ރައީސް އަބްދުﷲ ޔާމީން ޕްރޮމޯޓްކުރުމަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަރުކޮށްފައި ހުރި ބިލްބޯޑަކަށް މިދިޔަ މަހު ކަޅު ތެޔޮ ޖެހި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން މިއަދު ވީޑިއޯއެއް އާއްމުކޮށްފި އެވެ.
ވީޑީއޯ އާއްމުކޮށް ތަފްސީލް ނުދީ، ފުލުހުން ބުނެފައި ވަނީ އެ މީހާ ހޯދަނީ ތަހުގީގުކުރަމުން އަންނަ މައްސަލައެއްގައި ކަމަށެވެ. އެކަމުގައި އާއްމުން އެހީތެރިވެދޭން ފުލުހުން ވަނީ އެދިފަ އެވެ.
އެ ވީޑިއޯ އިން ފެންނަނީ އާޓިފިޝަލް ބީޗް ސްޓޭޖުގެ ފުރަގަހުން މަޖީދީމަގަށްވާ ގޮތަށް ހަރުކޮށްފައިވާ ބިލްބޯޑު ކައިރި އަށް މަޖީދީ މަގުން ސައިކަލެއްގައި ދެ މީހަކު ގޮސް މަޑުކުރާ ތަނެވެ. އޭގެ ތެރެއިން އެކަކު ސައިކަލުން ފައިބައި ބިލްބޯޑާ ދިމާލަށް ދާ މަންޒަރު ފެނެ އެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ތުހުމަތުކުރަނީ ކަޅުތެޔޮ ޖެހީ އެ މީހާ ކަމަށެވެ.
އެ މީހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދޭން ފުލުހުން އެދެ އެވެ.
މަގުތަކުގައި ހަރުކޮށްފައި ހުންނަ ބިލްބޯޑުތަކަށް ދޭތެދޭތެރެ އިން ކަޅުތެޔޮ ޖަހަ އެވެ.
ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުން މަގުމަތީގައި ޖަހާފައި ހުރި ބިލްބޯޑުތައް ނެގުމަށްފަހު، މާލޭގެ މުހިންމު ގިނަ ސަރަހައްދުތަކެއްގައި ވަނީ ރައީސް ޔާމީން ކޮށްދެއްވާފައިވާ ކަންތައްތަކުގެ ފޮޓޯ އާއި ލިޔުން ހިމެނޭ ބިލްބޯޑުތަކެއް ހަރުކޮށްފަ އެވެ.