ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު މީހަކު ލައިފްގާޑް ރިންގެއް ބޭނުން ކޮށްގެން މިއަދު ސަލާމަތް ކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު 11:41 ހާއިރު ފުވައްމުލަކު ތުނޑީ ކޮޅަށް މޫދަށް އެރި އުޅުނު 22 އަހަރުގެ ފިރިހެނަކު ގެނބެނިކޮށް ސަލާމަތް ކުރީ އެ ސަރަހައްދުގައި ތިބި ތިން މީހަކު ކަމަށެވެ. އޭނާ ގެނބެމުން ދިޔަ ތަން ފެނިގެން ސަލާމަތް ކުރީ އެތަނުގައި ހުރި ލައިފްގާޑް ރިންގެއް ބޭނުންކޮށްގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ތުނޑީކޮޅުގައި ހުރި އެ ރިންގަކީ ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމްގެ ފައުންޑޭޝަނުން ބެހެއްޓި ރިންގެކެވެ. އެ ރަށުގައި މޫދަށް އެރި އުޅޭ ހިސާބުތަކުގައި އެފަދަ ސާމާނު ވަނީ ބަހައްޓައިފަ އެވެ.
އޮޔާ ދިޔަ މީހާ ސަލާމަތް ކުރި މީހުންގެ އަގު ވަޒަން ކުރުމަށް ސޯޝަލް މީޑިއާގައި މީހުން އަންނަނީ ގޮވާލަމުންނެވެ.
އެކަހެރިކޮށް އޮންނަ ފުވައްމުލަކަކީ މޫދަށް އެރި އުޅެން ރައްކާތެރި ރަށެއް ނޫނެވެ. ހިތާމަވެރި އެތައް ހާދިސާއެއް މީގެ ކުރިން ހިނގާފައި އެބަހުއްޓެވެ. ލައިފްގާޑް ރިންގްތައް ފައިސަލް ފައުންޑޭޝަނުން ބެހެއްޓީ އެކަންކަން ހައްލު ކުރުމަށެވެ.