އދ. އަށް މިފަހަރު ވެސް ރައީސް ވަޑައެއްނުގަންނަވާނެ، ރާއްޖެ ތަމްސީލު ކުރައްވާނީ ނައިބު ރައީސް

ކުރިއަށް އޮތް އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރާ ވަފުދުގެ އިސް ވެރިއެއްގެ ގޮތުން ނައިބު ރައީސް އަބްދުﷲ ޖިހާދު ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ. މިއީ، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން އެ މަނިކުފާނު ބައިވެރިވެ ވަޑައިނުގެން ބާއްވާ ތިން ވަނަ އާއްމު ބައްދަލުވުމެވެ.


އާއްމު މަޖިލީހުގެ 71 ވަނަ ބައްދަލުވުން ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ. މި ފަހަރުގެ މައުލޫއު ކަމަށް ވާ "ދެމެހެއްޓެވި ތަރައްގީގެ ލަނޑުދަނޑިތައް: ދުނިޔެ ބަދަލުކޮށްލުމަށް ބާރެއް"ގެ މައްޗަށް ގައުމުތަކުގެ މަންދޫބުން ތަގުރީރު ކުރައްވާނީ މި މަހުގެ 20 އިން 26 އަށް ކުރިއަށްދާ އާއްމު ބަހުސްގަ އެވެ.

ކުރީގެ ސަރުކާރުތަކުގައި އދ.ގެ އާއްމު މަޖިލީހަށް ގިނަ ފަހަރަށް ވަޑައިގެންފައި ވަނީ ސީދާ ރައީސެވެ. އެކަމަކު، ރައީސް ޔާމީން އަދި އދ. އަށް ވަޑައިގެންފައެއް ނުވެ އެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ކުރީގެ ރައީސް މުހައްމަދު ވަހީދު އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރެއްވިއިރު، މިދިޔަ އަހަރު ރާއްޖެ ތަމްސީލު ކުރެއްވީ އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.

ކުރީގެ ރައީސް ވަހީދު އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ: ރައީސް ޔާމީންގެ މަންދޫބެއްގެ ގޮތުން އެ މަނިކުފާނު 2014 ވަނަ އަހަރު ވެސް އދ.ގައި ތަގުރީރު ކުރެއްވި.-- ފައިލް ފޮޓޯ: އދ.

އާއްމު ބަހުސްގައި ވާހަކަ ދައްކަވާނެ ބޭފުޅުންގެ ލިސްޓުގައިވާ ގޮތުން ރާއްޖޭގެ ފަރާތުން މިފަހަރު ތަގުރީރު ކުރައްވާނީ ނައިބު ރައީސް އެވެ. ނައިބު ރައީސް ޖިހާދު ވާހަކަ ދައްކަވާނީ، ލިސްޓުގައިވާ ގޮތުން، މި މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ދަންފަޅީގަ އެވެ. ރާއްޖެ ގަޑިން އެ ރޭ ދަންވަރު 12:00 އިން ހުކުރު ދުވަހުގެ ހެނދުނު 6:00 އަށް ކުރިއަށް ދާ މި ދަންފަޅީގައި ނައިބު ރައީސް ޖިހާދު ވާހަކަ ދައްކަވަން ހަމަޖެހިފައި ވަނީ 17 ވަނަ އަށެވެ.

އެ ދަންފަޅީގައި ރާއްޖެއާ އެކު ޖުމްލަ 21 ގައުމެއްގެ މަންދޫބުން ތަގުރީރު ކުރައްވާނެ އެވެ. އޭގެ ތެރޭގައި ޖަރުމަނާއި ޑެންމާކާއި ތުރުކީގެ އިތުރުން އިރާގާއި އަފްގާނިސްތާނު ވެސް ހިމެނެ އެވެ.

ރާއްޖެ އާއި އިންޑިއާ ފިޔަވާ ދެކުނު އޭޝިއާގެ އެހެން ގައުމުތަކުން ވަޑައިގަންނަވަނީ އެ ގައުމެއްގެ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެންމެ އިސްވެރިއެކެވެ. އެ ގޮތުން، ސްރީ ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އާއި ބަންގާޅުގެ ބޮޑުވަޒީރު ޝޭހު ހަސީނާ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގިލާނީ އާއި ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލް އަދި ބޫޓާންގެ ބޮޑުވަޒީރު ޝެރިން ޓޮބްގޭ ތަގުރީރު ކުރައްވާނެ އެވެ. އިންޑިއާ އިން ފޮނުވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖެވެ.

މީގެ އިތުރުން، ދުުނިޔޭގެ ބޮޑެތި ގިނަ ގައުމުތަކުގެ އެންމެ އިސް ވެރިން އާއްމު މަޖިލީހުގެ އާއްމު ބަހުސްގައި ވާހަކަފުޅު ދައްކަވާނެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ އަދި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ހިމެނިވަޑައިގަންނަވަ އެވެ.

އދ.ގެ އާއްމު މަޖިލީހުގައި ރާއްޖެ ތަމްސީލު ކުރައްވަން ނައިބު ރައީސް ޖިހާދު ވަޑައިގަންނަވާނެކަން ސަރުކާރުން އަދި ކަށަވަރެއް ނުކޮށްދެ އެވެ. ފޮރިން މިނިސްޓްރީން ބުނީ އެ މައުލޫމާތު އާއްމު ކުރާނީ ފަހުން ކަމަށެވެ.

މި ފަހަރުގެ އާއްމު މަޖިލިސް ރާއްޖެ އަށް މުހިއްމު ވާނެ އެވެ. އެއީ އެ މަޖިލީހުގެ ހަވާސާގައި ބާއްވާ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގެ ބައްދަލުމާ ގުޅިގެންނެވެ. މިދިޔަ ފެބްރުއަރީ މަހާއި އޭޕްރީލް މަހު ބޭއްވި ސީމެގްގެ ބައްދަލުވުމުގައި ރާއްޖެ އަށް ހުށަހެޅި ހަ ކަމެއް އިސްލާހު ކޮށްފައިވޭތޯ، މި މަހު 23 ގައި ބާއްވާ ބައްދަލުވުމުގައި ބަލައި ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ އެވެ.