ބަނދެ، އަނިޔާކުރި މީހާ އަށް ދައުލަތުން ރައްކާތެރިކަން ދީފި

ށ. ފޭދޫގައި ނުކުޅެދުންތެރިކަން ހުރި އަންހެނެއްގެ މޫނުގައި ގޯންޏެއް އަޅުވައި، ހޮޅިދަނޑިއެއްގައި ބަނދެ މިދިޔަ ހޯމަ ދުވަހު އަނިޔާކުރުމުން، އޭނާ އަށް ދައުލަތުން މިރޭ ރައްކާތެރިކަން ދީފި އެވެ.


ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ ޓީމެއް ފޭދު އަށް ގޮސް، 50 އަހަރުގެ އަންހެން މީހާއާ ވަނީ ހަވާލުވެފަ އެވެ. އޭނާ ގެންދާ ގޮތަށް ހަމަޖައްސާފައި ވަނީ، ދައުލަތުގެ ބެލުމުގެ ދަށުން މީހުން ބަލަހައްޓާ މަރުކަޒަކަށެވެ.

މީހަކު ބަނދެ، ރަހުމްކުޑަ އަނިޔާތަކެއް ދިން މައްސަލަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ ކުށްވެރި ކުރައްވައިފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހާ ހޮޅިދަނޑިއެއްގައި އައްސާފައި. --

މިނިސްޓަރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންހެނަކަށް ރަހުމްކުޑަ އަނިޔާތަކެއް ދިން މައްސަލައިގެ ރިޕޯޓް ލިބުމާ އެކު އޭނާ އަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެ އަނިޔާވެރި އަމަލު ހިންގި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ފޭދޫ ކައުންސިލުން ބުނިގޮތުގައި އަންހެން މީހާ ބަނދެފައި ހުއްޓައި ފެނިގެން، ވާގަނޑު މޮހާލީ، އެ މަންޒަރު ފެނުނު އެ ރަށުގެ ބައެކެވެ. އޭނާ ބަނދެފައި ހުރި މަންޒަރުގެ ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ.

އެކި މީހުންނަށް އުނދަގޫ ކުރަމުން ރަށު ތެރޭގައި ހިނގާތީ، މީގެ ކުރިން ވެސް އޭނާ އަށް އެކި ގޮތްގޮތުން އަނިޔާ ލިބިފައިވާ ކަމަށްވެ އެވެ.

މީހަކާ އިނދެގެން އުޅޭ އެ އަންހެން މީހާގެ ފަސް ދަރިން ތިބެ އެވެ. އާއިލާ މީހުން ވެސް ފޭދޫގައި ދިރިއުޅެ އެވެ. އެކަމަކު އޭނާގެ އުޅުން ހުންނަ ގޮތުން، އާއިލާގެ އަޅާލުން މާބޮޑަކަށް ނުލިބެ އެވެ.