ޖޭއެސްސީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކުރަނީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ނުހިނގާ ހުރި މައްސަލަތަކަކީ ކޮބައިތޯ ބެލުމަށްޓަކައި އެ ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމައިފި އެވެ.


ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) "މިހާރު" އަށް ވިދާޅުވީ ޖޭއެސްސީގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު ބަލައިލުމަށް ކޮމިޝަންގެ މެމްބަރުން މަޖިލިހަށް ހާޒިރު ކުރާނީ މާދަމާ ރޭ ކަމަށެވެ. އެކަމަކު، އެ ކޮމިޓީ އަށް ހާޒިރު ކުރަނީ ކޮމިޝަންގެ ކިތައް މެމްބަރުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އިންތި ވިދާޅުވީ ފަނޑިޔާރުން ޗުއްޓީ ނެގުމާ ބެހޭ މައުލޫމާތު ޖޭއެސްސީއާ ހިއްސާ ކުރަމުންދޭތޯ އާއި އެކަމުގެ އުސޫލެއް އޮތްތޯ ބެލުމަށް ވެސް ކޮމިޓީގެ މެމްބަރުން ނިންމަވާފައިވާ ކަމަށެވެ. ޖޭއެސްސީގެ މެމްބަރުން އެމްޑީޕީގެ ކޮންޓްރޯލް އޮންނަ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމީ މެމްބަރުންގެ އިއްތިފާގުންނެވެ.

ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބަލައި، ފިޔަވަޅު އެޅުމާއި ފަނޑިޔާރުން ރެގިއުލޭޓް ކުރުން ގާނޫނުއަސާސީން ހަވާލުކުރީ ޖޭއެސްސީއާ އެވެ. ޖޭއެސްސީގައި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލިހުންނާއި ވަކީލުންނާއި އާންމުންގެ ތެރެއިން އައްޔަން ކުރައްވާ ބޭފުޅުންގެ ގޮތުގައި 10 މެމްބަރުން ތިއްބަވަ އެވެ.

ޖޭއެސްސީގައި ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކާއި ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުން އިންތިހާބުކުރާ މެމްބަރަކާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ އިތުރުން ރައީސް ކަނޑައަޅުއްވާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން ހޮވާ މެމްބަރެކެވެ.

ފަނޑިޔާރުން ފިޔަވައި ޝަރުއީ ދާއިރާއާ ގުޅުން ހުރި ކަންކަން ބެލުމުގެ ބާރު ރައްޔިތުންގެ މަޖިލިހުން ހަވާލުކޮށްފައި ވަނީ ޖުޑިޝަރީ ކޮމިޓީއާ އެވެ.

އެގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި އެޓާނީ ޖެނެރަލް އޮފީހާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އާއި މޯލްޑިވްސް އާބިޓްރޭޝަން ސެންޓަރުގެ ކަންކަން ބެލުން ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނާފައިވެ އެވެ. އަދި މި ނޫން ވެސް ޝަރުއީ ދާއިރާއާ ގުޅޭ ކަންކަން ބަލަން ހިމެނި އެވެ.