ޖީއެމްއާރާ ގުޅޭ އެއްވެސް ކަމެއް ބަންޑާރަ ނައިބުގެ މަގާމުގައި ހުންނަވައިގެން ނިންމާފައި ނުވާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިރޭ ވިދާޅުވެއްޖެ އެވެ.
ޖީއެމްއާރުން ދައުލަތަށް ޓެކްސް ދެއްކުމުގެ މައްސަލާގައި، އެ ޓެކްސް ޖީއެމްއާރުން ދައްކަން ނުޖެހޭނެ ކަމަށް ރިފްއަތު ގާނޫނީ ލަފާ ދެއްވިތޯ ވިދާޅުވެ ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ ސުވާލު އުފައްދަވައިފަ އެވެ. އުޝާމް ވިދާޅުވެފައިވާ ގޮތުގައި ރިފްއަތަކީ ޖީއެމްއާރުގެ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އެކަމާ ގުޅިގެން ރިފްއަތު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން ޖީއެމްއާރާ ގުޅޭ އެއްވެސް ކަމެއްގައި ނިންމުމެއް ނިންމަވާފައި ނުވާނެ ކަމަށެވެ. އަދި މަސްލަހަތު ފުށުއަރާ އެއްވެސް ކަމަކަށް އޭނާ ޖާގަ ނުދެއްވާނެ ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.
"ދައުލަތުގެ މަސްލަހަތު އިސްކުރަން. އަދި މަސްލަހަތު ފުށުއެރުމަކަށް ޖާގައެއް ނުދެން. މަސައްކަތް ކުރަނީ ހައްގުތަކުގެ ދިފާއުގައި. އަޅުގަނޑުމެން ވައުދުވީ ހާމަކަމާ އެކު އިންސާފު ކަށަވަރުކުރަން،" ރިފްއަތުގެ ޓްވީޓްގައިވެ އެވެ.
ޖީއެމްއާރާ އެކު ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ދައުލަތުން ދޭން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމި އެވެ. އެ ފައިސާ ދައުލަތުން ދައްކާފައި ވަނިކޮށް މިދިޔަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ޖީއެމްއާރުން ދައުލަތަށް 20 މިލިއަނަށް ވުރެ ގިނަ ޑޮލަރު (300 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް އަންގައިފަ އެވެ.