ބްރެވިމާގޭ ޒާހިރުގެ ތައުބީނުގެ ޖަލްސާގައި އޭނާގެ ބައެއް ދަރިން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
03 މެއި 2019 - 11:50
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ބުރެވިމާގޭ މުހައްމަދު ޒާހިރުގެ ޚިދުމަތުގެ ހަނދާން އާކުރަން ސަރުކާރުން ރޭ ތައުބީނުގެ ޖަލްސާއެއް ބާއްވައިފި އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި މިނިސްޓަރުންނާއި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އިއްޒަތްތެރިން ވެސް އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ. ޒާހިރުގެ ދަރިންނާއި އާއިލާގެ އެހެން ބައެއް ބޭފުޅުން ވެސް އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ޖަލްސާގައި ޒާހިރުގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކެވީ އޭނާގެ ދަރިކަލުން މަހްމޫދު ޝުޖާއު އެވެ. އޭނާގެ ވާހަކައިގައި ޒާހިރުގެ އާއިލީ ދިރިއުޅުއްވުން ހުރި ގޮތުގެ ހަނދާންތައް ހިއްސާ ކުރައްވަމުން ވިދާޅުވީ ބައްޕަގެ ހަތް ދަރިންނަށް ވެސް ދިރިއުޅުމުގެ ހުނަރުވެރިކަން ދަސްކޮށް ދެއްވައި މަސައްކަތްތެރިކަމުގެ ތެރެއަށް ހޭލެއްވެވި ކަމަށެވެ.
ބްރެވިމާގޭ ޒާހިރުގެ ތައުބީނުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫނު ބައިވެރިވެވަޑައިގަންނަވަނީ
"އަޅުގަނޑުމެންގެ ހަތް ކުދިންނަށް ދިރިއުޅުމުގެ ހުރިހާ އިލްމެއް ދަސްކޮށް ދެއްވައި މަސައްކަތްތެެރިކަމާއި ހުނަރުވެރިކަމުގެ ތެރެއަށް ހޭލައްވައި މިކަމުގައި ލޮބުވެތި މަންމަޔާއި ބައްޕަ ކުރެއްވި މިންނެތް މަސައްކަތްޕުޅު ގިނަގުނަ،" އޭނާ ވިދާޅުވި އެވެ.
ޒާހިރުގެ ޚިދުމަތުގެ ހަނދާން ކުރައްވަމުން ޖަލްސާގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވަރަށް ދިގުކޮށް ވާހަކަ ދެއްކެވި އެވެ. ޒާހިރުގެ ފާހަގަކޮށްލެވޭ ރަނގަޅު ސިފަތަކުގެ ވާހަކަ ދައްކަވަމުން މައުމޫނު ވިދާޅުވީ ޒާހިރު ވަނީ ތެދުވެރިކަމާއި އިޚުލާސްތެރިކަން ދައްކަވާފައި ކަމަށެވެ.
"އެހެންވީމާ މުހައްމަދު ޒާހިރު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރުމުގެ ހިތާމަ މުޅި ގައުމުން ހިއްސާ ކުރޭ. އަދި މުހައްމަދު ޒާހިރާ ބެހޭ ގޮތުން އެއްވެސް މީހަކު ނޭދެވޭ ވާހަކައެއް ދައްކާތަނެއް އަޅުގަނޑު އަޑެއް ނާހަން،" މައުމޫނު ވިދާޅުވި އެވެ.
ޒާހިރު ވަނީ މެދުނުކެނޑި 63 އަހަރު ދައުލަތަށް ހިދުމަތް ކުރައްވައި އިސް މަގާމުތަކެއް އަދާކުރައްވައިފަ އެވެ.
އޭނާ ފުރުއްވި ބައެއް މަގާމުތަކުގެ ތެރޭގައި ވަޒީރުލްއައުޒަމްގެ ހާއްސަ ސެކްރެޓަރީކަން، ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީކަން، ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާގެ މަގާމު އަދި ކަސްޓަމްސްގެ ވެރިޔާކަން ހިމެނެ އެވެ. މީގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ޕްރައިވެޓް ސެކްރެޓަރީ ކަމުގެ މަގާމު ވެސް ފުރުއްވި އެވެ. އޭގެފަހުން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ފިޝަރީޒް މިނިސްޓްރީގެ ނައިބުކަން ވެސް ކުރެއްވި އެވެ. އޭގެ އިތުރުން، ޕްރިންސިޕަލް ކަލެކްޓަ އޮފް ކަސްޓަމްސް ކަމުގެ މަގާމާއި، މިނިސްޓަ އޮފް ސްޓޭޓް ކަމުގެ މަގާމު ވެސް އަދާކުރެއްވި އެވެ.
ޒާހިރު ފުރުއްވި އެހެން މަގާމުތަކުގެ ތެރޭގައި، އެމް.ޖީ ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓުގެ ފުޑް ކޮންޓްރޯލަކަމުގެ މަގާމާއި، ވައިލެޓް ފެހި ހޮސްޕިޓަލްގެ މެނޭޖަރު ކަމުގެ މަގާމާއި ޝިޕިން ޑިޕާޓްމަންޓުގެ މެނޭޖަރު ކަމުގެ މަގާމާއި ރަޖިސްޓްރޭޝަން ޑިވިޒަންގެ ވަކީލު ކަމުގެ މަގާމު ހިމެނެ އެވެ. އަދި އޭނާ ވަނީ ތިން އަތޮޅެއްގެ އަތޮޅުވެރިކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އެއީ، ފާދިއްޕޮޅު އަތޮޅުވެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަމާއި، ތިލަދުންމަތީ އަތޮޅުވެރިކަމެވެ.
ޒާހިރު، އެންމެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވަނީ، ކަސްޓަމްސްގައެވެ. އެގޮތުން، ދެ ފަހަރެއްގެ މަތިން 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކަސްޓަމްސްގެ އެންމެ އިސްވެރިއެއްގެ މަގާމު އަދާކުރެއްވި އެވެ.
ރޭގެ ޖަލްސާގައި ޒާހިރުގެ ހަނދާނަށް ޝަރަފުގެ އައްޑަނަޔަކާއި ލިއުމެއް އެރުވި އެވެ. އެ ލިއުން އާއިލާއާ ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
ޒާހިރު އަވަހާރަވީ މި އަހަރުގެ މާޗް މަހު 15 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދދދދދދ
03 May 2019
އަންނަ އަހަރު މާޗުގަ ބޭއްވިނަމަ. ބޮޑުވަރެއް.
ޝުކޫރު
03 May 2019
ކަސްޓަމްސްގެ ފަރާތުން ވާހަކަ ދެއްކިކަން ނޭނގެނީތޯ
ހާޑްވޯޑު
03 May 2019
ނަންވާނީ ހައިވަކަރު އޮޑި