"އަޒްމީގެ ފަރުވާ ލަސްވެ، އައިޖީއެމްއެޗް ވަނީ އިހުމާލުވެފައި"

ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނު އެސްޓީއޯ އައިޓީ ޑިޕާޓްމެންޓްގެ ހެޑް މުސްތަފާ އަޒްމީ އަށް އައިޖީއެމްއެޗުން އަވަސް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް އޭނާގެ ގާތް މީހުން ތުހުމަތުކޮށްފި އެވެ.


އެކަމަކު މިކަމާ ގުޅޭ ގޮތުން އާއިލާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

"މިހާރު" އަށް މައުލޫމާތުދިން އޭނާގެ ގާތް އެކުވެރިއަކު ބުނީ އަޒްމީ ހޮސްޕިޓަލަށް ގެންދިޔައީ ހޮނިހިރު ދުވަހުގެ މެންދުރު 2:30 ހާއިރު ކަމަށާއި ފަރުވާ ދެވެން ނެތް ކަމަށް އައިޖީއެމްއެޗުން ބުނުމުން އޭޑީކޭ އަށް ގެންދިޔައީ އެރޭ 8:00 ގައި ކަމަށެވެ.

"އަޒްމީ ގެންދިޔުމުން އެމަޖެންސީގައި ހުރި ޑޮކްޓަރު ފުރަތަމަ ވެސް އެހީ ތީ ބަންގާޅިއެއްހޭ. އަސްލު ޑޮކްޓަރުންގެ މުއާމަލާތްކުރުން ވެސް ވަރަށް ގޯސް. އެތައް އިރަކު ވާނުވާ ނޭނގި އެތާނގައި ތިބެން ޖެހުނު،" އޭނާ ބުންޏެވެ.

އަޒްމީގެ އެކުވެރިޔާ ބުނި ގޮތުގައި އައިޖީއެމްއެޗުގައި ފަސް ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަކުރި އިރު އަޒްމީ ތިން ފަހަރަށް ލެއާ އެކު ހޮޑު ލި އެވެ. އަދި ވަމުން ދިޔަ އުނދަގޫތައް އޭރު ވެސް އޭނާ ކިޔައިދެމުން ގެންދިޔަ ކަމަށް ރަހުމަތްތެރިން ބުނެ އެވެ.

އަލިވާގޭ ކައިރީ ހުންނަ މުހައްމަދު ޖަމީލު މިސްކިތް، ނުވަތަ އާންމު ނަމުން ނަމަ ފައި ފޮހޭ މިސްކިތުގެ ދެ ވަނަ ބުރިން އަޒްމީ ވެއްޓުނީ އެ މިސްކިތުގެ މިންބަރުގެ ލަކުޑީގެ މަސައްކަތްތަކެއް ކުރަން އުޅުމުގެ ތެރޭގަ އެވެ. އޭނާ މިހާރު އޮތީ ވަރަށް ސީރިއަސް ހާލެއްގަ އެވެ. އެނގިފައިވާ ގޮތުގައި ރާއްޖެ އިން ބޭރަށް އިއްޔެ ގެންދިޔަ ނަމަވެސް، ދެވޭނެ ފަރުވާއެއް ނެތިގެން އޭނާ އެނބުރި ރާއްޖެ ގެންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ހާދިސާގައި އޭނާގެ ސިކުނޑި އަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އާއިލާ އިން ކުރިން ބުނެފައިވާ ގޮތުގައި އަޒްމީގެ މޭ ކަށިގަނޑުން ކަށިކޮޅެއް ބިނދި، އެ ކަށިކޮޅު ވަނީ ފުއްޕާމެ އަށް ހެރިފަ އެވެ. އުމުރުން 41 އަހަރުގެ އަޒްމީ އެސްޓީއޯގައި މަސައްކަތް ކުރާތާ 25 ވަރަކަށް އަހަރު ވަނީ ވެފަ އެވެ.

މި ހާދިސާ ހިނގުމާ އެކު އަޒްމީ އެންމެ ފުރަތަމަ ގެންދިޔައީ ވެސް އައިޖީއެމްއެޗަށެވެ. އައިޖީއެމްއެޗް އިމަޖެންސީގައި ފަރުވާދިން ޑޮކްޓަރުން އަޒްމީގެ ސީޓީ ސްކޭނާއި އެކްސް ރޭ ނެގި އެވެ.

"އޭނާގެ އެކްސްރޭ އާދައިގެ މީހަކު ބަލާލިއަސް އެނގޭނެ، ބޮލުގެ ނާށިގަނޑުގައި ލޭ ފުރިފައި އޮތް ވަރު،" އޭނާ ބުންޏެވެ.

އެކަންކަން އެނގި، ފަރުވާދެވޭނެ ގޮތެއް ނެތްކަން އެނގޭއިރު ވެސް، އޭނާ އޭޑީކޭ އަށް ފޮނުވުމަށް އެތައް ވަގުތެއް ހޭދަވުމަކީ މައްސަލައެއް ކަމަށް އަޒްމީގެ އެކުވެރިޔާ ބުންޏެވެ.

އަޒްމީގެ ރަހުމަތްތެރިން މިފަދަ ތުހުމަތުތަކެއް ކުރި ނަމަވެސް އައިޖީއެމްއެޗުން ބުނީ އެފަދަ ކޭސްތަކުގައި ފަރުވާ ދިނުމުގައި އޮންނަ އުސޫލުގެ ތެރެއިން ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާނެ ކަމަށެވެ. އެކަމަކު ދީފައިވާ ފަރުވާއާ ގުޅޭ ގޮތުން އިހުމާލެއް އޮތް ނަމަ ޝަކުވާ ހުށަހެޅޭނެ ކަމަށާއި އެ ޝަކުވާތައް ވެސް ބަލާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އަވަސް ފަރުވާ ބޭނުންވާ ކަމެއް!

އެކްސިޑެންޓްތަކުގައި ބޮލާއި ސިކުނޑި އަށް ލޭއެޅުމަކީ ވަރަށް އަވަހަށް ފަރުވާދޭން ޖެހޭ ކަމެކެވެ. އެކަމަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން މީގެ ކުރިން އާންމުކޮށްފައިވާ ވީޑިއޯއެއްގައި އޭޑީކޭގެ ނިއުރޯ ސާޖަން ޑރ. އަލީ ނިޔާފު ވެސް ވިދާޅުވެފައިވާ ގޮތުގައި ސިކުނޑި އަށް ލިބޭ އަނިޔާތަކަކީ ދާއިމީ ގެއްލުންތަކެއް ލިބޭނެ ކަމެކެވެ. ސިކުނޑި އަށް ލިބޭ އަނިޔާތަކުގެ ފަރުވާ އެންމެ ލަސްވެގެން ވެސް ހަ ގަޑިއިރު ކުރިން ފަށަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއަށް މިކިޔަނީ ގޯލްޑަން ސިކްސް އަވާސް. އެ ހަ ގަޑި އިރުގެ ތެރޭ އަޅުގަނޑުމެންނާ ހިސާބަށް ބަލިމީހާ ފޯރައިފިއްޔާ ފަރުވާ ފުރިހަމަ އަށް ދިނުމުގެ ފުރުސަތު ބޮޑުވަނީ،" އޭނާ ވިދާޅުވި އެވެ.

މި ވީޑިއޯގައި ނިޔާފް ވިދާޅުވީ، ބަލިމީހާގެ ބޮލަށް ގެއްލުންވެފައިވާ ކަމުގެ އަލާމާތްތައް ހުރި ނަމަ އެކަން ޑޮކްޓަރުންނަށް ކިޔައިދޭން ވެސް ޖެހޭ ކަމަށެވެ. އަދި ބަލިމީހާ ގެންދާ ހޮސްޕިޓަލަކީ ނާރުގެ އޮޕަރޭޝަންތައް ކުރެވޭ ވަރުގެ ހޮސްޕިޓަލެއްތޯ ބެލުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޯ ޖެހޭ ގޮތަކުން ސިކުނޑި އަށް އަރާ ލޮޅުންތަކަކީ ޕްރައިމަރީ ބްރެއިން އިންޖަރީ. އެއަށް އަޅުގަނޑުމެންނަށް މާ ބޮޑު ކަމެއް ނުކުރެވޭނެ. އެކަމަކު އެ ލޮޅުމަށް އަޅާ ނުލައި ފަރުވާދިނުން ލަސްކޮށްފި ނަމަ އޭގެ ދެގުނަ ގެއްލުން ލިބިދާނެ،" އޭނާ ވިދާޅުވި އެވެ.

ނިޔާފު ވިދާޅުވެފައިވާ ގޮތުގައި، ބޯ ޖެހުމަށް ފަހު ލިބޭ، ސެކަންޑްރީ ބްރެއިން އިންޖަރީތަކަކީ ޑޮކްޓަރުންނަށް ހުއްޓުވޭނެ އަނިޔާތަކެކެވެ. ބޮލަށް އަނިޔާވެފައިވާ ބަލި މީހަކު އުފުލަން ވާނީ އެކަންކަން ކުރަން ދަންނަ ބަޔެއް ނަމަވެސް އެނޫން ހާލަތެއްގައި ވެސް އުޅަނދަކަށް އަރުވާ އިރު އޭނާގެ މައިބަދަ އަށް ލޮޅުން ނާރާނެ ގޮތަކަށް އުފުލުން މުހިއްމު ކަމަށް ނިޔާފު ވިދާޅުވި އެވެ.