ކިޔަވާކަށް ވަކި އުމުރެއް ނެތް، 60 އަހަރުގައި ދިވެއްސަކަށް ޑިގްރީ!

"މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދަންދެން ތައުލީމް އުނގެނޭށެވެ!" މިއީ ކުރިން ރާއްޖޭގެ ތައުލީމީ ދާއިރާގައި ވެސް ބޭނުންކުރި ހިތްގައިމު ޖުމްލައެކެވެ. އެކަމަކު އުމުރުން ގިނަ ދުވަސް ވުމުން އަލުން ތައުލީމް ހާސިލްކުރުމަކީ ރާއްޖޭގައި އެހާ އާއްމު ކަމެއް ނޫނެވެ. ތ. ދިޔަމިގިލި، ސަންފާ އަލީ ނަމޫނާއަކަށް ވަނީ އެހެންވެގެންނެވެ.


ގުރުއާންގެ ރޮނގުން މިިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޭނާ ވަނީ ފުރަތަމަ ޑިގްރީ ހާސިލްކޮށްފަ އެވެ. އޮގަސްޓް 29 ގައި އޭނާއަށް 60 އަހަރު ފުރޭއިރު ތައުލީމު ހޯދުމަކީ ވަކި އުމުރަކަށް ހާއްސަ ކަމެއް ނޫންކަން އެވަނީ ސާބިތުކޮށްދީފަ އެވެ. ހިތްވަރާއި ކެރުން ހުރި ނަމަ ކޮންމެ އުމުރެއްގައި، ކޮންމެ ކަމެއް ވެސް ހާސިލްވާނެކަން އޭނާ އެ ބުނެދެނީ އެވެ.

ދަރިންނަށް ތައުލީމް ދޭން މީގެ އަހަރުތަކެއް ކުރިން މާލެ ބަދަލުވެ ސަންފާ ވަނީ އޭރުގެ މައުހަދުން 2005 ވަނަ އަހަރު ގާރީ ކޯސް ފުރިހަމަކޮށްފަ އެވެ. ކިޔެވިއިރު އޭނާ މަސައްކަތް ކުރަމުންދިޔައީ އޭރުގެ މޯލްޑިވްސް ކޮލެޖް އޮފް ހަޔަ އެޑިއުކޭޝަން، ނުވަތަ މިހާރުގެ ގައުމީ ޔުނިވަސިޓީގެ މަސައްކަތު މީހެއްގެ ގޮތުގަ އެވެ. އެދުވަސްވަރު ޓިއުމަރެއް ނެގުމުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނުއިރު ވެސް ކިޔެވުން ހުއްޓައެއް ނުލަ އެވެ.

މާލޭގައި 12 ވަރަކަށް އަހަރު އުޅުމަށް ފަހު ސަންފާ ބަދަލުވީ ރަށު ސްކޫލުގެ ޤުރުއާން ޓީޗަރަކަށެވެ. އެ މަސައްކަތުގައި އަށެއްކަ އަހަރު ހޭދަކޮށްފި އެވެ.

ސަންފާ: ކިޔެވުމުގައިި އެންމެންގެ އެހީތެރިކަން ލިބުނުކަމަށް ބުނި

"ދަރިވަރުން ވެސް ޓީޗަރުން ވެސް ވަރަށް ލޯބިވާނެ. އެންމެން ވެސް ވަރަށް ރަނގަޅު. އެހެންވެގެން ކިޔެވުން މި ކުރިއަށް ގެންދެވުނީ ވެސް،" ހަ ކުދިންގެ މަންމަ ބުންޏެވެ.

މައުހަދުން ގާރީ ކޯސް ހަދައިގެން އުޅެނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ޑިޕްލޮމާއެއް ނެތި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ ގޮތަށް ނިންމައިފަ އެވެ. އެހެންވެ ސަންފާ ވެސް ބްލޮކް މޯޑުގައި ޕްރައިމަރީ ޓީޗިންގެ ޑިޕްލޮމާ ފުރިހަމަކުރި އެވެ.

ޤުރުއާނުން ޑިގްރީ ހެދީ ބްލޮކް މޯޑުގައި، އެ އަތޮޅު ވިލުފުއްޓަށް މަހަކު ދެ ފަހަރު ގޮސްގޮންނެވެ. އެ ރަށަށް ގޮސް ބައެއް ފަހަރު ހަފުތާއެއް ވަންދެން ވެސް މަޑުކުރަން ޖެހެ އެވެ. އަދި އެކި މަސްމަހު މާލޭގައި ވެސް ހަފުތާއެއްހާ ހޭދަކުރަން ޖެހެ އެވެ. އޭނާއަށް އުނދަގޫވީ ދަތުރުކުރުމެވެ.

"ވަރަށް ބައިވަރު ކަންތައްތައް ދަސްވި ކިޔެވުމުގެ ތެރޭގައި. އުމުރުން ދުވަސްވެގެން ކިޔަވާކަށް ވަކި އުނދަގުލެއް ނުވި. އެކަމަކު އިނގިރޭސި ބަސް ރަނގަޅަށް ނޭނގޭތީ ކޮއްކޮއެއްގެ އެހީތެރިކަން ލިބުނު ވެބްސައިޓުތަކަށް ވަންނަން. ދެން އަމިއްލައަށް ހަމަ އެސައިމަންޓުތައް ހެދީ،" ސަންފާ ބުންޏެވެ.

"ޤުރުއާންގެ އާޔަތްތަކާއި މާނަތައް ހިތުދަސްކުރަން ޖެހޭ. ވަރަށް ބިޒީކޮށް އުޅެމުން ވެސް ވަގުތަށް އެ މަސައްކަތްތައް ނިންމާލެވޭ. ދަންވަރު ތެދުވެގެން އެ އެއްޗެހި ދަސްކޮށް އުޅުނީ."

ދިޔަމިގިލި ސްކޫލާ އޭނާ އެންމެ ފުރަތަމަ ގުޅުނުއިރު ކޮމްޕިއުޓަރު ބޭނުންކުރާކަށް ވެސް ނޭނގެ އެވެ. ނަމަވެސް އެ ދާއިރާއިން ހުރި ޝައުގާ އެކު އޭނާ ވަނީ ކޮމްޕިއުޓަރުން މަސައްކަތްކުރަން ރަނގަޅަށް ދަސްކޮށްފަ އެވެ. ދަރިވަރުންނަށް ވޯކްޝީޓާއި ޕޭޕަރުތައް އަރަބި ބަހުން މިހާރު ލިޔެލަނީ ވެސް ފަރިތަކަމާ އެކުގަ އެވެ.

ރަށުގައި ފިރިމީހާ އާއި އަންހެން ކުއްޖަކާ އެކު ދިރިއުޅެމުން އަންނަ ސަންފާ ގެންދަނީ ގްރޭޑް ދޭކުން ފެށިގެން ނުވަޔަކާ ހަމައަށް ކިޔަވައިދެމުންނެވެ.

ސަންފާ:

އޭނާ ބުނި ގޮތުގައި ތިން އަހަރުގެ ޑިގްރީ ޕްރޮގްރާމުގައި މާ ބޮޑެތި އުނދަގޫތަކެއް ދިމައެއް ނުވެ އެވެ. އެކަމަކު ބައެއް ލެކްޗަރާއިންގެ ފިލާވަޅުތައް ފަސޭހަކަމާ އެކު ނަގައިގަނެވޭ ކަމަށް ބުންޏެވެ.

ޑިގްރީގެ ސެޓްފިކެޓެއް ލިބުނަސް އޭނާ އަދި ހުރީ އެހާ އުފަލަކުންނެއް ނޫނެވެ. ސަންފާ އެކަން ކުރީ ޤުރުއާނަށާއި ތައުލީމަށް އެހެން ކުދިންނާއި މީހުންގެ ޝައުގުވެރިކަން ޖައްސާށެވެ. އެހެންކަމުން އޭނާ އުފާވާނީ މަތީ ތައުލީމު އުނގެނޭ ކުދިންނާއި މީހުން މިހާރަށް ވުރެ ވެސް ގިނަވެގެންނެވެ.

"އަޅުގަނޑު ވިސްނަނީ އަޅުގަނޑަށް އެކަންޏެއް ނޫން. ވަކި އުމުރެއް ނެތޭ ކިޔަވާކަށް. ކޮންމެ އުމުރަކަށް ދިޔަސް ކިޔަވާނަން. އެކަން ކުރެވޭނެ. ޤުރުއާނަކީ ގެއްލޭނެ އެއްޗެއް ނޫން،" ސަންފާ ބުންޏެވެ.

އޭނާ ހުރީ ޤުރުއާންގެ ރޮނގުން މާސްޓާސް ކޯހެއް ލިބުނަސް އޭގައި ބައިވެރިވާ ގޮތަށެވެ. އަދި ވަޒީފާއިން ރިޓަޔާކުރާ އުމުރު ހަމަވިއަސް ޤުރުއާން ކިޔަވައިދިނުން ދޫނުކުރާ ގޮތަށެވެ.