ޖަލު އޮޑިޓް ކޮމިޝަނުން ނެރުނީ ޒިންމާދާރުކަން ކުޑަ ރިޕޯޓެއް: އެޗްއާރުސީއެމް

ޖަލުތައް އޮޑިޓް ކުރުމަށް ފަހު ނެރެފައި ވަނީ ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ޒިންމާދާރުކަން ކުޑަ ރިޕޯޓެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.


ހޯމް މިނިސްޓްރީން އިއްޔެ ވަނީ، ޖަލު އޮޑިޓް ކޮމިޝަނުން ތައްޔާރުކުރި 290 ސޮފްހާގެ ރިޕޯޓު އާއްމުކޮށްފަ އެވެ. އޭގައި، ރާއްޖޭގައި މިވަގުތު ހުރި ޖަލުތަކާއި މީހުން ބަންދުކުރާ ތަންތަނުގެ ތަފްސީލީ ހާލަތު ބަޔާންކޮށްފައި ވެ އެވެ. އެޗްއާރުސީއެމާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ޒިންމާ އާއި އެމީހުންގެ މަސައްކަތްތަކަށް ވެސް ރިޕޯޓުގައި އަލިއަޅުވާލާފައި ވެ އެވެ.

ޖަލު އޮޑިޓް ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުން، އެކި ފަހަރު މަތިން އެޗްއާރުސީއެމުން ޖަލަށް ޒިޔާރަތްކޮށް މައުލޫމާތު ސާފުކޮށްގެން ދިޔަ ނަމަވެސް އެއްވެސް ކަމެއް ބަދަލު ނުވާކަމުގެ ޝަކުވާ ވަނީ ލިބިފަ އެވެ. އެގޮތުން، އަނިޔާގެ ޝަކުވާ އާއި ވަކި އޮފިސަރުންގެ ޝަކުވާ އަދި ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ތަކުރާރުކޮށް އެ ކޮމިޝަނަށް ހުށަހެޅިއަސް އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ނުވަތަ މައްސަލަ ނިމުނު ގޮތް އެންގުމަކީ ނުވާ ކަމެއް ކަމުގައި ގައިދީންނާއި ބަންދު މީހުން މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.

އެޗްއާރުސީއެމްގެ އެންޓި ޓޯޗާ ސެކްޝަނުން ކޮށްފައިވާ ތަހުގީގަކުން މީހެއްގެ މައްޗަށް ޓޯޗާގެ އަމަލެއް މިހާތަނަށް ސާބިތުވެފައި ނުވާ ކަމަށް އެ ކޮމިޝަންގެ ރިޕޯޓުތަކުން އެނގޭކަން ފާހަގަކުރި އެވެ.

އެޗްއާރުސީއެމްގެ ބައެއް މެމްބަރުން: ޖަލު އޮޑިޓް ކޮމިޝަނުން ނެރެފައިވަނީ ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމަށް ބުނެފައިވޭ.--ފޮޓޯ/މިހާރު

އެކަމާ ގުޅިގެން، އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ އެ ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި އެންޓި ޓޯޗާގެ މައްސަލަތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި މިނިވަންކަން ގެއްލޭ ގޮތަށް ބަންދުގައި ތިބޭ މީހުންގެ ހައްގުތައް ކަށަވަރުކުރަން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށް ދީފައިވާނެ ކަމަށެވެ. ނަމަވެސް ޖަލު އޮޑިޓް ކޮމިޝަންގެ ރިޕޯޓުގައި އެކަން ކަމަށް ރިއާޔަތް ކޮށްފައި ނެތް ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

"އެ ރިޕޯޓުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ރަނގަޅު ކުރުމަށް ހުށަހަޅާފައިވާ ގިނަ ހުށަހެޅުންތަކަކީ ހިއުމަން ރައިޓްސް ކޮމިޝަނުން އެކި ފަހަރު މަތިން އެ އިދާރާތަކަށް ހުށަހަޅައި، އެކަންކަން ތަންފީޒު ކުރުމަށް އެތަކެއް މަސައްކަތްތަކެއް ކޮށް، މިހާރު ވެސް އެ ހުށަހެޅުންތައް ތަންފީޒު ކުރުމަށް އެތަކެއް މަސައްކަތްތަކެއް ކުރަމުންދާ ހުށަހެޅުންތަކެއް ކަން ފާހަގަކުރަމެވެ،" ބަޔާނުގައި އެޗްއާރުސީއެމުން ބުންޏެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި، ޖަލުތަކާ ގުޅޭ އެތައް ހިނގައި އެތައް މައްސަލައެއް ހުށަހެޅިއިރު ވެސް އެޗްއާރުސީއެމްގެ މެމްބަރުން ތިއްބެވީ ހިމޭނުން ކަމަށް ބުނެ އެ ކޮމިޝަނަށް ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވި އެވެ. ނަމަވެސް އާ ސަރުކާރާ އެކު، އެޗްއާރުސީއެމުން އެކި ކަންކަމުގައި އިސް ނަގައިގެން ހަރަކާތްތެރިވެ އެވެ. އެގޮތުން، އިދިކޮޅު ފަރާތްތަކުން މޭ 1، 2015 ގައި މާލޭގައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދިޔަ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން ފޮނުވަން ނިންމުން ހިމެނެ އެވެ.

މިއީ ފަހުގެ ތާރީޚެއްގައި، ހުކުމް ތަންފީޒު ކުރަމުން ގެންދިޔަ މީހެއްގެ މަރުގެ މައްސަލައިގައި ދައުވާކުރަން ފޮނުވި ފުރަތަމަ ފަހަރެވެ.