ބައެއް ރީބްރޯޑްކާސްޓަރުންނަށް ކޮށްފައިވާ ޖޫރިމަނާ މައާފު ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިއްޖެ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ ރަށްރަށުގައި ލައިސަންސް ނެތި ނުވަތަ ގަވައިދާ ހިލާފަށް އެކި ފަރާތްތަކުން ރީބްރޯޑްކާސްޓްކުރަމުންދާ މައްސަލައާ ގުޅިގެން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 29 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 15 ފަރާތަކުން ޖޫރިމަނާ ދައްކާފައެއް ނުވެ އެވެ.
އެ ކުންފުނިތައް ކޮށްފައިވާ ޖޫރިމަނާ 2،504،000ރ. އަށް އަރަ އެވެ.
ޖޫރިމަނާ މައާފު ކޮށްދޭން އެދިފައިވާއިރު ބްރޯޑްކާސްޓިން ކޮމިޝަނުން މީގެ ކުރިން ވަނީ އެ މައްސަލައިގައި ބަންޑާރަ ނައިބުގެ ލަފައެއްވެސް ހޯދައިފަ އެވެ.
އެ ކޮމިޝަނުން ބުނެފައި ވަނީ އެ ފަރާތްތަކަކީ ރަށްރަށުގައި ކުދި ވިޔަފާރި ކުރާފަރާތްތައް ކަމަށްވުމާއި އެ ކުންފުނިތަކުގެ މާލީ ހާލަތު ހުރި ގޮތުން ޖޫރިމަނާ ދެއްކުމަށް ނުކުޅެދިފައިވާ ކަމަށް އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އެދިފައި ވަނީ ކުންފުނިތަކަށް ދިމާވެފައިވާ ދަތި ހާލަތަށް ބަލައި، އެ ދަތިކަމުން އަރައިގަތުމަށާއި ގާނޫނާއި ގަވައިދުގެ ތެރެއިން ހަރަކާތްތެރިވުމަށް ހިތްވަރު ދިނުމަށް އިތުރު ފުރުސަތެއް ހޯދައި ދިނުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ މިހާތަނަށް ޖޫރިމަނާ ފައިސާ ދައްކާފައި ނުވާ ފަރާތްތަކުގެ ޖޫރިމަނާ ގާނޫނާއި ގަވައިދުގެ ތެރެއިން މާފުކޮށްދިނުމަށެވެ.