ދިއްދޫގައި ފުޓްބޯޅަ މެޗެއް ހޫނުވެ، މާރާމާރީ ހިންގައި، ދަނޑު ވެސް ހަލާކުކޮށްފި

ހއ. ދިއްދޫ ކައުންސިލުން ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ރޭ ކުޅުނު މެޗު ހޫނުވެ ދެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގައި އެންމެ ފަހުން ޓާފް ދަނޑު ވެސް ހަލާކުކޮށްލައިފި އެވެ.


އެ ހަމަނުޖެހުމުގެ ވީޑިއޯއިން ފެންނަ ގޮތުގައި ތަޅާ ފޮޅުން ފުރަތަމަ ފެށުނީ ދެ ޓީމުގެ ކުޅުންތެރިންގެ މެދުގަ އެވެ. އެއާ އެކު ސަޕޯޓަރުން ވެސް ދަނޑަށް އަރައި ބޮޑު ތަޅާފޮޅުމަކަށް ބަދަލުވި އެވެ. އެކަން ހުއްޓުވަން ފުލުހުންގެ އިތުރުން ބައެއް ސަޕޯޓަރުން މަސައްކަތްކުރާ ތަން ވެސް ފެނެ އެވެ.

ފުރަތަމަ ބުރުގެ ފަހު މެޗުގެ މި ހަމަނުޖެހުން ކޮންޓްރޯލް ވި އިރު ދަނޑުގެ ޓާފްތައް ނައްޓާލުމުގެ އިތުރުން މެޗް އޮފިޝަލުން ތިބޭ ބެންޗަށް ވެސް ވަނީ ގެއްލުންތަކެއް ދީފަ އެވެ.

ފުލުހުން ބުނީ ހަމަނުޖެހުން ކޮންޓްރޯލް ކުރާށާއި އިތުރު ހަމަނުޖެހުމެއް ހިނގިޔަ ނުދޭން ފުލުހުން މަސައްކަތްކުރި ކަމަށެވެ. އެގޮތުން ދަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓި ކަމަށް ބުންޏެވެ. އެކަމަކު މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ފުލުުހުން ބުނީ މައްސަލަ ހައްލުކުރުމުގެ ގޮތުން ދެ ޓީމުގެ މެމްބަރުންނާ ވާހަކަ ދެއްކި ކަމަށެވެ. އަދި އެ މެޗާ މެދު ގޮތެއް ނިންމަން ކައުންސިލްގައި އެދިފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހަމަނުޖެހުންތަކާ ބެހޭ ގޮތުން ދިއްދޫ ކައުންސިލްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

މެޗުގައި ދިމާވި ކަމަކާ ގުޅިގެން ރާއްޖޭގެ ފުޓްސަލް ދަނޑެއް މީގެ ކުރިން ހަލާކުކޮށްލިކަން އެނގޭކަށް ނެތެވެ.