ލުތުފީ އޭސީސީން "ގެއްލިއްޖެ"!

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީގެ ރަސްމީ ޗުއްޓީ ހަމަވުމުން ވެސް އޮފީހަށް ވަޑައިނުގަންނަވާތާ ދެ މަހަށް ވުރެން ގިނަ ދުވަސްވެއްޖެ އެވެ.


ލުތުފީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ރަސްމީ ޗުއްޓީއެއް ނަންގަވައިގެން ރާއްޖެ އިން ބޭރަށް ވަޑައިގަތެވެ. ދަތުރަށް ފަހު މާލެ ވަޑައިގަތް އިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއްގެ ތަހުގީގު އޮތީ ފަށައިފަ އެވެ.

އެ ތަހުގީގާ އެކު ލުތުފީ އޮފީހަށް ވަޑައެއް ނުގަންނަވަ އެވެ. އެކަމަކު، މުސާރަ ބަރާބަރަށް ހިނގަ އެވެ.

ލުތުފީ އޮފީހަށް ވަޑައިނުގަންނަވާ ކަން އޭސީސީން ކަށަވަރުކޮށްދެ އެވެ. އޭނާ ފޯނު ނުނަންގަވާތީ، އޮފީހަށް ވަޑައިނުގަންނަވާ ސަބަބު ސާފެއް ނުވި އެވެ.

ލުތުފީއާ ދެކޮޅަށް ފުލުސް އޮފީހަށް މައްސަލަ ހުށަހެޅީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވަން އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެ މައްސަލައިގައި ތުހުމަތު ކުރަނީ ލުތުފީ އާއި އިތުރު ބަޔަކު ބައިވެރިވެގެން މަނީ ލޯންޑަރިން ހިންގި ކަމަށެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭގޮތުން އޭސީސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރި އިރު ވެސް ލުތުފީ ވަޑައެއް ނުގަތެވެ.

ލުތުފީގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކުން ދިފާއުކޮށްދޭން ގާނޫނާ ޚިލާފަށް ލުތުފީ އަމަލުކުރެއްވި ކަމަށް ތުހުމަތު ކުރެ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލަން އޭސީސީން ހިންގި ތަހުގީގުގައި ވެސް ލުތުފީ އަމަލުކުރެއްވީ އެއް ބަޔަކު ތުހުމަތުކުރާ ގޮތުގައި، ކޮރަޕްޝަންގެ ތުހުމަތުތަކުން ޔާމީނަށް ސަލާމަތްވެވޭނެ މަގު ފަހިވާ ގޮތަށެވެ. އެއް ކަމަކަށް، އޭސީސީ އަށް ގާނޫނީ ބާރު ލިބިގެންވީ ނަމަވެސް އެއް މިލިއަން ޑޮލަރު ޖަމާކުރި ޔާމީންގެ އެކައުންޓް ފްރީޒްނުކޮށް، އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރަން އެއްބަސްވުމެއް ހެދުމެވެ. ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި، ޔާމީނާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވުމަކީ ގާނޫނީ ގޮތުން އޭސީސީ އަށް ކުރެވޭނެ ކަމެއް ވެސް ނޫނެވެ. އެ ކޮމިޝަނަށް އޮތް ގާނޫނީ ބާރަކީ، ޔާމީންގެ އެކައުންޓަށް ފައިސާ ވަދެފައި ވަނީ އެސްއޯއެފް އިން ކަން އެނގުމާ އެކު އެ ފައިސާ ފްރީޒް ކުރުން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.