ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ވާހަކަ އޭނާ ދައްކަވަނީ ހެޔޮ ނިޔަތުގައި ކަމަށް ވިދާޅުވެ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބަޔާން ދެއްވި ކަމަށް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން، އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެން ޑީޖޭއޭއަށް ހާޒިރުކުރުމުން ބަޔާން ދެއްވުމަށް ފަހު "މިހާރު"އާ ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ހުރި ކަން ގަބޫލުކުރައްވާ ކަމަށް، ބަޔާން ދެއްވި ކަމަށެވެ.
އިންތި ވިދާޅުވި ގޮތުގައި އެކަންކަމާ މެދު އޭނާ ކަންބޮޑުވެވަޑައިގަނެ އެވެ.
"ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ވާހަކަ އަޅުގަނޑު ދައްކަނީ ހެޔޮ ނިޔަތުގައި ކަމަށް ދެންނެވިން،" އިންތި ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑީޖޭއޭ ހާޒިރުކުރުމަށް ފަހު ގިނައިރުތަކެއް ވަންދެން އިންތިއާ ސުވާލު ކޮށްފައިވެ އެވެ. އޭނާ އެތަނުން ނުކުންނެވީ 11 ޖެހި ފަހުންނެވެ.
ކޯޓުން އިންތިއާ ސުވާލުކުރީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ޑީޖޭއޭ އަށް ހާޒިރުވާން އެންގުމުން މިދިޔަ ބުދަދުވަހު އިންތި ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.
އެ ޓްވީޓުގައި އޭނާ ވިދާޅުވެފައިވަނީ "ފަސް ފަނޑިޔާރުން އެކުގައި ސޮއިކޮށް ހުކުމް ނެރެފައި، އެ ހުކުމް ނެރުނީތީ ދެ ފަނޑިޔާރުން ޖަލަށް ލާފައި އެ ހުކުމަށް އަގުލަބިއްޔަތު ދިން ތިން ފަނޑިޔާރުން، ފަނޑިޔާރު ކަމުގައި ދެމިތިބެފައި. ދެން މިއީ ކޯއްޗެއް! ސުޕްރީމް ކޯޓު ބެންޗް ބަދަލު ކުރަން ޖެހޭ،" މިހެންނެވެ.
އިންތި ވިދާޅުވީ އެ ޓްވީޓް ކުރެއްވީ ކީއްވެގެންތޯ ޑީޖޭއޭ އިން ސުވާލު ކުރުމުން އެއީ ސުއޫދު އެކޯޓަށް ހާޒިރު ކުރާތީ ކަންބޮޑުވުން ފާޅުކުރެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓެއް ކަމަށް ވިދާޅުވި ކަމަށެވެ.
އިންތިއަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ވަރަށް ފާޅުގައި ވާހަކަ ދައްކަވާ ބޭފުޅެކެވެ.
ސުއޫދުގެ އިތުރުން ގާނޫނީ ވަކީލް މޫސާ ސިރާޖު ވެސް މިދިއަ ހަފުތާގައި ޑީޖޭއޭއަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ. އެބޭފުޅުން ވެސް ހާޒިރު ކުރީ ސުޕްރީމް ކޯޓަށާއި ފަނޑިޔާރުންގެ އަމަލުތަކަށް ފާޑުވިދާޅުވުމުންނެވެ.
މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ ފަނޑިޔާރުންނަށް ފާޑުކިއުއްވައިގެން ގާނޫނީ ބައެއް ވަކީލުން ސަސްޕެންޑް ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި ސުއޫދު ހިމެނެ އެވެ.