ފޮރިން މިނިސްޓަރު ޝާހިދު ލަންކާ އަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ސްރީ ލަންކާ އަށް ފުރާވަޑައިގެންފި އެވެ.


އެ ދަތުރުފުޅުގައި ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހައާ، ޝާހިދު ބައްދަލު ކުރައްވާނެ އެވެ. މީގެއިތުރުން، ލަންކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިއާ އާއި އިދިކޮޅު ލީޑަރު މަހިންދަ ރާޖަ ޕަކްސާއާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ލަންކާ އަށް މި ވަޑައިގަތީ، އެ ގައުމުގެ އެކި ތަންތަނުގައި ބޮން ގޮއްވައި އެތައް ބަޔަކު މަރާލައި، އެ ގައުމުގެ ހަމަޖެހުން ގެއްލިފައި އޮތް ދަނޑިވަޅެއްގަ އެވެ. މި ދަތުރުގައި، އެ ހަމަލާއާ ގުޅިގެން ވެސް ރާއްޖޭގެ ރައްޔިތުން ތިބީ ސްރީ ލަންކާއާ އެކުގައި ކަމުގެ ޔަގީންކަން ބައްދަލުވުންތަކުގައި މިނިސްޓަރު ދެއްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކިޔެވުމާއި ބޭސްފަރުވާ ފަދަ ބޭނުންތަކުގައި ގާތްގަނޑަކަށް 13،000 ދިވެހިން ލަންކާގައި ދިރިއުޅެ އެވެ.

ލަންކާގައި ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ވަނީ ބިރުވެރިކަން ކުރިމަތިލާން ޖެހިފަ އެވެ. ލަންކާގެ ހަމަލާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޚާއްސަ މަންދޫބެއް ވެސް ލަންކާ އަށް ފޮނުއްވި އެވެ.