ކުރިއަރައި ތަރައްގީވެގެން ދާނީ އެ ގައުމެއްގައި ފަންނުވެރި، ހުނަރުވެރި، ގާބިލް ބައެއް އުފެދިގެންނެވެ. އެކަމަކު، ވެއިތުވެދިޔަ ދުވަސްތަކުގައި ފަންނުތައް ދިރުވުމަށް އެކަށީގެންވާ ފުރުސަތުތައް ހޯދިފައި ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޕޮލިޓެކްނިކްގެ ދަސްވެނިވުން ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް (ކ-4) ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިން މިވަގުތު ބޭނުންވާ އެއް ކަމަކީ ވަޒީފާ އެވެ. އަދި ރާއްޖޭގެ ގިނަ އިންޑަސްޓްރީތަކުގައި ފުރުސަތުތަކެއް ހުރި ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެހެންވެ، އެ ފުރުސަތުތަކަކީ ކޮބައިތޯ ސަރުކާރުން ބަލައި، ޒުވާނުން ބިނާ ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތެރެއިން ކޮންމެ މީހަކަށް ލިބޭ ހިތްހަމަޖެހުމަކަށް ވަނީ ވަޒީފާއެއް އަދާކުރުން. މިއީ އަޅުގަނޑުމެން ގައުމުގައި ފުންކޮށް ވިސްނަން ޖެހޭ ކަމެއް. ވަޒީފާ ނެތް ޒުވާނުންގެ އަދަދަށް ބަލާއިރު، އެއީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

ދިވެހިންނަކީ ހުނަރުވެރި ބައެއް ކަން ފާހަގަ ކުރައްވައި ނައިބު ރައީސް ވަނީ ތަފާތު އެކިއެކި މައްސަލަތަކާ ހުރެ، ގައުމުގެ ތަރައްގީގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައި ނެތް މީހުންނަށް ފުރުސަތުތައް ހޯދައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެ، އެ ފުރުސަތު ދިނުމަށް އެދިވަޑައިގެންފަ އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ހަމަޖެހުމާއި އަމާންކަން ގާއިމުކޮށް، ދިވެހިން ފުދިގެން އެކުގައި އުޅެވޭނީ ދިވެހިންނަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި ފުރުސަތުތައް ހޯދައިދީގެންނެވެ. އަދި ގައުމު ތަރައްގީ ކުރުމުގައި ހުރިހާ ޒުވާނުންގެ ހިއްސާ އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.