އަންހެނަކަށް އަނިޔާކުރި އޭނާގެ ލޯބިވެރިޔަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާރާމާރީއެއް ހިންގާ ކަމަށް ބުނެ އިއްޔެ ހެނދުނު 7:20 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދަށް ދިޔައިރު އެއީ ގެވެށި އަނިޔާގެ މައްސަލައެއްކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.
އަންހެން މީހާގެ އަތާއި ބޮލުގައި އަނިޔާގެ ނިޝާންތައް ފެންނަން ހުރިއިރު ފުލުހުން ވަނީ އަންހެން މީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ފިރިހެން މީހާ ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފަ އެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
އެ އަންހެން މީހާ އަށް އަނިޔާކުރާ ފޮޓޯތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. އެ ފޮޓޯތަކުން ފެންނަގޮތުގައި އަންހެން މީހާ އިށީންދެގެން ބިންމަތީގައި އިންނައިރު އަންހެން މީހާގެ އަތުގައި، ފިރިހެން މީހާ ހިފައި އެތަނުން އޭނާ ގެންދަން އުޅޭ މަންޒަރު ފެނެ އެވެ.