ލަންކާގައި ގިނަ ދިވެހިންތަކެއް ވިސާ ނެތި އެބައުޅޭ: ޝާހިދު

ސްރީ ލަންކާގައި ގިނަ ދިވެހިންތަކެއް ވިސާ ނެތި ދިރިއުޅެމުންދާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.


ލަންކާގައި ދާދި ފަހުން ދިން ބޮމުގެ ހަލަތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެ ގައުމުގައި މިހާރު ހިންގާ ފާސްކުރުމުގެ އޮޕަރޭޝަންތަކުގައި މިހާތަނަށް ވަނީ އަށް ދިވެއްސަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންގެ މައްސަލަ އަކީ ވިސާގެ މުއްދަތު ހަމަވެފައިވުން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ލަންކާގައި ވިސާ ނެތި ދިރިއުޅެމުންދާ ދިވެހިންގެ ސާފު އަދަދެއް އެނގިވަޑައިގަންނަވާނީ އެ ގައުމުން މިހާރު ކުރިއަށް ގެންދާ ސްކްރީން ނިމުމުން ކަމަށެވެ. ލަންކާގައި ދިރިއުޅޭ މީހުން އެ ގައުމުގެ ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓަރީވާން އަންގަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ވިސާ އާ ނުކުރަނީ ފަރުވާކުޑަކަމުންނެވެ. އެގޮތުން ވިސާ އާ ނުކުރާތާ 1-2 އަހަރު ވެފައިވާ މީހުން ވެސް ލަންކާގައި އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ވިސާ ނެތި ލަންކާގައި ދިރިއުޅޭ ދިވެހިންގެ މައްސަލަ އަށް ހައްލެއް ހޯދައި ދިނުމަށް މިހާރު ވެސް އެ ގައުމުގެ ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ސައްހަ ބޭނުމެއްގައި ލަންކާގައި ދިރިއުޅޭ މީހެއްގެ ވިސާގެ މުއްދަތު ހަމަވެފައިވާ ނަމަ ރާއްޖެ ނައިސް ވިސާ އާ ކުރުމަށް ފަހު، ލަންކާގައި އުޅެވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެ ކަހަލަ ފުރުސަތެއް ހޯދައި ދެވޭތޯ މި މަސައްކަތް ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ވިސާ އާ ނުކުރަނީ ފަރުވާކުޑަކަމުންނެވެ. އެގޮތުން ވިސާ އާ ނުކުރާތާ 1-2 އަހަރު ވެފައިވާ މީހުން ވެސް ލަންކާގައި އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދު "މިހާރު" އާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އެ ކަހަލަ ކަންކަން ދިމާވީމާ އަޅުގަނޑުމެން ރައްޔިތުންނަށް ލުއި ހޯދައިދޭން މި ކުރާ މަސައްކަތަށް އަންނަނީ އިތުރު ހުރަހެއް. އެ ގައުމެއްގައި ތިބޭއިރު އެ ގައުމެއްގެ ގާނޫނާއި ގަވައިދަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ވާން ޖެހޭ،" ޝާހިދު ވިދާޅުވި އެވެ.

ދިވެހިންގެ ގެ ދެވަނަ "ގެ" ކަމަށް ދެކޭ ލަންކާގައި އެކި ބޭނުންތަކަށް 13،000 އެއްހާ ދިވެހިން ދިރިއުޅެ އެވެ.

ދިވެހިންނަށް އެކި ގައުމުތަކުން ވިސާގެ ލުއި ހޯދައިދިނުމަށް މި ސަރުކާރުން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ. އަދި ބައެއް ގައުމުތަކުން ވަނީ ވިސާގެ ލުއިކަން ރާއްޖެ އަށް ދީފަ އެވެ.

ލަންކާ އިން ހައްޔަރު ކުރި ދިވެހިންގެ ތެރޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފޮތެއް ފެނުނު މައްސަލައިގައި ހިމެނޭ ދެ މީހަކު ވެސް ހިމެނެ އެވެ. މި މައްސަލައިގައި ހައްޔަރު ކުރި އެމްޑީޕީގެ އިސް ދެ އެކްޓިވިސްޓުންގެ ބަންދަށް ލަންކާގެ ކޯޓުން ވަނީ 13 ދުވަސް ޖަހައިފަ އެވެ.