ރާއްޖޭގައި ބަންދުކޮށްފައި ތިބި ސްރީ ލަންކާގެ މަސްވެރިން ދޫކޮށްލަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާ އަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރެއްވުމަށް ފަހު، އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިފަހައްޓާފައި ހުރި ހަތަރު ބޯޓުގެ އިތުރުން ހައްޔަރުކޮށްފައި ތިބި މަސްވެރިން ދޫކޮށްލަން ރާއްޖޭން ނިންމާފައިވާ ކަމަށެވެ.

ލަންކާ އަށް މިދިޔަ މަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ރައްޔިތުންގެ ފަރާތުން ތައުޒިޔާ ފޮނުއްވާފައިވާ ކަމަށް ވެސް ރާޖަޕަކްސާ ވިދާޅުވި އެވެ.

ދޫކޮށްލަން ހަމަޖެއްސީ ކޮން އިރަކު ހިފެހެއްޓި ބޯޓުތަކެއް ކަމެއް އަދި މަސްވެރިންނެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ސްރީލަންކާގެ ހަތަރު މަސްބޯޓެއް ކޯސްޓްގާޑުން ވަނީ މިިދިޔަ ފެބްރުުއަރީ އެއްވަނަ ދުވަހު ހިފަހައްޓައިފަ އެވެ

އެ ހަަތަރު މަސްބޯޓް ފެނުނީ ހއ. ކެލަޔާ ދިމާ ބޭރުންނެވެ.

ރާއްޖޭގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްބޯޓުު ހިފަހައްޓާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނައިން ހިފަހައްޓާފައި ވަނީ ލަންކާގެ މަސްބޯޓްފަހަރެވެ.