ޓެކްސީތައް އެއް ޑިޒައިނަކަށް ބަދަލު ކުރަނީ

މާލޭގައި ދުއްވާ ހުރިހާ ޓެކްސީތަކެއް އެއް ޑިޒައިނަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.


އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ މާލެގައި ދުއްވާ ގިނަ ޓެކްސީތައް ހުރީ ވަރަށް ބޮޑަށް ބާވެ، ކުލަވެއްޓިފައި ކަމަށެވެ. އެހެންވެ، ހުރިހާ ޓެކްސީތަކެއް އެއް ކުލައެއްގައި އެއް ޑިޒައިނަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތަށް ބުނާނަމަ ލަދުގަންނަ ދަރަޖައިގައި ބައެއް ޓެކްސީތައް އެބަހުރި. ކިތަންމެ އަލަސް، ޓެކްސީތަކަކާއި ޕްރައިވެޓް ކާރަކާ ވަތްކެއް ނުވޭ. އެހެންވެ، އަޅުގަނޑުމެންގެ މަގްސަދަކީ މީހުން އަޅައިގަންނާނެ ފަދަ ގޮތަކަށް ޓެކްސީތަކަށް ބަދަލު ގެނައުން،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއް ގޮތަަކަށް ޓެކްސީތައް ހުންނަ ނަމަ، މާލެއަށް އަންނަ ޓޫރިސްޓުންނަށް ވެސް ފަސޭހަ ވާނެ އެވެ. އަދި މިއީ އާއްމުންނަށް ލިބޭނެ ލުޔެއް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީތަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކާ ގުޅޭގޮތުން، މި ރޯދަ މަހު ޑްރައިވަރުންނަށް މައުލޫމާތު ދޭނެ ކަމަށެވެ. އަދި އެ ބަދަލު ގެނައުމަށް އަހަރެއްހާ ދުވަހުގެ މުހުލަތެއް ދޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

މާލޭގައި ދުއްވާ ބައެއް ޓެކްސީތަކުގެ ފެންވަރު ދަށްވުމުގެ ޝަކުވާ އާއްމުން ކުރެ އެވެ. ގިނަ ދުވަސްވުމުގެ ސަބަބުން ބައެއް ޓެކްސީތައް ބާވެފައި ވާއިރު ކާރުގެ ސީޓުތައް ހަލާކުވުން ނުވަތަ ވަސް ނުބައިވުން ފަދަ މައްސަލަތައް ފާހަގަ ކުރެ އެވެ.

އަދި އެ މައްސަލަތައް ހައްލުކޮށް، ޓެކްސީ އާކުރުމަށް 2016 ވަނަ އަހަރުން ފެށިގެން ބޭންކުތަކުން ލޯނު ދޫކުރެ އެވެ.