ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެސްގެން ވެސް ޕާޓީގެ ކައުންސިލާއި ލީޑަޝިޕުގެ މަދުވެގެން 30 ޕަސެންޓު އަންހެނުންނަށް ހާއްސަކުރަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ސިޔާސީ ދާއިރާގައި އަންހެނުންނަށް ބާރު ދޭ ވާހަކަ އަބަދު ވެސް ދައްކާ ކަމަށެވެ. އެކަމަކު ބަދަލު ގެނެސްގެން އެކަން ކުރާކަށް މިހާތަނަށް މަސައްކަތްކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.
އެހެންވެ ސިޔާސީ ޕާޓީތަކާއި އާއްމު އިންތިޚާބާ ބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ހުށަހެޅުމުގެ މަޝްވަރާތައް، ސިޔާސީ ޕާޓީތަކާއި ކަމާބެހޭ އިދާރާތަކާ އެކު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފަށަން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ. އޭގައި ލޯކަލް ކައުންސިލާއި މަޖިލީހުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަން ފާހަގަކުރެއްވި އެވެ.
އަކްރަމް ވިދާޅުވީ އެ މަޝްވަރާތަކަށްފަހު ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާނެ ކަމަށެވެ. އެއީ ސިޔާސީ ދާއިރާގައި އަންހުންގެ ބައިވެރިވުން އިތުރުކުރަން ހުޅުވާލެވޭ ދޮރަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
"ދުނިޔޭގެ ނިސްބަތުން، ސިޔާސީ ދާއިރާގައި ގިނަ އަންހެނުން އުޅޭ ގައުމެއް މިއީ. އެކަމަކު އިސް ސަފުގައި އަންހުން ހަރަކާތްތެރިވާލެއް މަދު،" އަކްރަމް ވިދާޅުވި އެވެ.
ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން، މަޖިލީހުގައި އަންހެނުންނަށް ކޯޓާއެއް ދޭންޖެހޭ ކަމަށް، އަންހެނުންގެ ހައްގުގައި އަޑުއުފުލާ ފަރާތްތަކުން ދެކެ އެވެ. އެކަމަކު މިހާތަނަށް އެފަދަ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ.