ޖަމީލްގެ ހިތްހަމަނުޖެހުން: އިންސާފު އޮތީ ޚިޔާނާތުގެ ބޮޑުންނަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މިސްރާބާ މެދު ހިތްހަމަޖެހިވަޑައިނުގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.


ޖަމީލް ކުރެއްވި ޓުވީޓެއްގައި، ސުވާލުތަކެއް އުފައްދަވައި އެންމެ ބޮޑަށް ހިތްހަމަނުޖެހުންފާޅުކުރެއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބޮޑުންނަށް އިންސާފު ލިބޭ ގޮތަށް ސަރުކާރުގެ އަމަލުތައް ފެންނަ ކަމަށް ތުހުމަތު ކުރައްވަ އެވެ. އިންތިގާލީ އިންސާފަކީ ހަމައެކަނި ހިޔާނާތުގެ ބޮޑުންގެ އެއްޗެއްތޯ ޖަމީލް ވަނީ ސުވާލު ކުރައްވައިފަ އެވެ.

ވަކި މީހެއްގެ ނަން ވިދާޅުނުވިޔަސް ޖަމީލް އެ އިޝާރާތް ކުރެއްވީ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކޯޓުން މިނިވަންކުރުމާ އެކު ބޭސްފަރުވާ އަށް ބޭރަށް ފޮނުވަން ސަރުކާރުން ނިންމި ނިންމުމަށެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ސަރުކާރު ދުވެލި މަޑުވެ، ރައްޔިތުންގެ އިންތިޒާރު ވަނީ ދިގުވެފަ އެވެ. ރައްޔިތުންނާ ގުޅޭ ތަރައްގީ އަށް ހަރަދު ނުކޮށް ދައުލަތް ހިންގުމުގެ ހަރަދު ބޮޑުވުމުން، ވައުދުތަކުގެ ބޭނުމަކީ ކޮބައިތޯ ވެސް ސުވާލު ކުރެއްވި އެވެ.

"ސަރުކާރަށް 6 މަސް ވީ އިރު މަސައްކަތަށް ސާބަސް! އިންތިގާލީ އިންސާފަކީ ހަމައެކަނި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ބޮޑުންގެ އެއްޗެއްބާ؟ ހޯމް މިނިސްޓަރާއި ފުލުހުން ރައީސަށް ޖަވާބުދާރީވާންޖެހޭ އިރު ހުރި ބާރުތަކުގެ ބޭނުން ނުކޮށް ރައްޔިތުންގެ ފައިސާ އިސްރާފުުކުރަން ޖެހޭބާ؟" ޖަމީލް އެއްސެވި އެވެ.

މި ސަރުކާރު ވެރިކަމަށް ގެންނަން ސިޔާސީ ލީޑަރުންގެ ތެރޭގައި ޖަމީލް އިސްކޮށް އުޅުއްވި އެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު އެމަނިކުފާނު ވަނީ ޕީޕީއެމާ ގުޅިވަޑައިގެން އިދިކޮޅު ޕާޓީއެއްގެ ގޮތުުގައި އެ ޕާޓީ ހަރުދަނާ ކުރަން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅުއްވައިފަ އެވެ.

ޔާމީންގެ ފުރަތަމަ ނައިބު ރައީސްގެ ގޮތުގައި ހުންނަވަނިކޮށް އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރި މައްސަލައިގައި ޔާމީނާއި ޕީޕީއެމަށް ފާޑުވިދާޅުވި އެވެ. އެކަމަކު މިދިޔަ ރޯދަ މަހުގެ ތެރޭގައި ޖަމީލް ވަނީ ޕީޕީއެމްގެ އޮފީހުގައި އޮތް ތަރާވީހެއްގައި ޔާމީނާއި ޕީޕީއެމްގެ އިސްބޭފުޅުންނާ އެކު ބައިވެރިވެވަޑައިގެންފަ އެވެ.