ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދަން ގޮވާލައި ބޭއްވި ހިނގާލުމުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ: ދައުލަތުގެ ބައެއް ވަޒީރުން ވެސް އެ ހިނގާލުމުގައި ބައިވެރިވެ ވަޑައިގަތް. -- މިހާރު ފޮޓޯ/ނިޝާން އަލީ
24 އެޕްރީލް 2019 - 14:43
އިންސާފަށް އަޑު އުފުލަން އެއްވި މީހުންގެ ލޮލަށް އިއްޔެ ކަރުނަ ގޭހެއް ނުޖަހަ އެވެ. ބެނާތަކާ އެކު މަގުތަކުގައި ހިނގާލަން ފުރުސަތު ނުދީ، ގެއަށް ފޮނުވައެއް ނުލަ އެވެ. އަނިޔާވެރިންނަށް އަދަބު ދޭން އުފުލި އަޑުތަކާ ދެކޮޅަށް، ހުތުރު ބަހުން ފުލުހުން ވާހަކައެއް ނުދައްކަ އެވެ. ބިރު ދެއްކުމުގެ ގޮތުން މީހުން ހައްޔަރެއް ވެސް ނުކުރެ އެވެ.
އެޕްރީލް، 23، 2017 ރޭ ދަންވަރު، އަނިޔާވެރިކޮށް މަރާލި ޔާމީންގެ ރަޝީދަށް އިންސާފު ހޯދަން ކުރާ މަސައްކަތުގައި އިއްޔެ އަކީ މިހާތަނަށް އޭނާގެ އާއިލާ އަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބުނު ދުވަހެވެ.
ޔާމީން މަރާލިތާ ދެ އަހަރު ފުރުމާ ދިމާކޮށް، އިންސާފަށް އަޑު އުފުލަން ބޭއްވި އެއްވުމުގެ ކުރީ ސަފުގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އިންސާފު ނުލިބެނީސް "ދުލެއް ނުކުރާނަން" ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
އާއިލާ އަށް ހިތްހަމަޖެހުން ލިބުނީ އެ މަންޒަރުންނެވެ؛
ރައީސްގެ އިތުރުން އަނބިކަނބަލުން ފަޒްނާ އަހްމަދާއި ދައުލަތުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ބައިވެރިވެ، އާއިލާ އަށް އިންސާފު ހޯދައިދޭން ގޮވާލި އެވެ.
ގެއްލިގެން ހޯދަމުން އަންނަ ރިލްވާން (ކ) އާއި މަރާލި ޔާމީން.
"ރައީސް ބައިވެރިވެވަޑައިގަތުމަކީ އިންސާފު ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަން ކަށަވަރުކޮށްދެއްވުން. އެއީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ޔާމީންގެ ބައްޕަ، ހުސެއިން ރަޝީދު "މިހާރު" އަށް ބުންޏެވެ.
"އަޅުގަނޑުމެން އަނިޔާއާ ދެކޮޅަށް އިއްޔެ އަޑުއުފުލުމުން ފުލުހުން ޖެއްސުމެއް ނުކުރޭ، ނޭދެވޭ އަމަލުތަކެއް ނުހިންގާ. ފުލުހުންގެ ފަރާތުން ފެނުނީ ސަފުތައް އަތުރާލަމުން ސެކިއުރިޓީ ދިން މަންޒަރު."
Yameen ge marah ahareh: Aailaa ekaheri kolliyas, insaafu hoadhan salaan jahaane! https://t.co/JNfG7du6EE
— Mihaaru (@Mihaarunews) April 23, 2018
ޔާމީނަށް އިންސާފު ނުލިބިގެން އާއިލާ އިން ކަންބޮޑުވުންފާޅުކޮށް އާއިލާ އިން "މިހާރު" އަށް ދިން އިންޓަވިއު.
ޔާމީނާއި ގެއްލުވާލި ނޫސްވެރިޔާ އަހްމަދު ރިލްވާނަށް އިންސާފު ހޯދައިދޭން ގޮވާލައި އިއްޔެ ބޭއްވި އެއްވުމަށް ފުލުހުން ދެއްކި ނަމޫނާ ޔާމީންގެ ބައްފަ ފާހަގަކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންސާފަށް ކުރި މަސައްކަތުގައި ފުލުހުންގެ ފަރާތުން އާއިލާ އަށް ލިބުނު ހިތްދަތިކަން ސިފަކޮށްދެމުންނެވެ.
"ބޭބެ މަރާލުން ކުށްވެރިކޮށް، ނުކުތުމުން އަޅުގަނޑުގެ އަންހެން ދަރިފުޅު ފުލުހުންގެ ވަޒީފާ އިން ވަކިކޮށްލީ. އެއްވެސް ހައްގަކާ ނުލައި،" ހުސެއިން ރަޝީދު ބުންޏެވެ.
އިއްޔެގެ ހިނގާލުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ -- މިހާރު ފޮޓޯ/ނިޝާން އަލީ
އޭނާ ބުނި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ޔަގީންކަމާ އެކު އާއިލާގެ އުއްމީދަކީ ޔާމީންގެ މަރުގެ ފަހަތުގައި ތިބި އެންމެން ހާމަވުމެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ އަނިޔާވެރި އެއް ގަތުލުގެ ތަހުގީގަށް ފުލުހުން އަށް މީހަކު ހައްޔަރުކޮށް، ހަތް މީހެއްގެ މައްޗަށް ދައުވާ ވެސް އުފުލައިފި އެވެ. ތަހުގީގަށް ފަހު، ފުލުހުން ބުނެފައި ވަނީ، ޔާމީން މަރާލީ، ދީނީ ޚިޔާލުތަފާތުވުންތަކެއްގެ ތެރޭގައި ކަމަަށެވެ. އެ މީހުންނަކީ، ފުލުހުން ބުނިގޮތުގައި، އިސްލާމްދީނަށް ފުރައްސާކުރުމާ ދެކޮޅު ހަދާ ބައެކެވެ. އެ މީހުންގެ ވިސްނުމުގައި ޔާމީނަކީ ދީނަށް ފުރައްސާރަކުރާ މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އާއިލާ އިން ދެކޭ ގޮތުގައި، ތަހުގީގުން އެނގުނު ކަންކަން ކަމަށް ބުނެ ޔާމީންގެ މަރާ ގުޅުވަނީ ހަގީގަތެއް ނެތް ވާހަކަތަކެކެވެ. ދީނީ ގޮތުން، ޔާމީން މަރާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބައްޕަ ބުންޏެވެ.
"އެ މީހުން ޔާމީން މަރާލަން ޖެހޭ ސަބަބެއް ނުވިސްނޭ،" ހުސެން ރަޝީދު ބުންޏެވެ.
ޔާމީން މަރާލި ސަބަބެއް ކަމަށް އާއިލާ އިން ލަފާކުރަނީ، ގެއްލުވާލި ނޫސްވެރިޔާ އަހްމަދު ރިލްވާނަށް އިންސާފު ހޯދަން، އޭނާ ކުރި މަސައްކަތެވެ. އިންސާނިއްޔަތުކަމާއި އަދުލު އިންސާފަށްޓަކައި ޔާމީން ކުރި ހިތްވަރެވެ. އެކި މައްސަލަތަކުގައި ޚިޔާލުފާޅުކޮށް، ބްލޮގުގައި ލިއުނު ލިއުންތަކެވެ.
އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ މަރަށް ދެ އަހަރު ފުރުމާ ގުޅިގެން އޭނާ އަށް އިންސާފު ހޯދަން ގޮވާލާ ބޭއްވި ހިނގާލުމުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ނިޝާން އަލީ/މިހާރު
އެ ލިއުންތަކާ ގުޅިގެން، ތަކުރާރުކޮށް ޔާމީނަށް މަރުގެ އިންޒާރުތައް ދިނެވެ. ހިމާޔަތަށް އެދި ފުލުހުންނަށް މައްސަލަ ވެސް ހުށަހެޅި އެވެ. އެކަމަކު ޔާމީނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ނުދީ އޮއްވައި އޭނާ މަރާލި މައްސަލައިގައި ފުލުހުންގެ އިހުމާލު ހިމެނޭ ކަމަށް ބުނެ އާއިލާ އިން މައްސަލައެއް ކޯޓަށް ވެސް ވެއްދި އެވެ. ސިވިލް ކޯޓުން އެ މައްސަލަ ނުބަލައި ބޭރުކޮށްލީ އެވެ.
އާއިލާ އިން ބުނިގޮތުގައި، ޔާމީންގެ މަރާ ގުޅިގެން އާއްމުންގެ ކުރި މައްޗަށް ނެރުނު މީހުންގެ އިތުރުން ފަހަތުގައި ބަޔަކު ފޮރުވިގެން އެބަ ތިއްބެވެ.
އާއިލާގެ އުއްމީދަކީ ޔާމީނާއި ރިލްވާން އަދި ޑރ. އަފްރާޝިމް އަލީގެ މަރުގެ ފަހަތުގައި ފޮރުވިގެން ތިބި މީހުން ވީހާވެސް އަވަހަކަށް، ރައްޔިތުންނަށް ހާމަވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޅުވެރިން
25 April 2019
މަރުވެފައިވާ މީހަކީ މަރުވެފައިވާ މީހެއް! ކިތަންމެ މުޒާހަރާއެއް ކުރިއަސް އޭނަ އަލުން ދުނިޔެއަށް އަންނާނެ ގޮތެއް ނޯންނާނެ! މިންވަރުފުޅަށް އީމާންވާން ޖެހޭ! ކުރެވޭނެ ކަމަކީ ޤާތިލުން ހޯދައި، އެމީހުންނަށް އަދަބު ދިނުން! އެމީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރަން އުޅޭ އިރަށް އަނެއްކާވެސް ތިޔަ ހިނގާލުމަށް ނުކުތް މީހުން ނުކުންނާނެ އެކަން މަނާ ކުރަން! ދެން ކީކޭ ތިކިޔަނީ؟ ތިއީ ހަމަ ބަޔަކު މޮޔަ ހައްދަން ކުޅޭ ތަމްސީލެއް!!
އޮލޯލޯ
25 April 2019
ރައީސް ހިނގިއަކަސް ނުވާނެ ދޯ. ވީގޮތެއް ނޭގެއެއްނުން ދޯ. މަރު ކޮމިޝަންވެސް ބުނަނީ ފުލުހުން ކީއެތި މީހުންއެގެއޯ ހެއްކޯ ނެތީ. ބަލަ ފުލުހުން މީހުންގެ ނަމެއް ނުބުނިދޯ. އެހެން ވީމަ ހެކިނެތަސް މަރު ކޮމިޝަންއިން ނަން ކިޔާލަބަލަ. ރައްޔިތުން ހެކިދައްކާލަދޭނެ ތޯއްޗެއް
ކައްލަބާ
25 April 2019
މީގަރުނުގެ ބޮޑުޖޯކު، ވައުދުވެ ތަންފީސްކުރަން އައި ރައީސްމީހާ މިނިކުތީ ކާކުކީކޭ ބުނެގެން...ވައުދުވީ ތިޔަބުމާ ކަންތަކުގެ ހައްލުހޯދަން ،ވޯޓް ދިނީ ތިޔަފަދަ ތަފާތު ކަންކަމުގެ ޔަގީން ކަންދިނުމުމް. ގޮތްހުސްވީތޯ؟
ahmed
24 April 2019
ސިމާ ކޮބާހޭ.
އަހޫ
24 April 2019
ހަމަނުޖެހުން ހިންގާމީހުން ވެރިކަމަށް އެރީމަ ކުރާ މުޒާހަރާތަށްވެސް ވ. ޕީސް ވާނެ. ދެން ތިކަމުގެ ހަގީގަތް ލަސްނުވެ އިނގިދާނެތާ, ލެޓްސް ސީ!
މަރު
24 April 2019
ކުރީގެ އުއްތަމަފަޑިޔާރު އަދިވެސް މިނިވަންނުކުރެ. ކޮބާއިންސާފު. ރައީސް މީހުން އެއްކޮއްގެން ހިގީމަ އިންސާފު ލިބޭތަ.
ޜައިސްމީހާ
24 April 2019
ޝަރުއީ ދާއިރާއަށް ދިން އިންޒާރެއް
ރަދީފް
24 April 2019
ޔާމީން ރަޝީދު އަދި ރިލްވާނަށް ވެސް އިންސާފް ލިބެންޖެހޭ ، އަހަރެން ވެސް އެކަމަށް ވަކާލާތުކުރަން.ހުރިހާ މީހުންނަށް އިންސާފް ލިބެންޖެހޭ.އެންމެ 02 މީހެއްގެ ނަން ބޯލްޑްކޮށްފަ ދެއްކުން އެއީ ތަފާތުކުރުން ކަމުގަ ނޫނީ ނުވާނެ.
ރޫޓް
24 April 2019
ބަލަ އެ 2 މީހުންގެ އާއިލާއިންނާއި ހެޔޮއެދޭ މީހުންނާއި ރަހްމަތްތެރިން އަމިއްލައަށް އިސްނަގައިގެން ނުކުމެއޭ މިކަމާއި އުޅެނީ! ސަރުކާރުން ފައިސާ ދީގެންނެއް ނޫނޭ! ދެންވެސް ގެއްލިފައިވާ މީހުންގެ ހެޔޮއެދޭ ފަރާތްތަކުން އެކަމާއި އުޅެންޏާ އެކަންކަންވެސް ހަމަ ބޯލްޑް ވާނެ!
8888
24 April 2019
100 ދުވަސް?
ޢަލިމަނިކުފާނު
24 April 2019
އުފާވެރިކަންހުރި