ޗައިނާ އާއި ސައުދީ އަށް އާ ސަފީރުން އައްޔަންކުރައްވައިފި

ރާއްޖެ އިން ޗައިނާ އާއި ސައޫދީ އަރަބިއްޔާ އަށް ކަނޑައެޅި އާ ދެ ސަފީރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.


ރައީސް އޮފީހުން ބުނީ ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކަށް މ. ބީނާފުށި، އާއިޝަތު އާޒިމާ އަދި ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރަކަށް ގ. އުތުރުގެއާގެ، މުހައްމަދު ހަލީލް ހަމަޖައްސަވައި އެ ދެ ބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ފަތްކޮޅު އަރުއްވާފައިވާ ކަމަށެވެ.

މުހައްމަދު ހަލީލަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލްގެ ކޮއްކޮ އެވެ.

އާޒިމާއި ހަލީލު ސަފީރަަކަށް އައްޔަންކުރުމަށް މިދިޔަ ފެބްރުއަރީ މަހު ވަނީ ރައްޔިތުންގެ މަޖިލީހުން ރުހުންދީފަ އެވެ.

ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސް އޮފީހުގައި މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޗައިނާގެ ސަފީރަކަށް މިހާތަނަށް ހުންނެވީ މުހައްމަދު ފައިސަލެވެ. އޭނާ އެ މަގާމު އަދާކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެންނެވެ.

އާޒިމާ ވަނީ 1988 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި އެކި ފެންވަރުގެ މަގާމުތައް އަދާކުރައްވައިފަ އެވެ. އެގޮތުން ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުކަމުގެ މަގާމާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޖޮއިންޓް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި އެވެ.

އިންޑިޔާއިން އެންވަޔަރްމަންޓަލް ލޯ އެންޑް ޕޮލިސީގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރައްވާފައިވާ ހަލީލަކީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 1983 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކިފަންތީގެ މަގާމުތައް ފުރުއްވައިފަ އެވެ.