ލަންކާގައި ހައްޔަރުކުރި ދެ ދިވެއްސެއްގެ ބަންދަށް 7 ދުވަސް އިތުރުކޮށްފި

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފޮތެއް ގެންގުޅު މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިންގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.


މި ދެ މީހުންގެ ބަންދު އެންމެ ފުރަތަމަ ޖެހީ މިދިޔަ މަހުގެ 27 ގައި 13 ދުވަހަށެވެ. އެ މީހުން ހައްޔަރު ކުރީ އައިއެސްއާ ގުޅުންހުރި ފޮތެއް ގެއެއްގެ ތެރެއިން ފެނުނު މައްސަލައިގަ އެވެ. އެ ދެ މީހުން ލަންކާ އަށް ދިޔައީ ޑޮކްޓަރަށް ދައްކާށެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރީ ލަންކާ އިން ބޭނުންވާ ސެކިއުރިޓީ ކްލިއަރަންސް ނުލިބުމުންނެވެ.

މިދިޔަ މަހު ލަންކާގައި ހިނގި ޓެރަރިޒަމްގެ ހާދިސާގައި 250 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އެ ހާދިސާ އަށް ފަހު އެކި މައްސަލަތަކުގައި ހައްޔަރު ކުރި ދިވެހިންގެ ތެރެއިން މިހާރު ވެސް ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ފަސް މީހަކު އެބަތިއްބެވެ.

އީސްޓާ ސަންޑޭގައި ދިން އެ ބޮމުގެ ހަމަލާއަށް ފަހު އެ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރި އެވެ. އޭގެ ތެރޭގައި އެ ގައުމުގައި ތިބެން ބޭނުންވާ ރެސިޑެންސް ވީސާ ލިބުން ހަރުކަށިކުރުން ހިމެނެ އެވެ. ލަންކާއަށް މިދިޔަ ހަފްތާ ފޮރިން މިނިސްޓަރު ކުރެއްވި ދަތުރުގައި އެ ގައުމުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމްސިންހައާ ބައްދަލުކުރައްވާ، ދިވެހިންނަށް ވީސާ ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސަން މަޝްވަރާކުރެއްވި އެވެ.