އިތުރު ގައިދީން ދޫވި ކަން އެނގޭނީ ތަހުގީގު ނިމުމުން: ހޯމް މިނިސްޓްރީ

މާފު ނުދޭ އިތުރު ކުށްވެރިންތަކެއް ޖަލުން ދޫވިތޯ ބުނަން އެނގޭނީ ގައިދީއަކު ދޫވި މައްސަލައިގައި ކަމާގުޅޭ އިދާރާތަކުން ކުރަމުން އަންނަ ތަހުގީގު ނިމުމުން ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.


އަދަބު ލުއިކޮށްދިނުމާއި މާފު ދިނުމުގެ ގާނޫނުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައިދީންތަކަކަށް މާފު ދެއްވިއިރު، އޭގެ ތެރޭގައި ނުހިމެނޭ ގައިދީއަކު ޖަލުން ދޫކުރި މައްސަލަ ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަންނަނީ ބަލަމުންނެވެ.

އޭނާގެ އިތުރުން ވެސް މާފު ނުދެއްވޭނެ ކުށްތަކުގައި ހިމެނޭ ގާތްގަނޑަކަށް ނުވަ ގައިދީއަކު ދޫކޮށްފައިވާ ކަމުގެ އަޑު ފެތުރި ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ވެސް ކޮށްފަ އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ އިތުރު ގައިދީންތަކެއް ދޫވިތޯ އެ މިނިސްޓްރީ އަށް ސާފުވާނީ ފުލުހުންނާއި ކަރެކްޝަންސްގެ ތަހުގީގު ނިމުމުން ކަމަށެވެ. ރައީސް މާފު ނުދެއްވާ ގައިދީއަކު ދޫވި މައްސަލަ ބަލަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންނަށް އަންގަވާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުރު ގައިދީންތަކެއް ދޫވި ކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށެވެ. އެތަނުން ދޫވީ އެންމެ ގައިދީއެއް ކަމަށާއި ކަރެކްޝަންސް އިން ވެސް އެ މައްސަލަ ބެލުމަށް ފަހު ތަހުގީގު ކުރަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ގައިދީ އަލުން ބަންދުކޮށްފައިވާ އިރު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައެއްގައި 25 އަހަރަށް ޖަލަށް ލާފައިވާ މީހެކެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަކީ ރައީސަށް މާފު ނުދެވޭނެ ކުށެއްގެ ގޮތުގައި ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ.

މަސްލަހަތު ހިމެނޭ މީހުން ތަހުގީގުގައި ބައިވެރިއެއް ނުކުރޭ

މިނިވަންކުރަން ނުޖެހޭ މި ގައިދީ ދޫވި މައްސަލައިގައި ސަސްޕެންޑްކުރީ ޗިޓު ތައްޔާރު ކުރި ކަރެކްޝަނަލް ސާވިސްގެ އޮފެންޑާ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އޮފިސަރެވެ. އެންމެ މީހަކާ ދޭތެރޭގައި ފިޔަވަޅު އެޅި ނަމަވެސް އެކަމަކު ކުށްވެރިޔާ މިނިވަންވި ޗިޓުގައި އެ ޑިޕާޓްމެންޓުގެ އިސް ވެރިޔާ މުހައްމަދު ތޮލާލް އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވަނީ ސޮއިކުރައްވައިފަ އެވެ. ކުށްވެރިން ދޫވާނީ ތައްޔާރުކުރާ ޗިޓުތައް އިސްވެރިން ބެލުމަށް ފަހު ސޮއި ކުރެއްވުމުންނެވެ.

ކަރެކްޝަންސުން ބުނީ އެ ތަނުން މައްސަލަ ބެލި އިރު ވެސް މަސްލަހަތު ފުށުއަރާ އެއްވެސް މީހަކު ތަހުގީގުގައި ބައިވެރި ނުކުރާ ކަމަށެވެ. އެގޮތުން މުނާޒާއި ތޮލާލްގެ ވެސް ބައިވެރިވުމެއް ނެތް ކަމަށް އެ ކޮމިޝަނުން ޔަގީންކޮށް ދިނެވެ.

ޖަލުން ގައިދީއަކު މި ދޫވީ ޖަލުތަކާ ބެހޭ އޮޑިޓެއް ހަދައި ގިނަ މައްސަލަތަކެއް ހުރި ކަން އެ ރިޕޯޓުން އާއްމުކޮށްފައި ވަނިކޮށެވެ. ކޮންމެ ގައިދީއަކަށް ދައުލަތުން މަހަކު 15،000 ހޭދަވާ އިރު، ޖަލަކީ އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަނެއް ކަމަށާއި ގައިދީންނާ ދޭތެރޭގައި އިންތިހާ އަށް ތަފާތުކުރުން ގެންގުޅޭ ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.

ޖަލު އޮޑިޓް ކުރި ކޮމިޝަނުން ލަފާ ދީފައި ވަނީ، ގައިދީންނާ ދޭތެރޭގައި މިހާރު އަމަލުކުރަމުންދާ އުސޫލްތައް ވީހާ ވެސް އަވަހަށް ބަދަލުކޮށް ޖަލުތައް ހިންގުން ހަރުދަނާ ކުރުމަށެވެ. އެ މަސައްކަތް ހޯމް މިނިސްޓްރީން ކުރިއަށް އެބަ ގެންދެ އެވެ.