އަދީބުގެ ހުކުުމުން ބާކީ އޮތްވަރު މަޖިލީހުން ބަލަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވަން ސަރުކާރުން ނިންމާފައި ވާއިރު އެކި ކުށްތަކުގައި އޭނާ އަށް އިއްވާފައިވާ ހުކުމުން ބާކީ އޮތީ ކިހާ ވަރެއްކަން އޮޅުންފިލުވަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިިޓީން ނިންމައިިފި އެވެ.


އަދީބު ރާއްޖޭން ބޭރަށް ފޮނުވަން ނިންމުމުން އެކަމާ ބެހޭ މައުލޫމާތު ސާފު ކުރަން ގައުމީ ސަލާމަތާއި ހާރިޖީ ގުުޅުންތަކުގެ ކޮމިޓީ އަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އާއި އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާ މިއަދު ހާޒިރު ކުރި އެވެ. އެބޭފުޅުންނާ ސުވާލުކުރަން ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އަދީބުގެ ހުކުމުގެ ބާކީ އޮތް ވަރެއް އޮޅުންފިލުވަން މެމްބަރުން ސުވާލު ކުރި ނަމަވެސް އެ ސުވާލަށް މުނާޒު ޖަވާބެއް ނުދެއްވަ އެވެ.

މުނާޒް ވިދާޅުވީ އޭނާ ކޮމިޓީ އަށް ވަޑައިގެންނެވީ އެ ސުވާލަށް ޖަވާބު ދެއްވަން ތައްޔާރުވެވަޑައި ނުގެން ކަމަށެވެ. އެހެންވެ އެ ސުވާލަށް ޖަވާބު ދެއްވެން ނެތް ކަމަށް ވިދާޅުވި ނަމަވެސް އޭނާ ވިދާޅުވީ އަދީބު މިނިވަން ވާނެ ތާރީހު ކަމަށް މީިޑިއާގައި މިހާރު ދައުރުވާ ތާރީހަކީ ރަނގަޅު ތާރީހެއް ނޫން ކަމަށެވެ.

"މިހާރު ހުރި ހުކުމްތަކުގެ ސީދާ އަދަދު.. އަޅުގަނޑު މިތަނަށް އައީ އެ ސުވާލު ކުރައްވާނެ ކަމަށް ނޫން. އެހެން ނަމަވެސް މީޑިއާގައި މިހާރު އެ ދައުރުވާ ދުވަސް އެއީކީ ރަނގަޅު ދުވަހެއް ނޫން އިނގޭތޯ،" މުނާޒް ވިދާޅުވި އެވެ.

އޭނާ މިޖަވާބު ދެއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ކުރެއްވި ސުވާލު ކޮމިިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ތަކުރާރު ކުރެއްވުމުންނެވެ.

ކޮމިޓީގެ ބައްދަލުވުން ނިންމަވައިލައްވަމުން ޝަރީފްް ވިދާޅުވީ އެ ސުވާލުގެ ޖަވާބު ހޯދަން ކަރެކްޝަނަލް ސާވިސް އަށް ސިޓީއެއް ފޮނުއްވާނެ ކަމަށެވެ. އަދި ބައްދަލުވުމުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވާނީ ޖަވާބު ހޯއްދަވާފައި ކަމަށް ވިދާޅުވި އެވެ.

އަދީބުގެ ހުކުމުން ބާކީ އޮތް ވަރެއް ބަލަން ކޮމިޓީ ނިމުނު ފަހުން ނޫސްވެެރިން ވެސް މުނާޒާ ސުވާލުކުރި އެވެ. އެހެން ނަމަވެސް އޭނާ ޖަވާބެއް ނުދެއްވަ އެވެ. އަދި ހުކުމެއް ނިމޭ ދުވަސް ހާމަ ނުކުރުމަކީ ހުކުމް އައި މީހެއްގެ ހައްގެއްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެކަމަކު ރަސްމީ ގަޑީގައި އެކަން ސާފުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. ބެލެވޭ ގޮތުގައި އަދީބު ވަރަށް އަވަހަށް މިނިވަން ވާނެ އެވެ.