އިސްލާމިކް މަރުކަޒަށް ނަމާދަށް ދާ މީހުން، އެ މިސްކިތުގެ ގޯތި ތެރޭގައ ހުރި މާބުލްތައް މަތީ ވެހިކަލް ޕާކްކުރާތީ އެކަން ހުއްޓުވުމަށް އެ ސަރަހައްދުގައި ވަގުތީ ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.
ވަގުތީ ޕާކިން ޒޯން ހަދަމުން އަންނަނީ ކަޅުވަކަރު މިސްކިތް އެޅުމަށް ހުސްކޮށްފައިވާ ކުރީގެ ދިރާގު ހުރި ބިމުގަ އެވެ.
މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު، "މިހާރު" އަށް ވިދާޅުވީ އެ ޕާކިން ޒޯނަކީ އިސްލާމިކް މަރުކަޒަށް ނަމާދަށް ދާ މީހުންނަށް ހާއްސަ ތަނެއް ކަމަށެވެ. އެ ސަރަހައްދު ޕާކިން ޒޯނެއްގެ ގޮތުގައި ބޭނުން ކުރާނީ ރޯދަ މަސް ނިމެންދެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މާބުލްތައް މަތީ ޕާކްކުރަން އުޅުމުގެ ތެރޭގައި ކަހާލައިގެން ވެއްޓުން ފަދަ ކަންކަން ދިމާވޭ. އެކަން ހުއްޓުވުމަށް ޕާކިންނެއް ހެދުމުގެ މަސައްކަތް މިކުރަނީ،" ޝިފާ ވިދާޅުވި އެވެ.
ޕާކިން ޒޯން ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނައިރު ވަރަށް އަވަހަށް އެތަން ހުޅުވާލެވޭނެ ކަމަށް ޝިފާ ވިދާޅުވި އެވެ.
ބާޒާރުމައްޗަށް ހާއްސަކޮށްގެން ސިޓީ ކައުންސިލުން މިހާރު އަންނަނީ މާފަންނުއާގެ އިން ދައުލަތަށް ލިބިފައިވާ ބައިގައި ވެސް ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ވަރަށް ފަހުން ވަނީ ފިނޭންސް މިނިސްޓްރީގެ ގޯތި ތެރޭގައި ވެސް ޕާކިން ޒޯނެއް ހަދައި ހުޅުވައިފަ އެވެ.