ޓްރީޓޮޕުން އެމްއައިބީގެ ފައިސާ ކާޑުގެ ހިދުމަތްދޭން ވީ އެއްބަސްވުމާ އެކު އެމްއައިބީގެ ސީއޯއޯ އަހުމަދު ރިޒާ (ކ) އާއި ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑޭވިޑް ފެއިންބާގް -- ފޮޓޯ: ނިޝާން އަލީ/ މިހާރު
02 މެއި 2019 - 15:49
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ "ފައިސާ ކާޑު"ގެ ހިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން ގަބޫލުކުރަން ފަށައިފި އެވެ.
މި ހިދުމަތް ޓްރީޓޮޕުން ދިނުމުގެ އެއްބަސްވުމުގައި އެ ހޮސްޕިޓަލުގެ ސީއީއޯ ޑޭވިޑް ފެއިންބާގް މިއަދު ސޮއިކުރެއްވި އިރު އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއޯއޯ އަހްމަދު ރިޒާ އެވެ.
މި އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލުގެ އިން-ޕޭޝަންޓާއި އައުޓްޕޭޝަންޓް ހިދުމަތްތަކަށް އެމްއައިބީގެ ފައިސާ ކާޑު ބޭނުންކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ހޮސްޕިޓަލުގެ ސީއީއޯ ޑޭވިޑް ފެއިންބާގް "މިހާރު" އަށް ވިދާޅުވީ މިއީ ދިވެހިންނަށް ފަސޭހައިން ހިދުމަތް ދިނުމަށްޓަކައި ވީ އެއްބަސްވުމެއް ކަމަށެވެ.
"އެމްއައިބީ އަކީ ކަސްޓަމަރުން ގިނަ ކުންފުންޏެއް. ޕަބްލިކް ހެލްތު ސާވިސްގައި [ޓްރީޓޮޕުން] މަސައްކަތްކުރާ އިރު ވެސް ވީހާ ވެސް އަވަހަށް އެންމެންނަށް ހިދުމަތް ލިބޭ ގޮތް ހަމަޖައްސަން ބޭނުންވާތީ، އެމްއައިބީގެ ކަސްޓަމަރުންނަށް ވެސް ފައިސާ ކާޑު ބޭނުންކުރެވޭނެ ގޮތް އަޅުގަނޑުމެން މި ހަމަޖެއްސީ،" ޑޭވިޑް ވިދާޅުވި އެވެ.
އެމްއައިބީގެ ސީއޯއޯ ވިދާޅުވީ ސިއްހީ ހިދުމަތް ހޯދަން ދާ މީހަކަށް އޭނާގެ އަތުގައި އެކަށީގެންވާ ވަރަށް ނަގުދު ފައިސާ ނެތުމުން ސިއްހީ ހިދުމަތް ނުލިބުމަކީ މައްސަލައެއް ކަމަށެވެ. އަދި މި ހިދުމަތް އެ ހޮސްޕިޓަލުން ލިބޭނެ ގޮތް ހަމަޖެއްސީ އެކަމަށް ހައްލެއް ހޯދައިދޭން ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy